ވިލިމާލޭ މޫދު ކުޅިވަރު ސަރަހައްދުގައި ހުންނަ ނިކަގަސް ކަނޑައިލުމުގެ މަސައްކަތް ކުރަން ވެމްކޯއަށް ހުއްދަދިނީ މާލޭ ސިޓީ ކައުންސިލުން ނޫން ކަމަށާއި އެކަމާ ގުޅޭ ގޮތުން ގާނޫނީ ފިޔަވަޅު އަޅަން ފާސްކުރަން އަންނަ ހަފުތާގެ ރަސްމީ އާންމު ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށް، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން މިއަދު ވިދާޅުވެއްޖެއެވެ.
ވިލިމާލޭ މޫދު ކުޅިވަރު ސަރަހައްދުގައި ހުންނަ ނިކަގަހެއް ކަނޑައިލުމުގެ މަސައްކަތް ފެށުމުން، ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ އެކްޓިވިސްޓަކު ވަނީ އެ ގަހަށް އަރައި، ގަސް ކެނޑުމުގެ މަސައްކަތް ހުއްޓުވަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ އެ ތަނުން ގެންގޮސްފައެވެ.
މިކަމާ ގުޅިގެން 'އެކްސް'ގައި ފުރުޝާން ލިޔުއްވައިފައިވަނީ ނިކަގަސް ކަނޑައިލުމުގެ ހުއްދަދީފައިވަނީ މާލޭ ސިޓީ ކައުންސިލުން ކަމަށް، އެ އަވަށުގައި އުޅެމުން އަންނަ އާންމުން ގާތު ފުލުހުން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެ ހުއްދަ ނުދެން، ފުލުހުން އޮތީ އެ ގަސް ވަށައި ޓޭޕު ދަމައިފައި، އާންމު ހެދުމުގައި ގަސް ކަނޑަން ބަޔަކު އައީ، އެކަން ކުރަން ހުއްދަދިނިންތޯ ކައުންސިލްގެ ޑިޕާޓްމަންޓުތަކުގައި އެހުމުން، ގަސް ކެނޑުމަށް ހުއްދަދިންކަމުގެ ލިއުމެއް އެއްވެސް ފަރާތަކަށް ނުދޭ ކަމަށް ޑިޕާޓްމަންޓުތަކުން މައުލޫމާތު ދޭ،" ފުރުޝާން ލިޔުއްވައިފައިވެއެވެ.
https://x.com/ctrlshiftdream/status/2118273091382161670
ނިކަގަސް ކަނޑައިލުމަކީ ސަރުކާރުން ތިމާވެއްޓަށް ދެމުންދާ ގެއްލުމެއްގެ ގޮތުގައި ފުރުޝާން ވަނީ ސިފަކުރައްވައިފައެވެ.
މި މައްސަލައިގައި ގާނޫނީ އެއްވެސް ފިޔަވަޅެއް އަޅާނެތޯ 'އެކްސް'ގައި މީހަކު ސުވާލުކުރުމުން ފުރުޝާން ވަނީ އަންނަ ހަފުތާގައި އޮންނަ މާލޭ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާގައި މި މައްސަލަ ތާވަލުކުރަން ހުށަހަޅާނެކަން ހާމަކުރައްވައިފައެވެ.
https://x.com/ctrlshiftdream/status/2118283632611889461
"ފުލުހުންނަށް ގުޅައި ނިކަގަސް ކަނޑައިލަން މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ލިއުމުން ހުއްދަނުދޭކަން ވާނީ އަންގައިފައި، އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން ވަނީ ގަސް ކެނޑުން ހުއްޓައިލަން އަޅުގަނޑުމެންނަށާއި ފުލުހުންނަށާއި ވެމްކޯއަށް ސިޓީއަކުން އަންގައިފައި،" ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ އައިމިނަތު ޒޫނާއަށް ފުރުޝާން ދެއްވި ޖަވާބުގައިވެއެވެ.
https://x.com/ctrlshiftdream/status/2118303155348025513
ފާހަގަކޮށްލެވޭ ގޮތުގައި، ވިލިމާލެ އާއި މައްޗަންގޯޅީގައި ހުރި ނިކަގަސްތަކެއް ކަނޑަން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިއުލާންކުރައްވައިފައެވެ. އެއާއެކު، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.