އިނގިރޭސީންގެ އަނިޔާވެރި މާޒީއަށް، ކޮމަންވެލްތުގެ ސަމިޓްގައި ޗާލްސް އިއުތިރާފު ވެވަޑައިގެންފި

އިނގިރޭސި ރަސްގެފާނު ޗާލްސް --

އެންޓިގުއާ އެންޑް ބާބިއުޑާ (4 ނޮވެންބަރު 2026): އިނގިރޭސިވިލާތުން އިންސާނުން އަޅުންގެ ގޮތުގައި ގަނެވިއްކައި، ހައިވާނުން ފަދައިން ކޮށިތަކުގައި ބަންދުކޮށްގެން ގެންގުޅެ ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ރަސްގެފާނު ޗާލްސް ތިންވަނަ އިއުތިރާފު ވެވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ލާއިންސާނީ މާޒީއަށާއި ހައިވާނުންނަށް ވުރެވެސް ދަށުދަރަޖާގައި އިނގިރޭސިވިލާތުން އިންސާނުންނާމެދު ކުރި މުއާމަލާތްތަކާއި އިނގިރޭސި ކާބަފައިން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާކަމަށް ޗާލްސް އެއްބަސްވެ ވަޑައިގެންފައިވަނީ އެންޓިގުއާ އެންޑް ބާބިއުޑާގެ ވެރިރަށް ސެންޓް ޖޯންސްގައި ކުރިޔަށްދާ އިނގިރޭސި ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ތަގްރީރު ކުރައްވަމުންނެވެ. މި ސަމިޓްގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދެއްވި ތަގްރީރުގައި ޗާލްސް ވިދާޅުވީ އިނގިރޭސިވިލާތުގެ މާޒީއަކީ އަޅުވެތިކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކަޅު މާޒީއެއްކަމުގައެވެ.

އިނގިރޭސި ދައުލަތުގެ މާޒީއަކީ ލަދުވެތި އަދި އަނިޔާވެރި ސަފުހާތަކުން ފުރިގެންވާ މާޒީއެއްކަމަށް އިއުތިރާފުވެ ވަޑައިގަންވަމުން ޗާލްސް ވިދާޅުވީ މި ހިތާމަވެރި އަދި އަނިޔާވެރި މާޒީން އިބުރަތް ހާސިލުކޮށް އައު މުސްތަގުބަލެއް ބިނާކުރަން ޖެހޭކަމުގައެވެ. މާޒީ ވާނީ މާޒީއަށް ކަމަށާއި ކާބަފައިން ކުރިން ހިނގާފައިވާކަންކަން ބަދަލުނުކުރެވޭނެކަމަށް ޗާލްސް ވިދާޅުވިއެވެ. ނަމަވެސް މިކަމަށް މައާފަށް އެދުމަށާއި މި ޖަރީމާތަކަށް ބަދަލުދިނުމަށް، އިނގިރޭސި އެހެން ރަސްރަސްކަލުންނާއި ރާނީން ފަދައިން ޗާލްސް ވެސް ފަސްޖެހިވަޑައިގެންފިއެވެ. އަދި އެކަމަށް މައާފަށް އެދެން ނުޖެހޭ ސަބަބާއި އެކަމަށް ބަދަލުދޭން ނުޖެހޭ ސަބަބު ޗާލްސްއަށް ބަޔާން ކޮށެއް ނުދެވުނެވެ.

"މިހާރު އޮތްގޮތަކީ އެ ލަދުވެތި އެ ލާއިންސާނީ ސަފުހާތަކުން އިބުރަތް ހޯދައި ކޮމަންވެލްތްގެ ގައުމުތަކުގެ މެދުގައި އެކުވެރިކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ އައުބާބެއް ފެށުން" ޗާލްސް ވިދާޅުވިއެވެ.

އެންޓިގުއާ އެންޑް ބާބިއުޑާ ގައި ކުރިޔަށްދާ ކޮމަންވެލްތުގެ ސަމިޓްގެ މައިގަނޑު މަގްސަދަކީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް އިނގިރޭސިވިލާތުން ހިންގި އަޅުންގެ ވިޔަފާރިއަށް އިނގިރޭސި ދައުލަތުން މައާފަށް އެދުމަށާއި އެ ޖަރީމާތަކަށް މާލީގޮތުން ބަދަލު ދިނުމަށް އިނގިރޭސި ދައުލަތުގެ ކިބައިން އެދުމެވެ.

އެންޓިގުއާ އެންޑް ބާބިއުޑާގައި ކުރިޔަށްދާ އިނގިރޭސި ކޮމަންވެލްތް ޖަމާއަތުގެ ސަމިޓް

އެޓްލާންޓިކް ކަނޑު ހުރަސްކޮށް އިނގިރޭސިވިލާތުން ހިންގި މިޖަރީމާތަކުގައި އެފްރިކާގެ އެތައް މިލިޔަން ބަޔަކު މަރާލިއެވެ. މީގެތެރޭގައި އަޅުންގެ ގޮތުގައި އެމެރިކާގެ ބައްރަށް ބޯޓުތަކުގައި ދަގަނޑުން ހިލިހިލާ ޖަހައިގެން ގެންދިޔަ އެތައް ހާސް އެފްރިކާ ރައްޔިތުން ދިރިތިއްބައި އެޓްލާންޓިކް ކަނޑަށް އުކާލައި އެ މީހުން ޣަރަގުކޮށްގެން މަރާލިއެވެ. އަދި އިންސާނުން ހިތަށް ވެސް ނުގެނެވޭވަރުގެ ލާއިންސާނީ އެތަށް ޖަރީމާއެއް އިނގިރޭސީން ހިންގިއެވެ. މިއީ އިނގިރޭސިވިލާތުގެ މާޒީއެވެ. އިނގިރޭސި ކާބަފައިންނާއި އިނގިރޭސި ބަތަލުންގެ އަނދިރި ފަރާތެވެ.

މި ޖަރީމާތަކުގެ މާލީ ބަދަލަށް އެތައް ޓްރިލިޔަން ޑޮލަރެއް އަރާއިރު މިއަދުގެ އިނގިރޭސިވިލާތަކީ އެ ގައުމުގެ މުޅި މިލްކިއްޔާތުގައިވެސް މިއާ ގާތްކުރާ މިންވަރަށް ވެސް ތަނަވަސްކަން ނެތް ކުޑަ އަދި ބައިނަލްއަގްވާމީ ދުނިޔޭގައި އިގްތިސާދީ ގޮތުންނާއި ޖިއޮޕޮލިޓިކަލް ގޮތުން މާބޮޑު ބުރަދަނެއްނެތް ގައުމެކެވެ. ބަދަލުދިނުމުގެ މި މައްސަލަ ކޮމަންވެލްތުގެ މި ސަމިޓުގެ އެޖެންޑާގައި ހިމެނުމަށް އެފްރިކާގެ ބައެއް ގައުމުތަކާއި ބަހާމާސް، ބާބެޑޯސް އަދި ޖެމެއިކާ ފަދަ ކެރީބިއަން ހިމެނޭ ގޮތަށް ކޮމަންވެލްތުގެ 23 ގައުމަކުން މަސައްކަތްކުރި ނަމަވެސް އިނގިރޭސި ސަރުކާރު ގެންދަނީ މިކަމަށް ދެކޮޅު ހަދަމުންނެވެ.

ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުން 1600 ގެ އަހަރުތަކުން ފެށިގެން ހިންގަމުން ގެންދިޔަ މި ޖަރީތަކުގައި އެފްރިކާގެ ބާރަ ވަރަކަށް މިލިޔަން މީހުން އަޅުވެތިކޮށްފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ވަރަކަށް މިލިޔަން މީހުން އަޅުވެތިކޮށް އެމީހުން ޖަނަވާރުން ގޮތަށް ހިލިހިލާ ޖަހައިގެން އެމެރިކާގެ ބައްރަށް އުފުލީ އިނގިރޭސިވިލާތުންނެވެ. މިއީ އިނގިރޭސިވިލާތުގެ ހުތުރު މާޒީގެ އެތައް ސަފުހާތަކުގެ ތެރެއިން އެންމެ ކަޅު އެއް ސަފްހާއެކެވެ.

އެ ނޫން ސަފުހާތަކަށް ބަލާއިރު މިހާރު އިންޑިއާއާއި ޕާކިސްތާނާއި ބަންގްލަދޭޝް ހިމެނޭ އިންޑިއަން ސަބްކޮންޓިނެންޓުން އެކަނިވެސް ހައިހޫނުކަމުގައި ޖައްސައިގެން އިނގިރޭސި ދައުލަތުން 20 މިލިޔަން މީހުން މަރާލިކަން ތާރީޚީ ސަފްހާތަކުން ހާމަވެއެވެ. އަދި ޗައިނާގެ އާބާދީ ހަލާކުކޮށްލުމަށްޓަކައި އެމީހުންނަށް އަފިހުންދީ މަސްތުވާތަކެތީގެ ޝިކާރައަކަށް ހެދިއެވެ.

އިނގިރޭސީން ހިންގި އިންސާނުން އަޅުވެތިކުރުމުގެ ޖަރީމާތަކަށް މައާފަށް އެދުމުގެ ބަދަލުގައި ޗާލްސް ވަނީ މާޒީގައި ހިނގާފައިވާކަންކަން އަލުން ތަކުރާރުނުވާނެ ގޮތަކަށް ކޮމަންވެލްތު މެދުވެރިކޮށް ހައްލު ހޯދުމަކީ މިވަގުތަށް އޮތް އެންމެ ރަނގަނޅު ގޮތްކަމަށް ވިދާޅުވެ އިނގިރޭސީންގެ ކަޅު މާޒިގެ ޒިންމާތަކުން ރެކިވަޑައިގަތުމަށް މަސައްކަތް ކުރައްވައިފައެވެ. މިގޮތުން އިންސާނުން އެއްބަޔަކު އަނެއް ބަޔަކާ ތަފާތުނުކޮށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމުގައި ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން ގާއިމް ކުރުމުގެ ވާހަކަތައް ދައްކަވައި ޗާލްސްވަނީ އޭނާގެ ތަގްރީރުގައި މި މައުޟޫއު އެހެން ގޮތަކަށް ބަދަލުކޮށްލައްވައިފައެވެ.

ކޮމަންވެލްތުގެ ސަމިޓްގައި ޗާލްސް ދެއްވި ޚިތާބު ނިންމަވައި ލެއްވީ އިނގިރޭސީންގެ އަޅުވެތިކަމުގެ ޝިކާރައަކަށްވި ގައުމުތަކުގެ ކިބައިން މައާފަށް އެދުމާއި އެގައުމުތަކަށް އެކަމުގެ މާލީ ބަދަލުދިނުމުގެ ބަދަލުގައި ތާރީޚުން ހިތްވަރު ލިބިގަނެ، މާޒީގެ ބިރުވެރިކަމުން ސަލާމަތް ވުމަށް ބާރުއަޅުއްވަމުން މައުޟޫއު އެހެން ގޮތަކަށް ބަދަލުކޮށްލައްވައިގެންނެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެފްރިކާގެ ބައެއް ގައުމުތަކާއި ބަހާމާސް، ބާބެޑޯސް އަދި ޖެމެއިކާ ފަދަ ކެރީބިއަން ހިމެނޭ ގޮތަށް އިނގިރޭސީންގެ އަޅުވެތިކަމުގެ ހިތި ރަހަ އިހުސާސްކޮށްފައިވާ ކޮމަންވެލްތުގެ 23 ގައުމަކުން ތިބީ މުސްތަގްބަލްގައި މިކަން މިގޮތަށް ދޫކޮށްލާ ގޮތަކަށް ނޫނެވެ. އިނގިރޭސީންގެ އަނިޔާވެރި މާޒީއަށް އިނގިރޭސި ދައުލަތް ޒިންމާ ކުރުވާ ގޮތަށެވެ. އިނގިރޭސީން ކެނޑި ކަނޑުލުގެ ހިތި އިނގިރޭސީން ލައްވައި ފިލުވާގޮތަށެވެ.

comment ކޮމެންޓް