ތޯމަސް މާކަލްއަށް ބޮޑެތި ތުހުމަތުތަކެއް؛ މޭގަންއަށް އެފަދަ ތުހުމަތުތަކެއްގެ މައުލޫމާތު 2018ގައި ލިބިވަޑައިގަތް

މޭގަން އާއި ބައްޕަ ތޯމަސް މާކަލް: ތޯމަސްގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައި --

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން ޑަޗެސް މޭގަންގެ ބައްޕަ، ތޯމަސް މާކަލްއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުން މައްސަލަ ތަހުގީގުކުރާކަން ހާމަވެފައިވާއިރު، އެ ތުހުމަތުތަކާ ގުޅޭ މައުލޫމާތު 2018ގައި ލިބިވަޑައިގަތްކަން މޭގަން ހާމަކުރައްވައިފިއެވެ.

ތޯމަސް މާކަލްއާ ދެކޮޅަށް ތަހުގީގު ކުރަމުން އަންނަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި ގެންގުޅުމުގެ ތުހުމަތު ކުރެވޭ މައްސަލައެކެވެ. ތޯމަސް މާކަލްގެ ފިރިހެން ދަރިފުޅު، ތޯމަސް މާކަލް ޖޫނިއާ އިނގިރޭސި ނޫހަކަށް ދިން މައުލޫމާތުގައިވަނީ، ފިލިޕީންސްގެ ސެބޫގައި ހުރި ތޯމަސްގެ ކުރީގެ ގޭގައި ހުރި ފޮށިތަކަކުން އެފަދަ އެތައް ސަތޭކަ ފޮޓޯއަކާއި ވީޑިއޯއެއް ފެނުނު ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ފިލިޕީންސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އަންޑަސެކްރެޓަރީ ނިކޮލަސް ޓައި ވަނީ، ސެބޫގެ ޚާއްސަ ޓާސްކްފޯހަކުން އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ތޯމަސް މާކަލްގެ ކޮމްޕިއުޓަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޑިޖިޓަލް ފޮރެންސިކް ތަހުލީލުތައް ކުރަމުންދާ ކަމަށާއި، ހަފުތާއެއްގެ ތެރޭގައި އޭގެ ނަތީޖާ ލިބޭނެ ކަމަށް ފިލިޕީންސްގެ އިންޓީރިއާ މިނިސްޓަރު ޖޮންވިކް ރެމުއްލާ ބީބީސީއަށް ވިދާޅުވިއެވެ.

އެމެރިކާގައި މިހާރު ދިރިއުޅޭ އުމުރުން 82 އަހަރުގެ ތޯމަސް މާކަލް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި މޭގަން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފެންމަތިވި ޚަބަރުތަކުގެ ސަބަބުން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށާއި، އަނިޔާއެއް ލިބިފައިވާ ކޮންމެ ކުއްޖަކާއެކު އެ ކަމަނާގެ ހެޔޮ ދުއާ ވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު ބައްޕައާ ގުޅޭ ކަންބޮޑުވާ ފަދަ ތުހުމަތުތަކެއް ހިމެނޭ ސިޓީއެއް އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސްއަށް ލިބި، ފަހުން އެ ސިޓީ އެ ކަމަނާއާ ހިއްސާކުރި ކަމަށް މޭގަން ވިދާޅުވިއެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމުގެ ޔަގީންކަން އޭރު ދީފައިވާ ކަމަށާއި، ބައްޕައާ ދުރުގައި ހުންނެވީ އަދި ދަރިކަލުންނާއި ދަރިކަނބަލުން ބައްޕައާ ބައްދަލުވިޔަ ނުދެއްވީ އެ ކުދިންގެ ރައްކާތެރިކަމަށްޓަކައިކަން މިހާރު އެންމެންނަށް ވެސް އެނގޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މޭގަން ވިދާޅުވިއެވެ.

ތޯމަސްއާ ދެކޮޅަށް މިހާރު ބަލަމުންދާ މައްސަލައާ، މީގެ ކުރިން އޭނާއާ ދެކޮޅަށް ކުރި ތުހުމަތުތަކާ ގުޅުމެއް އޮތް ކަމަށް މޭގަން ވިދާޅެއްނުވެއެވެ.

ޕްރިންސް ހެރީއާއި މޭގަން 2018 ވަނަ އަހަރު ކުރެއްވި ކައިވެނީގެ ކުރިން، ކައިވެންޏާ ގުޅުންހުރި ފޮޓޯތަކެއް ވިއްކުމަށް ތޯމަސް ފޮޓޯތަކެއް ނެގި މައްސަލައެއްގައި، މޭގަންއާއި ބައްޕައާ ދެމެދު ގުޅުން ކެނޑުނެވެ.

ތޯމަސް ފިލިޕީންސްއަށް ދިޔައީ ސިއްހީ މައްސަލަތަކަކާ ހުރެ ފަރުވާއަށެވެ. އެގޮތުން މިދިޔަ އަހަރު ފިލިޕީންސްއަށް ބަދަލުވުމަށްފަހު، އެ އަހަރުގެ ޑިސެންބަރު މަހު ކުރި އޮޕަރޭޝަނެއްގައި ތޯމަސް މާކަލްގެ ވާތު ފައިގެ ތިރީ ބައި ވަނީ ބުރިކޮށްލާފައެވެ.

އެމެރިކާގައި ހަ އަހަރު އުޅުއްވުމަށްފަހު ހެރީއާއި މޭގަންގެ އާއިލާ މިދިޔަ އޮގަސްޓް މަހު ވަނީ އިނގިރޭސިވިލާތަށް އެނބުރި ވަޑައިގެންފައެވެ. އެ އާއިލާގެ ދިރިއުޅުމަށް ގެނައި ބަދަލާ މި މައްސަލައާ ގުޅުމެއް އޮތްތޯ ކުރެވޭ ސުވާލުތަކަށް އެ ދެކަނބަލުންގެ ތަރުޖަމާނު މިހާތަނަށް ޖަވާބެއް ނުދެއްވާ ކަމަށް އިނގިރޭސި ނޫސްތަކުގައިވެއެވެ.

comment ކޮމެންޓް