ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހުން އެކުންފުނިތަކުގެ ގޭސްފުޅިތަކަށް ގޭސް އަޅައިދޭ މިންވަރުތަކަށް ބަދަލު ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން އެކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. މި ދަތިތަކާއެކުވެސް މޯލްޑިވް ގޭހުގެ ޚިދުމަތް މެދުނުކެނޑި ރައްޔިރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނީގެ ގޭސްފުޅިތައް ބަރުކުރާ މިންވަރަށް ވަގުތީ ބަދަލެއް ގެނެސްފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ގޭސް ބަރުކުރާ މިންވަރަށް ގެނެސްފައިވާ ބަދަލުތައް:
- 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ ހަތް ކިލޯގެ ގޭސް
- 22 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 14 ކިލޯގެ ގޭސް
- 45 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 31 ކިލޯގެ ގޭސް
މޯލްޑިވް ގޭހުގެ ގޭސްފުޅިތަކެއް ޑެލިވަރީއަށް ތައްޔާރުކޮށްފައި: އެކުންފުނިން ގޭސްފުޅިތައް ބަރުކުރާ މިންވަރަށް ވަނީ ވަގުތީގޮތުން ބަދަލުތަކެއް ގެނެސްފައި --- ފޮޓޯ: އެސްޓީއޯމި ބަދަލުތައް ގެނެސްފައިވީނަމަވެސް މިކަމުގެ ސަބަބުން ގޭހުގެ އަގު ބޮޑުނުވާނެކަމުގެ ޔަގީންކަް، މޯލްޑިވް ގޭހުން ދީފައިވެއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ފައިސާ ނަގަމުންދާނީ މިހާރުވެސް ކަނޑައެޅިފައިވާ ރޭޓުގައި، ފުޅިއަށް އަޅާ ގޭހުގެ ބަރުދަނަށްކަމަށް އެކުންފުނިން ބުނެއެވެ.
ގޭސްފުޅި ބަރުކޮށްދޭ މިންވަރު މަދުކޮށް، ބަދަލުތައް އާންމުކޮށްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ގޭސް ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން މޯލްޑިވް ގޭހުން އޭރު ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅިވެސް ވިއްކާފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.
ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާކަމުގެ ޝަކުވާތައްވެސް އެދުވަސްވަރު ފެންމަތިވިއެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ދިމާވިޔަ ނުދިނުމަށްޓަކައި ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށް މޯލްޑިވް ގޭހުން ބުނެފައިވެއެވެ. މި މަޝްރޫއު ނިމުމުން، ތިން މަސްދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވޭނެކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.