ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގައި ރޭ، ވިއަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަ ލަނޑާއެކު އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ޕީއެސްޖީ، ފައިދާ ގޯލުގެ ބޮޑު ތަފާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ވިއަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނިމެންދެން، އެއްކޮށް ޑޮމިނޭޓުކޮށްފައި ވަނީ ޕީއެސްޖީންނެވެ. އެގޮތުން އެ ޓީމުން 71 ޕަސެންޓު ބޯޅަ ހިފަހައްޓާފައިވާއިރު، ޖުމްލަ 15 ހަމަލާއެއް ގޯލަށް ފޮނުވާލައި، އޭގެން 12 ހަމަލާ ގޯލަށް އަމާޒުކޮށްފައި ވެސް ވެއެވެ. ބަދަލުގައި ވިއަރެއާލަށް މުޅި މެޗުގައި ވެސް ފޮނުވާލެވިފައި ވަނީ އެންމެ ނުވަ ހަމަލާއެވެ. އޭގެ ތެރެއިން ވެސް ގޯލަށް އަމާޒުވެފައި ވަނީ އެންމެ ދެ ޝޮޓެވެ.
މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ފުރަތަމަ ހަތަރު ލަނޑު ކާމިޔާބުކޮށްފައި ވަނީ އެންމެ އަށް މިނެޓު ތެރޭގައެވެ. އެގޮތުން މެޗުގައި ޕީއެސްޖީން ވިއަރެއާލްގެ ގޯލު ހުޅުވާލާފައި ވަނީ މެޗުގެ ނުވަ ވަނަ މިނެޓުގައި ޔާއޯ ނެވެސް ކާމިޔާބުކުރި ލަނޑާއެކުއެވެ. ދެވަނަ ލަނޑު، މެޗުގެ 12 ވަނަ މިނެޓުގައި ޑިޒައިރޭ ޑުއޭ ކާމިޔާބުކުރިއިރު އޭގެ ސިކުންތުކޮޅެއް ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ސެނީ މަޔޫލޫ ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޕީއެސްޖީގެ ހަތަރުވަނަ ލަނޑު، މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައި ވަނީ މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމުގެ ފަސްވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފަބިއަން ރުއީޒްއެވެ. ރޭގެ މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ފަހު ލަނޑު، މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައި ވަނީ ޑޭވިޑް ބޮލީއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ 15 ގޯލުގެ ބޮޑު ފައިދާއަކާވެސް އެކުގައެވެ. މިރޭ ރެއާލް މެޑްރިޑް، ލިވަޕޫލް އަދި ރެއާލް ބެޓިސް ކުޅޭ މެޗުތަކުން އެ ޓީމުތައް މޮޅުވެއްޖެނަމަ ޕީއެސްޖީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް ޕީއެސްޖީ ދެވަނައަށް ވައްޓާލަން ބޭނުންވާނަމަ ވަރަށް ބޮޑު ނަތީޖާއަކުން މޮޅުވުން ނޫން ގޮތެއް މި ވަގުތަކު ނެތެވެ.
މެޗުން ބަލިވި ވިއަރެއާލް އޮތީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ 29 ވަނައިގައެވެ.