ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަށް ވިސްނާލުމުން އެނގެނީ، ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކަށް ލިބޭ ކުޑަ ފުރުސަތެއްގެ ބޭނުން ހިފައިގެން ވެސް، ޤައުމަށް ޣައްދާރުވެ ކިތަންމެ ބޮޑު ޖަރީމާއެއް ހިންގުމަށް ވެސް ފަސްނުޖެހޭނެކަން ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން، އެމަނިކުފާނު ނެރުއްވި ޚިޠާބުގައި ވަނީ، މި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނާއި އެމްޑީއޭގެ އެންމެހައި މެންބަރުންނަށް އަރިސްކުރައްވައިފައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ވަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ފަތިހުގެ ހަމަހިމޭންކަން ނަގާލައި، ދިވެހީންގެ މަދު ޚާއިނުންތަކެއް އަޑީގައިތިބެ ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖެއަށްދިން ހަމަލާއަކީ، މި ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގޮންޖެހުންކަން ފާހަގަކުރައްވާފައެވެ.
އެ ބިރުވެރި ދުވަހުގެ ހިތާމަވެރި ހަނދާންތަކަކީ، ދިވެހީންގެ ހިތްތަކުން ދުވަހަކު ވެސް ފިލާނެ ހަނދާންތަކެއް ނޫންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ނާޒުކު ވަގުތު، މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ ޤައުމީ މިނިވަންކަމުގެ ދިފާއުގައި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި މާތް ޝަހީދުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ވަނީ ﷲގެ ހަޒްރަތުގައި ދުޢާ ދަންނަވާފައެވެ.
https://x.com/Sun_Siyam/status/2117477357804274029
ނޮވެމްބަރު ތިނެއްގެ އުދުވާނަކީ، ދިވެހި އުންމަތަށް އަގުހުރި އެތަކެއް ޢިބްރަތްތަކަކާއި ފިލާވަޅުތަކެއް ދަސްކޮށްދިން ހާދިސާއެއްކަމަށާއި، ދިވެހި ދަރިންތަކެއް ހިމެނޭހެން 19 ބޭފުޅަކު ޝަހީދުވި އެ ނާމާން ހަމަލާގެ ފަހަތުގައި ދިވެހި ޚާއިނުންތަކެއް ޝާމިލުވެފައިވުމީ އެހާދިސާއިން ފެންނަން އޮތް އެންމެ ހިތި ހަޤީޤަތް ކަމަށް އެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.
އެ އުދުވާނުގެ ވަށައިގެންވާ ކަންކަމަށް ފުންކޮށް ވިސްނައިލުމުން އެނގެނީ، ވެރިކަމުގެ ދަހިވެތިކަމާއި އަމިއްލަ އެދުމުގައި ޣާފިލުވެފައިވާ ބަޔަކަށް ލިބޭ ކުޑަ ފުރުސަތެއްގެ ބޭނުން ހިފައިގެންވެސް، ޤައުމަށް ޣައްދާރުވެ ކިތަންމެ ބޮޑު ޖަރީމާއެއް ހިންގުމަށް ވެސް ފަސްނުޖެހޭނެކަން ކަމަށް އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި ލޮބުވެތި ވަޠަނުގެ މިނިވަންކަމާއި އިސްތިޤްލާލާއި އަމަންއަމާންކަން ނަގާލަން އަންނަ ކޮންމެ ނުރައްކަލަކުން ޤައުމު ދިފާއުކުރުމަށް ޓަކައި، ކެރިގެން ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމަށް ވަފާތެރިވެ، ކޮންމެ ކަމެއްގައި ވެސް އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރާ ޒިންމާދާރު ރައްޔިތަކަށް ވުމުގެ ޢަޒުމު އާކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އެމަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ، މި ލޮބުވެތި ދިވެހިރާއްޖެއަކީ، އަބަދުމެ މިނިވަންކަންމަތީ ދެމިއޮންނަ، އަމާން، އުފާފާގަތި ޤައުމެއްގެ ގޮލުތައި ލެއްވުމަށާއި ޤައުމަށް ކުރިމަތިވާ އެންމެހައި ޢުދުވާންތަކާއި ނުރައްކާތަކުން ޤައުމު ސަލާމަތްކޮށްދެއްވުމަށް އެދި މާތްﷲގެ ހަޒްރަތުގައި ދުޢާ ދަންނަވަމުންނެވެ.