ރާއްޖޭގެ އިގްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ، އިގްތިޞާދު ސިންދަފާތުކުރުމަށާއި، ކޮންމެ ދިވެހި ރައްޔިތަކީ އާމްދަނީ ލިބޭނެ މަސައްކަތެއްގައި މަޝްޣޫލުވާ މުރާލި މީހަކަށްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ސިޔާމް މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
މި ޚިޠާބުގައި ސިޔާމް ވިދާޅުވީ، ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާއި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ އެކި ދާއިރާތަކަށް ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ.
ވަކިން ޚާއްސަކޮށް ރާއްޖޭގެ އިގްތިޞާދު ބިނާވެފައިވަނީ ބޭރުގެ ނުފޫޒުތަކާ ގުޅިފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ކަމަށްވުމުން، އިތުރު ސިނާއަތްތައް ތަރައްޤީކޮށް އިގްތިޞާދު ފުޅާކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަކީ ފުދުންތެރި ބަޔަކަށް ވުމަށްޓަކައި، ކޮންމެ ރައްޔިތަކީ ވެސް އާމްދަނީ ލިބޭނެ މަސައްކަތެއްގައި މަޝްޣޫލުވާ، މުރާލި މީހަކަށް ވުމަށް ނަޞޭޙަތްތެރިވަމެވެ،" ސިޔާމްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ގައުމީ ދުވަހުގެ ބަޠަލް އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމަށް ކުރެއްވި ޖިހާދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސިޔާމް ވިދާޅުވީ، އެމަނިކުފާނު ރާއްޖެއަށް ހަމަޖެހުމާއި ތަރައްޤީ ގެނެސްދެއްވުމަށް ކުރެއްވި ލާމަސީލު މަސައްކަތްޕުޅަކީ މިއަދުގެ ކޮންމެ ދިވެހި ދަރިއަކު ޢިބުރަތް ޙާޞިލުކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި އިސްލާމީ ވަޙްދަތު ހިމާޔަތްކޮށް، ފުދުންތެރި އިގްތިޞާދެއްގެ ބިންގާ އެޅުއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޚިދުމަތްތަކާ މެދު ފުންކޮށް ވިސްނަންޖެހޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ސިޔާމްގެ ޚިޠާބު ނިންމަވާލެއްވީ ދިވެހި އެންމެހައި ރައްޔިތުންނަށާއި އެމްޑީއޭގެ މެންބަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ. އަދި ދިވެހިރާއްޖެއަކީ އިސްލާމީ ހިދާޔަތުގައި ބާއްޖަވެރިކަމާއެކު ދެމިއޮތް މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.