ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމުގެ ހަރަކާތެއް، މޯލްޑިވްސް ޕޯސްޓާއި ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އިންސްޓިޓިއުޓް (އައިއެސްޑީބީއައި) ގުޅިގެން ފަށައިފިއެވެ.
މޯލްޑިވްސް ޕޯސްޓްއިން ބުނި ގޮތުގައި، 'ޕްރޮސްޕާ އެމްއެސްއެމްއީސް'ގެ ނަމުގައި ފަށައިފައިވާ މި ހަރަކާތުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކުރުމަށް ޕޯސްޓަލް ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ބަލާނެއެވެ. އަދި ލޮޖިސްޓިކްސްއާއި ޑިޖިޓަލް މާލީ ޚިދުމަތްތަކުން ވެސް ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކުރެވޭނެ ގޮތްތައް ބަލާނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.
އެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ވަނީ، 'ޕްރޮސްޕާ އެމްއެސްއެމްއީސް'އަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިޝަން 2.0ގެ މަގުސަދުތައް ހާސިލުކުރުމަށް ކުރިއަށްގެންދާ އަދި ވިޔަފާރިވެރިން ބާރުވެރިކުރުވާނެ ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް މީގެ ކުރިން ވެސް މޯލްޑިވްސް ޕޯސްޓުން އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.