ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ލީޑް ރޯލުން ފެންނަ ފިލްމު "ކިންގް"ގެ އޯޑިއޯ އަދި ވީޑިއޯ ލަވަތަކުގެ ބައިނަލްއަގުވާމީ ވިޔަފާރީގެ އެންމެހައި ޙައްގުތައް، ކުރިއަށް އޮތް 50 އަހަރުގެ މުއްދަތަށް އިންޑިއާގެ މިއުޒިކް ކުންފުނި ޓީ-ސީރީޒުން ކާމިޔާބުކޮށްފިއެވެ.
ޒީ މިއުޒިކް ކޮމްޕެނީ މެދުވެރިކޮށް ރެޑް ޗިލީސް އެންޓަޓެއިންމަންޓުން މަގުފަހިކޮށްދިން މި ބޮޑު އެއްބަސްވުމާއެކު، ފިލްމުގެ މިއުޒިކް ލައިސަންސް ދޫކުރަނީ ކުރު މުއްދަތަކަށް ކަމަށް ބުނެ ފެތުރުނު ވާހަކަތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.
މި އެއްބަސްވުމުގެ ދަށުން ފިލްމުގެ ލަވަތަކާއި، މިއުޒިކް ވީޑިއޯތަކުގެ އިތުރުން ޕަބްލިޝިންގްއާ ގުޅުންހުރި އެންމެހައި މަންފާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު ކުރިއަށް އޮތް ބައި ގަރުނަށް ލިބިގެންދާނީ ޓީ-ސީރީޒަށެވެ. މިއީ ވަގުތީ ނުވަތަ ކުރު މުއްދަތުގެ ހަވާލުކުރުމެއް ނޫންކަން ސާފުކޮށްދެއްވަމުން، އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ "ކިންގް"ގެ އޯޑިއޯ އަދި ވީޑިއޯ ހައްގުތަކުގެ މައްޗަށް 50 އަހަރުގެ ފުރިހަމަ މޮނޮޕޮލީއެއް ޓީ-ސީރީޒުން ގާއިމުކޮށްފައިވާ ކަމަށާއި، ފިލްމުގެ ކޮންމެ ލަވައަކާއި ޕަބްލިޝިންގް ދިގު މުއްދަތަކަށް ދެމިއޮންނާނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ފިލްމު "ކިންގް"ގެ ކާސްޓުގައި ހިމެނޭ ތަރިން ދައްކުވައިދޭ ފޭން ޕޯސްޓަރެއް--ފޮޓޯ/އިންސްޓަގްރާމްފިލްމުގެ އެންމެ މުހިއްމު ބަޔަކަށް އެ ފިލްމުގެ ސައުންޑްޓްރެކް ވާނެ ކަމަށް ބެލެވޭއިރު، ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ސަޗިން-ޖިގަރްއެވެ. އަދި ފިލްމުގެ ބެކްގްރައުންޑް ސްކޯ ތައްޔާރުކޮށްފައިވަނީ އަނިރުދް ރަވިޗަންދަރެވެ. މީގެއިތުރުން، ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއި އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްގެ ގުޅިގެން ގެނެސްދޭ ޚާއްސަ ލަވައެއް މި ފިލްމުގައި ހިމެނޭތީ، މިއުޒިކަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަމާއި ޝައުގުވެރިކަން މިހާރުވެސް ވަނީ މި ފިލްމަށް ހުއްޓިފައެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ފިލްމުގައި ޝާހްރުކް ޚާންއާއެކު ދީޕިކާ ޕަދުކޯން، ސުހާނާ ޚާން އަދި އަބީޝެކް ބައްޗަން ފެނިގެންދާނެއެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ 24ގައި ސިނަމާތަކުގައި އަޅުވަން ތާވަލުކޮށްފައިވާ "ކިންގް"ގެ މިއުޒިކް ރައިޓްސް ދިގު މުއްދަތަކަށް ހޯދުމާއެކު، ސިނަމާތަކުގައި ފިލްމު ދައްކައި ނިމުމަށްފަހު ވެސް، ޒަމާނީ އެކި ޕްލެޓްފޯމްތަކާއި ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް އެތައް އަހަރެއް ވަންދެން މާލީ ބޮޑު ފައިދާއެއް ހޯދުމުގެ މަގު ޓީ-ސީރީޒަށް މިވަނީ ތަނަވަސްވެފައެވެ.