ބޮލީވުޑްގެ މަޤުބޫލު އެކްޓަރު ޝާހްރުކް ޚާންގެ 61 ވަނަ އުފަންދުވަހުގެ ޚާއްޞަ ހަދިޔާއެއްގެ ގޮތުން އެކްޓަރުގެ ކުރިއަށްއޮތް ފިލްމު "ކިންގް"ގެ ފުރަތަމަ ލަވަ "ތޫ މިލް ޖާއޭ" ސަޕޯޓަރުންނަށް ދައްކާލައިފިއެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޝާހްރުކް އަދި ދީޕިކާ ޕަދުކޯންގެ ޖޯޑު އަނެއްކާވެސް ސްކްރީނުން އެކުގައި ފެނިގެންދާ މި ލަވައަކީ، އަސަރުގަދަ ލޯތްބާއި ނުރައްކާތެރި އެކްޝަން އަދި ޝާހުގެ ހައިބަތު އެއް މަންޒަރަކުން ދައްކުވައިދޭ މޮޅު ހުށަހެޅުމެކެވެ.
މި ލަވައިގެ މިޔުޒިކީ ރަހަތައް އިތުރަށް ފުރިހަމަވެގެންދަނީ އިންޑިއާގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފަންނާނުންގެ ހުނަރު އެއްތަންވުމުންނެވެ. އެގޮތުން، އިންޑިއާގެ މަޤުބޫލު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްގެ އަސަރުގަދަ އަޑާއެކު، ދުނިޔޭގެ ޕޮޕް ތަރި އެޑް ޝީރަންގެ ރެޕް ބައެއްވެސް މި ލަވައިގައި ހިމަނާފައިވެއެވެ. މީގެ އިތުރުން މަދޫބަންތީ ބަގްޗީގެ އަޑުވެސް ހިމެނޭ މި ލަވައިގެ މިޔުޒިކް ސަޗިން-ޖިގަރު ތައްޔާރުކޮށްދީފައިވާއިރު، ލަވައިގެ ޅެން ލިޔެފައިވަނީ އެޑް ޝީރަން އަމިއްލައަށް ތައްޔާރުކުރި އިނގިރޭސި ރެޕް ބައާ ފުރިހަމައަށް ގުޅޭ ގޮތަށެވެ. މި ލަވައިގެ ކޮރިއަގްރާފަރަކީ ޕިޔޫޝް-ޝާޒިއާއެވެ.
ފިލްމު "ކިންގް"ގެ މަންޒަރެއް ނެގުމުގެ މަސައްކަތުގައި ޝާހު އާއި ދީޕިކާ--ފޮޓޯ/ބޮލީވުޑްހަންގާމާޑައިރެކްޓަރު ސިދާތު އާނަންދާއި ސުޖޯއީ ގޯޝްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި މާފްލިކްސް ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޝާހުގެ އިތުރުން އޭނާގެ ދަރިފުޅު ސުހާނާ ޚާން ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ފެންނާނެ މި ފިލްމުގެ ކާސްޓުގައި އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަނިލް ކަޕޫރު، ޖައިދީޕް އަހްލާވަތު، ރާގަވް ޖުޔާލް އަދި އަބޭ ވަރްމާ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
މި އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތާވަލުކޮށްފައިވާ "ކިންގް"ގެ މި އަލަތު ލަވަ، މިހާރު ޔޫޓިއުބްގެ އިތުރުން އެކި މިޔުޒިކް ސްޓްރީމިން ޕްލެޓްފޯމްތަކުން އަޑުއަހާލެވޭނެއެވެ.