އިޤްތިޞާދީ ކުރިއެރުމުގެ ހަގީގީ މަންފާ ލިބެނީ ކާކަށް؟

އާންމު ޢާއިލާއެއްގެ އިޤްތިޞާދީ ހަގީގަތް ބިނާވެފައިވަނީ ޤައުމީ ޖީޑީޕީގެ މައްޗަކަށް ނޫން -- ފޮޓޯ / ޓުޑޭ.އެމްވީ

އެކި ސަބަބުތަކާ ހުރެ އިޤްތިޞާދީ ކުރިއެރުމަށް ބައެއްފަހަރު މަޑުޖެހުންތައް ކުރިމަތިވުމާއެކު ވެސް، ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ދަނީ ކުރިއަރަމުންނެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުގައިވާ ގޮތުން، 2025 ވަނަ އަހަރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ އަކީ 119.3 ބިލިއަން ރުފިޔާއެވެ. 2024 އާ އަޅާކިޔާ އިރު މި އަދަދު 9.8 އިންސައްތަ މަތިވެފައި ވެއެވެ. އަދި، ވޯލްޑް ބޭންކުގެ އަންދާޒާގައި ވާގޮތުން 2025 ގައި ރާއްޖޭގެ ރިއަލް ޖީޑީޕީ 6.3 އިންސައްތަ ކުރިއަރާފައި ވެއެވެ.

އިޤްތިޞާދު ކުރިއެރުމުގެ ސަބަބުން، ވަޒީފާތައް އުފެދި ވިޔަފާރިތައް ފުޅާވެ ތަރައްޤީގެ ވަސީލަތްތައް އިތުރުވެގެންދާނެއެވެ. ނަމަވެސް، ޤައުމީ އިޤްތިޞާދު ކުރިއެރުމާއި، އެ ކުރިއެރުމުގެ ފައިދާ މުޖުތަމަޢުގެ ހުރިހާ ފަންތިތަކަށް ފޯރަނީ ކިހާ މިންވަރަކަށްތޯ ބެލުން މިއީ ދެކަމެކެވެ. ވީމާ، މި ހަގީގަތާއެކު އުފެދޭ ސުވާލަކީ، އިޤްތިޞާދީ ކުރިއެރުމުގެ ހަގީގީ މަންފާ ލިބެނީ ކާކަށް ހެއްޔެވެ؟

މުޖުތަމަޢުގެ އެކި ފަންތިތަކުގެ އާންމު ދިރިއުޅުމަށް އެދެވޭ ހެޔޮ ބަދަލެއް ނައިސް ވެސް، ޤައުމީ އިޤްތިޞާދު ފުޅާވެދާނެއެވެ. ޤައުމެއްގެ އިޤްތިޞާދުގެ ބޮޑުމިނާއި ހަރަކާތްތައް ދައްކުވައިދޭ މިންގަނޑު ކަމަށްވާ ޖީޑީޕީ އަކީ، ވަކި މުއްދަތެއްގައި އުފައްދާ މުދަލާއި ޚިދުމަތުގެ މުޅި މާލީ އަގެވެ. ނަމަވެސް، އެއީ އާމްދަނީ އާއި މުދާ، އާބާދީގެ އެކި ފަންތިތަކުގެ މެދުގައި ބެހިގެންދާ ގޮތާއި އެ ފަންތިތަކުގެ ދިރިއުޅުމުގެ ފެންވަރު ހާމަކޮށްދޭ މިންގަނޑެއް ނޫނެވެ.

އިޤްތިޞާދީ ކުރިއެރުމުގެ ފާގަތިކަން އިހުސާސް ނުކުރެވޭ ހާލަތް

އާންމު ޢާއިލާއެއްގެ އިޤްތިޞާދީ ހަގީގަތް ބިނާވެފައިވަނީ ޤައުމީ ޖީޑީޕީގެ މައްޗަކަށް ނޫނެވެ. އެއީ ލިބޭ މުސާރަ އާއި ކާބޯތަކެތީގެ އަގުތަކާއި ކުއްޔާއި ދަރަންޏާއި އަދި ފައިސާގެ ގަތުމުގެ ޤާބިލުކަމާ (Purchasing Power) ގުޅިފައިވާ ކަންކަމެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލުނު މިންވަރު (އިންފްލޭޝަން) އެވަރެޖްކޮށް ހުރީ 4.0 އިންސައްތައިގައެވެ. ނަމަވެސް، މާލެއަށްވުރެ އަތޮޅުތަކުގައި ތަކެތީގެ އަގުބޮޑުވި މިންވަރު މަތީގައި ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން މާލޭގައި އިންފްލޭޝަން 3.5 އިންސައްތައިގައި ހުރި އިރު، އަތޮޅުތަކުގައި މިއަދަދު ވަނީ 4.9 އިންސައްތައަށް އުފުލިފައެވެ.

ދިވެހީންނަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ. ވޯލްޑް ބޭންކުގެ 2022 ވަނަ އަހަރުގެ ރިޕޯޓަކުން ދައްކާ ގޮތުގައި، ބޭންކު ފައިނޭންސިންގ މެދުވެރިކޮށް މާލޭ ސަރަހައްދުން ގެދޮރު ގަތުމުގެ ޤާބިލުކަން ހުރީ އެންމެ ތަނަވަސް 20 އިންސައްތަ ޢާއިލާތަކަށް އެކަންޏެވެ. އަދި 2019 ވަނަ އަހަރު މާލޭގައި ދިރިއުޅުނު ޢާއިލާތަކުގެ 74 އިންސައްތައަކީ ކުއްޔަށް ދިރިއުޅޭ ޢާއިލާތައް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އިޤްތިޞާދީ ތަރައްޤީއާ މެދު ކުރެވޭ މުހިންމު ސުވާލެއް، މި ހިސާބުތަކުން އުފައްދައެވެ. ޤައުމީ އިޤްތިޞާދު ކުރިއަރަމުން ދާ އިރު ވެސް، ގިނަ ޢާއިލާތަކަށް އަމިއްލަ ގެއެއް ހޯދުމަކީ އަތްނުފޯރާ ކަމަކަށްވެ، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވަމުން ދާނަމަ، އެ ކުރިއެރުމުގެ ހަގީގީ މަންފާ އާންމު ރައްޔިތުންނަށް ލިބެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ވީމާ، އިޤްތިޞާދީ ނަހަމަކަމަކީ (Economic Inequality) ފުރުސަތުތަކާއި ވަސީލަތްތަކަށް ވާސިލު ވެވޭ މިންވަރާ ގުޅިފައިވާ ކަމެކޭ ބުނެވިދާނެއެވެ. މިއާއެކު، މި ސުވާލުތައް އުފައްދާންޖެހެއެވެ. އަމިއްލަ މުދާ މިލްކުކުރެވެނީ ކާކަށް ހެއްޔެވެ؟ ފައިނޭންސިންގ ލިބެނީ ކާކަށް ހެއްޔެވެ؟ ފައިދާ ހުރި ސިނާއަތްތަކުގައި ބައިވެރިވެވެނީ ކާކަށް ހެއްޔެވެ؟ އަގުހުރި ބިމާއި އިޤްތިޞާދީ ފުރުސަތުތައް ލިބެނީ ކާކަށް ހެއްޔެވެ؟ އަދި ޤައުމީ އިޤްތިޞާދު އެތައް ގުނައަކަށް ކުރިއަރައިގެން ދިޔައިރު ވެސް، އަމިއްލަ ގެދޮރެއް ނެތި ކުއްޔަށް ދިރިއުޅެމުން، ހަމައެކަނި މުސާރައަށް ބަރޯސާވެފައި ތިބީ ކޮންބައެއް ހެއްޔެވެ؟

އިސްލާމީ ނިޒާމު: ޢަދުލުވެރިކަމާއެކު ތަނަވަސްކަން ދައުރުވުން

އެންމެންނަކީ ތަނަވަސްކަމުގައި މުޅީން ހަމަހަމަ ބަޔަކަށް ވުމަށް އިސްލާމްދީން ލާޒިމެއްނުކުރެއެވެ. ނަމަވެސް އިސްލާމްދީން ގޮވައިލަނީ އިޤްތިޞާދު ވެސް ހިމެނޭގޮތަށް، ހުރިހާ ދާއިރާއެއްގައި ވެސް ޢަދުލުވެރިކަން ޤާއިމު ކުރުމަށެވެ. މުދާ މިލްކުކުރުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ލިބޭ އާމްދަނީގައި ތަފާތު ހުރުން މި ދީން ގަބޫލުކުރެއެވެ.

އިޤްތިޞާދީ ޢަދުލުވެރިކަން ގާއިމުކުރުމަށް ޓަކައި، ހަމައެކަނި ތަނަވަސްކަން އިތުރުވުމުގެ ފުރުސަތު ދިނުމަކުން ނުފުދެއެވެ. އެއާއެކު، މުއްސަނދިކަން ހޯދާ ގޮތާއި ފުރުސަތުތަކަށް ވާސިލުވެވޭ ގޮތާއި މުދާ ދައުރުވާ ގޮތުގެ އިތުރުން، ނިކަމެތީންގެ ހައްގުތައް ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ.

‎﴿كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ﴾‏ (އަލްޙަޝްރު: 7)

"… އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރު ވޭވެ ހުރިޔަނުދިނުމަށްޓަކައެވެ."

މި އާޔަތުން އެނގޭގޮތުގައި؛ މުޖުތަމަޢުގެ ފަގީރުންނާއި ނިކަމެތިން މުއްސަނދިކަމުގެ ފައިދާއިން މަހުރޫމުވެފައި ތިއްބައި، މުއްސަނދިކަން ވަކި ޚާއްޞަ ފަންތިއެއްގެ މެދުގައި އެކަނި ހިސާރުވެފައި (Monopolized) އޮތުން އިސްލާމްދީން ބަލައެއްނުގަނެއެވެ.

ހުއްދަ ގޮތުގައި މުދާ މިލްކުކުރުމުގެ ހައްގު އިސްލާމްދީން ރައްކާތެރިކޮށްދެއެވެ. ނަމަވެސް މިއާއެކު، މުޅި އިޤްތިޞާދީ ނިޒާމު ވަކި ބައެއްގެ މުއްސަނދިކަމާއި ނުފޫޒުގެ ދަށަށް ދިޔަނުދިނުމަށް ޓަކައި ޚާއްޞަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ.

‎﴿وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ﴾‏ (އައްޛާރިޔާތި، 19).

"އަދި ސުވާލުކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް އެއުރެންގެ މުދަލުގައި ޙައްޤެއްވެއެވެ".

މި އާޔަތުގައި އެވާ "ޙައްޤު" ގެ މާނައަކީ ޒަކާތްކަމަށް ބައެއް މުފައްސިރުން ވިދާޅުވާ އިރު، އޭގެތެރޭގައި ޒަކާތާއި އޭގެ އިތުރުން ހޭދަކުރާ މުދާ ވެސް ހިމެނޭކަމަށް އެހެން ބައެއް މުފައްސިރުން ވިދާޅުވެއެވެ. ވީމާ، ޒަކާތުގެ އިތުރުން ވެސް، ފަޤީރުންނާއި މަޙްރޫމުންނާ ގުޅޭ މާލީ ޒިންމާތަކެއް މުއްސަނދިންގެ މައްޗަށް ވާކަން މި އާޔަތުން އެނގެއެވެ.

އިސްލާމީ މާލީ ނިޒާމުގެ އެކި ޙުކުމްތަކުން މި އުސޫލު ރީތިކޮށް ފެނެއެވެ. މިސާލަކަށް، ޒަކާތް މެދުވެރިކޮށް މުއްސަނދިންގެ ތަނަވަސްކަމުން ވަކި މިންވަރެއް ނިކަމެތިންނަށް ފޯރުކޮށްދެއެވެ. ވާރުތަމުދަލުގެ ގަވާއިދުތަކުން ވާރުތަވެރިންގެ މެދުގައި މުދާ ބަހާލައެވެ. އަދި ރިބާއާއި، އަގުބޮޑުކޮށް ވިއްކުމަށްޓަކައި މުދާ ހިފެހެއްޓުން (އިޙްތިކާރު ކުރުން) މަނާކުރައްވައި، ޞަދަޤާތް ކުރުމަށް ބާރުއަޅުއްވައެވެ.

ޤައުމުގެ ވަސީލަތްތަކަކީ އަމާނާތެއް!

ބިމާއި ދައުލަތުގެ މުދަލާއި ލިބޭ އާމްދަނީ އާއި އަދި ސަރުކާރުގެ ބާރުގެ ދަށުގައިވާ އިޤްތިޞާދީ ފުރުސަތުތަކަކީ ޤައުމު ހިންގާން ތިބޭ ސިޔާސީ ވެރިންގެ އަމިއްލަ މިލްކެއް ނޫނެވެ. ދައުލަތުގެ ވެރިކަމާއި ބާރަކީ މަތިވެރި އަމާނާތެކެވެ.

އަމާނާތާއި ޢަދުލުވެރިކަން ގުޅުވައިލައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

‎﴿إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ﴾‏ (އައްނިސާ، 58).

"ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށް ވެސް، އަމުރުކުރައްވަތެވެ".

އެހެންކަމުން، ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް ވަސީލަތްތައް ތަރައްގީކުރުމާއެކު، ވަސީލަތްތަކާއި އޭގެ ފައިދާތަކަށް ވާސިލުވެވޭނެ މަގުތައް ހުރީ ޢަދުލުވެރިކަމާއި އާންމު މަޞްލަޙަތުގެ މައްޗަށް ބިނާ ކުރެވޭ އަދި ދެފުށް ފެންނަ ނިޒާމަކަށްތޯ ކަށަވަރު ކުރުމަކީ ވެރީންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

އިޤްތިޞާދީ ފުރުސަތުތަކަށް ވާސިލުވެވޭނީ ކުރީއްސުރެ ބޮޑެތި ރައުސްމާލާއި ނުފޫޒާއި ޚާއްޞަ އިމްތިޔާޒުތައް ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވާނަމަ އެއީ ނުރައްކާތެރި ޙާލަތެކެވެ. މިބައިމީހުންގެ މުއްސަނދިކަމުން ޤައުމީ ފެންވަރުގައި އިތުރު ތަނަވަސްކަން އުފެދެމުން ދިޔަ ނަމަވެސް، އެ "ތަނަވަސްކަމުގެ ދާއިރާ" އިން ބޭރުގައި ތިބި މީހުންނަށް އޭގެ ތެރެއަށް ނުވަދެވޭނެ ނިޒާމެއް އުފެދުމުގެ ބިރުވެރިކަން އޮވެއެވެ. އިސްލާމްދީނުގައި ފާހަގަކޮށްދެއްވާފައިވާ، ވަކި ބައެއްގެ މުށުތެރޭގައި ތަނަވަސްކަން ހިފެހެއްޓިފައި އޮތުމާމެދު ކަންބޮޑުވާންޖެހޭ ޙާލަތަކީ މިއީއެވެ.

އިޤްތިޞާދީ ކުރިއެރުމުގެ ފައިދާ ރައްޔިތުންނަށް ފޯރަންޖެހޭނެއެވެ!

އިޤްތިޞާދީ ޞިނާޢަތްތަކާއި އިންވެސްޓްމަންޓާއި އުފެއްދުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާންޖެހެއެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާންޖެ‌ހޭނީ މުދާ މިލްކުކުރުމުގެ ފުރުސަތު ފުޅާކުރުމަށާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަމާއި ފައިނޭންސިންގ ލިބޭނެގޮތްތައް ފަހިކުރުމަށެވެ. ހަމަމިއާއެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް އިތުރުކުރުމަށާއި، އަތޮޅުތަކުގައި އިޤްތިޞާދީ ފުރުސަތުތައް ފުޅާކޮށް ޤައުމީ ވަސީލަތްތަކުގެ މަންފާ ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

ތަނަވަސްކަމާއި ޢަދުލުވެރިކަމަކީ އިސްލާމީ އިޤްތިޞާދީ ނިޒާމުގައި އެކުއެކީގައި ބަލައިގަންނާންޖެހޭ ދެ މަފްހޫމެވެ. ވީމާ، މި މަޒުމޫނުގެ ފެށުމުގައި ކުރެވުނު ސުވާލަށް ޖަވާބު ހޯދާންޖެހޭނީ ހަމައެކަނި ޖީޑީޕީގެ އަދަދަކުން ނޫނެވެ؛ އެ ކުރިއެރުމުގެ ހަގީގީ ފައިދާ ލިބެނީ ކާކަށްތޯ ބަލައިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް