ޓެކްސީ ޑްރައިވަރެއްގެ ސަބަބުން މުޅި ދުވަސް ޚަރާބުވުން

މާލޭ މަގުމަތީގައި ވެހިކަލުތަކެއް ދުއްވާފައި ދަނީ -- ފޮޓޯ / ކޯޕަރޭޓްމޯލްޑިވްސް.ކޮމް

ޓެކްސީއަކަށް އަރަނީ އެ މީހަކު ދާން ބޭނުންވާ ތަނަކަށް އަމާންކަމާއި ހިތްހަމަޖެހުމާއެކު، ފަސޭހައިން ދެވޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް ޓެކްސީގައި އިންނަ ޑްރައިވަރެއްގެ ސަބަބުން، ހިނދުކޮޅެއްގެ ތެރޭގައި އެ އުންމީދުތައް ފުނޑުފުނޑުވެގެންދެއެވެ. މަގުމަތީގެ އުޅަނދުތަކަށް މެދުނުކެނޑި އެއްޗެތި ގޮވުމެވެ. އަޑުގަދަވާގޮތަށް ފޯނު ބޭނުންކުރުމާއި ވީޑިއޯ ބެލުމެވެ. ނުވަތަ ސިޔާސީ، ދީނީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަމާމެދު ކަސްޓަމަރުގެ އެދުމަކާ ނުލައި ތަގުރީރު ދޭން ފެށުމެވެ. ހިތްހަމަ ނުޖެހުނަސް ކަސްޓަމަރު އިޙްތިރާމާއެކު "އާނ" ނުވަތަ "އާނހާ"އޭ ބުނެލި ކަމުގައި ވިޔަސް، އެ ވާހަކައަކަށް ނިމުމެއް ނާދެއެވެ.

މިފަދަ ޑްރައިވަރުންގެ ސަބަބުން، މުޅި ދުވަސް ޚަރާބުވެގެން ދިއުމަކީ މާލޭ ސަރަހައްދުގައި ޓެކްސީ ބޭނުންކުރާ ބައެއް މީހުން ތަޖުރިބާކުރާ ކަމެކެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން އެންމެ އާންމުކޮށް ކުރިމަތިވާ އަނެއް އުނދަގުލަކީ، އެއީ ހުރިހާ ކަމެއް އެނގޭ މާހިރުންނަށް ވެގެން އުޅުމެވެ. ސަރުކާރުން ކުރަންޖެހޭ ކަންކަމާއި، އިޤްތިޞާދީ މައްސަލަތަކުގެ ހައްލާއި، ދީނީ ޢިލްމުވެރިންނަށް ނުވިސްނޭ ކަންކަމާއި، ޑޮކްޓަރުން ބަލިމީހުންނަށް ފަރުވާދޭންވީ ގޮތް، ނުވަތަ ޤައުމީ ބޮޑެތި މައްސަލަތަކުގެ ފަސްމަންޒަރު އެމީހުން ޔަޤީންކަމާއެކު ކިޔައިދޭން ފަށާފާނެއެވެ.

މިކަމުގައި އޮތް މައްސަލައަކީ ޑްރައިވަރު ވާހަކަދެއްކުމެއް ނޫނެވެ. އާންމުގޮތެއްގައި ދަތުރުވެރިންނަކީ އެކުވެރި މާހައުލެއްގައި ވާހަކަދައްކާލަން ޝައުގުވެރިވާ މީހުންނެވެ. ނަމަވެސް މައްސަލައަކަށް ވަނީ، ކަސްޓަމަރާއެކު މުޢާމަލާތުކުރުމުގައި އިންތަކެއް ހުންނަންޖެހޭނެކަން ޑްރައިވަރަށް ނުވިސްނޭތީއެވެ. ކަސްޓަމަރު ފައިސާ ދެއްކީ ދަތުރުފަތުރުގެ ޚިދުމަތަށެވެ. ބަހުސްކުރުމަކަށް، ތަގުރީރު އަޑުއެހުމަކަށް ނުވަތަ އެހެން މީހެއްގެ އިޙްސާސްތަކާއި އިންތަކުގެ ތެރެއަށް ވަދެގަތުމަކަށް ނޫނެވެ.

ނަފްސާނީ ޢިލްމުގެ މަޝްހޫރު ކްރޫގާ އަދި ޑަނިންގ (1999) ފާހަގަކުރައްވާ ގޮތުގައި، ކަމެއްގެ ފުންމިނަށް ނުވަދެވޭ ވަރަކަށް، އަމިއްލައަށް ނޭނގޭ ކަންކަން ހުރިކަން ވަޒަންކުރަން ދަތިވެއެވެ. އެހެންކަމުން، ތިމަންނާއަށް ނޭނގޭ މިންވަރު އެނގުމަށް ޓަކައި ވެސް ވަކި ވަރެއްގެ ޢިލްމީ ހޭލުންތެރިކަމެއް ބޭނުންވެއެވެ. މިއީ ވަކި ޓެކްސީ ޑްރައިވަރުންނަށް ޚާއްޞަ ސިފައެއް ނޫނެވެ. މިއީ އިންސާނުންގެ ވިސްނުމުގައި ހުންނަ އާންމު ކަމެކެވެ.

ޓެކްސީއަކަށް އެރުނު ކަމަށް ޓަކައި، ކަސްޓަމަރަކީ ޑްރައިވަރުގެ އަމިއްލަ ޤަބޫލުކުރުންތަކާއި ސިޔާސީ ވިސްނުން ނުވަތަ ދީނީ ފަހުމް ދިފާޢުކުރަންޖެހޭނެ މީހެއް ނޫންކަން ދަންނާންޖެހެއެވެ.

ކާރަކީ ޑްރައިވަރުގެ އަމިއްލަ އެއްޗެއް ކަމުގައި ވީނަމަވެސް، ކަސްޓަމަރު ފައިސާ ދައްކަނީ ރައްކާތެރިކަމާއި، އެކަށީގެންވާ އަރާމާއި، އަދި އިޙްތިރާމާއެކު މުއާމަލާތްކުރެވޭނެކަމުގެ ޙައްޤު ލިބިގަތުމަށެވެ. އަޑުގަދަކޮށް ލަވަޖަހައި ވީޑިއޯ ބެލުމާއި، ޒާތީ ސުވާލުތައް ކުރުމާއި، ރުޅިވެރިކަމާއެކު ބަހުސްކުރުމާއި، އަދި ބޭކާރު ގޮތުގައި ފޯނު ބޭނުންކުރުމުން ދޭހަވަނީ މީގެ އިދިކޮޅެވެ. "ތިޔައީ އަހަރެންގެ ދުނިޔެއަށް ވަދެއިން މީހެކޭ، އަހަންނާ އެއްގޮތަށް ބަދަލުވާށޭ" ޑްރައިވަރު ބުނާ ކަހަލައެވެ.

ޑްރައިވަރުންގެ ފަރާތުން ނޭދެވޭ މުޢާމަލާތް ފެންނަ ބައެއް ސަބަބުތައް

ޓެކްސީ ދުއްވުމަކީ ޑްރައިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިކުރުވާ ވަޒީފާއެކެވެ. ދެހާހަށްވުރެ ގިނަ ޓެކްސީ ޑްރައިވަރުން ބައިވެރިވި އެގާރަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ފަހުގެ ސިސްޓެމެޓިކް ރިވިއުއަކުން ދައްކާގޮތުގައި، ތަފާތު އެކި ޤައުމުތަކުގައި އުޅޭ ޑްރައިވަރުންގެ މެދުގައި ކަންބޮޑުވާންޖެހޭ މިންވަރަކަށް އެންޒައިޓީއާއި ޑިޕްރެޝަން އަދި ސްޓްރެސް ހުރިކަން ފާހަގަކުރެވިފައިވެއެވެ (މާރިން-ބާޖެސް އެޓް އަލް.، 2025).

މި ރިވިއުއިން ދައްކާގޮތުގައި ނަފްސާނީ ދުޅަހެޔޮކަން ދަށްވުމަށް މަގުފަހި ކުރާ ސަބަބުތަކުގެ ތެރޭގައި، އެކަށީގެންވާ ނިދި ނުލިބުން ނުވަތަ ނިދުމުގެ އާދަތަކަށް ބުރޫއެރުމާއި، މަސައްކަތުގެ މާހައުލު އުނދަގޫވުން ހިމެނެއެވެ. ހަމައެއާއެކު، އަމިއްލަ ދިރިއުޅުމުގެ ސްޓްރެސް ބޮޑުވުމާއި، މަސައްކަތާއި ޢާއިލީ ކަންކަމާ ދެމެދުގައި އުފެދޭ ނުތަނަވަސްކަމަކީ ވެސް ނަފްސާނީ ނޭދެވޭ އަސަރުތައް ފޯރާ ކަންކަން ކަމުގައި މި ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

މާލެއަކީ ޑްރައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިކުރުވާ މަގުމަތީގެ މާހައުލެއް އޮތް ތަނެކެވެ. އެގޮތުން މަގުތައް ހަނިވުމާއި، ޓްރެފިކް ބޮޑުވުމާއި، ޕާކުކުރުމުގެ ދަތިކަމާއި، ވެހިކަލް ގިނަގިނައިން މަޑުކޮށް ދުއްވަންޖެހުމުގެ އިތުރުން، މަގު ބޭނުންކުރާ އެހެން މީހުންގެ ހަރަކާތްތަކަށް އަބަދުވެސް ސަމާލުވެގެން ތިބެންޖެހުން ހިމެނެއެވެ.

އެހެން ގައުމުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ފާހަގަ ކޮށްފައިވާގޮތުގައި، ޓްރެފިކް ތޮއްޖެހޭ ހާލަތްތަކުގައި ޑްރައިވަރުން ނަފްސާނީ ގޮތުން އުފުލަންޖެހޭ ބުރަ ބޮޑެވެ. ހެނެސީ އަދި ވީސެންތާލް (1999) ކުރެއްވި ދިރާސާއިން ދައްކާގޮތުގައި، ޓްރެފިކް ކުޑަ ހާލަތްތަކާ އަޅާބަލާއިރު، ޓްރެފިކް ތޮއްޖެހުން ބޮޑު ހާލަތްތަކުގައި ޑްރައިވަރުންނަށް ކުރިމަތިވާ ސްޓްރެސް ބޮޑުވެ، ރުޅިވެރިކަމާއެކު ދުއްވުމުގެ އާދަ މާ ބޮޑަށް ފެނިގެންދެއެވެ.

ޑްރައިވަރުންނަށް ކުރިމަތިވާ މިފަދަ ސްޓްރެސްއާއި ނަފްސާނީ ފިއްތުންތަކުން، ބައެއް ޙާލަތްތަކުގައި، ކަސްޓަމަރާ މުޢާމަލާތްކުރާ ގޮތަށް ވެސް އަސަރުކޮށްފާނެއެވެ. ބަޔާންވެދިޔައީ އެމީހުންގެ ފަރާތުން ނޭދެވޭ އަމަލުތައް ފެންނަ ބައެއް ސަބަބުތައް ކަމަށް ވިޔަސް، މިއީ އެފަދަ އުޅުމެއް ދިފާޢުކުރަން ދެއްކޭނެ ބަހަނާއެއް ނޫނެވެ.

ރަނގަޅު ޓެކްސީ ޚިދުމަތަކަށް ޓަކައި ކުރަންޖެހޭ ކަންކަން

ޑްރައިވަރުންގެ ފަރާތުން ކަސްޓަމަރުން ތަކުރާރުކޮށް ތަޖުރިބާކުރަންޖެހޭ ނޭދެވޭ ޙާލަތްތައް ނައްތައިލުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

ރާއްޖޭގައި ޓެކްސީ ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ތެރޭގައި، ޕްރޮފެޝަނަލް އަދަބުތައް ދަސްކޮށްދޭ ކުރު ނަމަވެސް ބޭނުންތެރި ތަމްރީނު މޮޑިއުލެއް ހިމެނިދާނެއެވެ. ދުބާއީއާއި، ލަންޑަން އަދި ނިއުޔޯކް ސިޓީ ފަދަ ތަންތަނުގައި ޓެކްސީ ޑްރައިވަރުން މިފަދަ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަކުރަންޖެހެއެވެ.

މި ތަމްރީނުގެ ތެރޭގައި ކަސްޓަމަރުންނަށް އިޙްތިރާމްކުރުމާއި، އަދަބުވެރިކޮށް ވާހަކަދެއްކުމާއި، އަމިއްލަ ހިތްހަމަނުޖެހުންތައް ކުޑަކުރަން ދަސްކޮށްދޭންޖެހެއެވެ. އަދި ފޯނާއި މީޑިއާގެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަމާލުވުމާއި، އަދި ކަސްޓަމަރުގެ އިހުސާސް ދައްކުވައިދޭ އިޝާރާތްތައް (social cues) ދެނެގަންނާނެ ގޮތް ދަސްކޮށްދިނުން ހިމެނެއެވެ. މިސާލަކަށް، ކަސްޓަމަރަކު ކުރުކޮށް ޖަވާބުދިނުން ނުވަތަ ބޭރު ބަލަން އިންނަމަ، އޭގެ މާނައަކީ އޭނާ ބޭނުންވަނީ ހިމޭން މާހައުލެކެވެ.

ޓެކްސީ އެޕްލިކޭޝަންތަކުން ވެސް މިކަމުގައި އެހީތެރިވެވިދާނެއެވެ. ދުއްވުމުގެ ފެންވަރާއި، ރައްކާތެރިކަމާއި، އަދި އަދަބުވެރިކަމުގެ މިންގަނޑު ރޭޓިންގ ސިސްޓަމްތަކުން ވަކިން ވަޒަންކުރެވޭނެ ގޮތް ހެދިދާނެއެވެ.

އެއްވެސް އޮޅުމެއްނެތް ގޮތުގައި، ޓެކްސީ ޑްރައިވަރުންނަކީ މުޖުތަމަޢަށް ބޭނުންވާ އަގުހުރި ޚިދުމަތެއް ދޭ މުހިންމު ބައެކެވެ. ތަޢުލީމީ އަދި ޞިއްޙީ ނިޒާމާއި އާންމު ޚިދުމަތްތައް ފަސޭހަކަމާއެކު ހިންގުމުގައި، ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މީހުންގެ ބައިވެރިވުން އިންތިހާއަށް ބޮޑެވެ. އެއީ މަގުމަތީގެ ތޮއްޖެހުމާއި، ގިނައިރު ވަންދެން މަސައްކަތްކުރުމާއި، އަދި މެދުނުކެނޑި މީހުންނާ މުޢާމަލާތްކުރަންޖެހޭ އުނދަގޫ ވަޒީފާއެއް އަދާކުރާ ބަޔެކެވެ. ނަމަވެސް، ވަޒީފާގެ އުނދަގޫތަކާއި، އަމިއްލަ ހިތްހަމަނުޖެހުމުގެ އުދާސްތައް، ކަސްޓަމަރުންނަށް އަމާޒުކޮށްގެންނުވާނެއެވެ.

ހަޤީޤަތުގައި ރަނގަޅު ޓެކްސީ ދަތުރަކަށް މާ ގިނަ ކަންތައްތަކެއް ބޭނުމެއްނުވެއެވެ. ކަސްޓަމަރުން އެދެނީ ރައްކާތެރިކަމާއެކު ދުއްވުމާއި، ޒާތީ މިނިވަންކަމަށް އިޙްތިރާމްކުރުމާއި ބޭކާރު އަޑުގަދަކުރުންތަކުން ދުރުވުމާއި އަދި ފަހަތު ސީޓުގައި އިންނަ މީހާއަށް ޤަދަރާއެކު މުޢާމަލާތްކުރުމެވެ.

ރިފަރެންސް
Hennessy, D. A., & Wiesenthal, D. L. (1999). Traffic congestion, driver stress, and driver aggression. Aggressive Behavior, 25(6), 409–423.
Kruger, J., & Dunning, D. (1999). Unskilled and unaware of it: How difficulties in recognizing one's own incompetence lead to inflated self-assessments. Journal of Personality and Social Psychology, 77(6), 1121–1134.
Marín-Berges, M., Villa-Berges, E., Lizana, P. A., Gómez-Bruton, A., & Iguacel, I. (2025). Depression, anxiety and stress in taxi drivers: A systematic review of the literature. International Archives of Occupational and Environmental Health, 98, 135–154.

ގުޅޭ ޓެގު
comment ކޮމެންޓް