ނަޝީދުގެ ކުރުވާހަކަ ފޮތް "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނު ލިޔުއްވި ކުރުވާހަކަ ފޮތާ ގުޅޭ މައުލޫމާތު ދެއްވަނީ --- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަދި މައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު "80ގެ ކުރީކޮޅު"ގެ ނަމުގައި ލިޔުއްވި ކުރުވާހަކަ ފޮތް މިރޭ ނެރެފިއެވެ.

އެ ފޮތް ނެރެދެއްވީ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގައި ބޭއްވި ހަފުލާއެއްގައި ނަޝީދުގެ ބޮޑުދައިތާފުޅު ޒުހައިރާ ޢުމަރެވެ.

މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެ ފޮތުގައި ހިމެނޭ ވާހަކަތައް އެމަނިކުފާނު ލިޔުއްވީ 1980ގެ ފަހުކޮޅު އަދި 90ގެ ކުރީކޮޅު ކަމަށެވެ.

"އަޅުގަނޑު މި ވާހަކަތައް ލިޔުނީ 94ގައި އަޅުގަނޑު ޖަލުން ގެއަށް ގެނެސް ގޭ ބަންދަށް ބަދަލުކުރިތަނާ، އެހެންވީމާ ހަމަ ކަށަވަރުން ވެސް ރައީސް ނަޝީދެއް މިއަކު ނޫޅޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ކުރުވާހަކަ ފޮތުގައި އޮންނަނީ ފަސް ވާހަކައެކެވެ. އެއީ "ޗާލާ ޒަމާން"އާއި "ހިތާއި ހިތުގެ ގުޅުން"އާއި "މޫސަބަރު"އާއި "ގައުމީ މަޝްރޫއު"އާއި "ރީތި ހަދިޔާ"އެވެ.

އެ މަނިކުފާނު ވިދާޅުވީ ވާހަކައަކީ ކަންކަން ފުރޮޅިގެން ދާނެ ގޮތް ދެނެގަތުމަށް އެންމެ ރަނގަޅު ވަސީލަތްތައް ކަމަށެވެ. ގައުމެއް އަދި ގައުމިއްޔަތެއް ބިނާވަނީ އެ ގައުމުގައި އެންމެން ހިއްސާވާ ވާހަކައެއް އޮތީމަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިރޭ ނަޝީދު ނެރުއްވި ފޮތް ވިއްކަނީ 250 ރުފިޔާއަށެވެ.

ފާހަގަކުރެވޭ ގޮތުގައި ނަޝީދަކީ ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރިން ވެސް ރާއްޖޭގެ ތާރީޚު ދިރާސާކުރައްވަމުން ގެންދަވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ނަޝީދު ވަނީ މީގެ ކުރިން ނޫސްވެރިކަން ވެސް ކުރައްވައިފައެވެ.

އެމަނިކުފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި "ދަގަނޑު ދަހަނާ" އާއި "ކިއްލާ މާލެ" އާއި "ދެ ރަދުން" އާއި "އެއްބަސްވެވޭ އިންގިލާބު" އާއި "ވެރިއެއްގެ ނިމުން" ހިމެނެއެވެ.

comment ކޮމެންޓް