މުސާރަ ބޮޑުކުރުމަށާއި އާންމު ޚިދުމަތްތައް ހަރުދަނާކުރުމަށް ގޮވާލައި، ތަކެތީގެ އަގުބޮޑުވުމާއި ސަރުކާރުން އަސްކަރީ ޚަރަދުތައް އިތުރުކުރާތީ އެކަމާ ދެކޮޅަށް އިޓަލީގެ އެކި ސިޓީތަކުގައި އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ ބޮޑު އިހުތިޖާޖެއް ފަށައިފިއެވެ.
އިޓަލީގެ މިނިވަން ޓްރޭޑް ޔޫނިއަން "އުނިއޯނޭ ސިންޑަކާލޭ ދި ބޭސް" (ޔޫއެސްބީ) އިން އިސްނަގައިގެން ކުރިއަށްގެންދާ 24 ގަޑިއިރުގެ އާންމު ހަރުތާލާއެކު، އެ ގައުމުގެ 40 އަށްވުރެ ގިނަ ސިޓީގައި ވަނީ މުޒާހަރާތައް ރޭވިފައެވެ. މި އިހުތިޖާޖުތަކުގައި އެންމެ ގިނައިން ބައިވެރިވެފައި ވަނީ ދަރިވަރުންނާއި، މަސައްކަތްތެރިންގެ އިތުރުން ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ މަސައްކަތްތެރިންގެ މުސާރަ އިތުރުކުރުމަށާއި، ތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމުގެ އިތުރުން، ސިއްހީ އަދި ތައުލީމީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް އިތުރުކުރުމަށެވެ. އަދި ސަރުކާރުން ދިފާއީ އާލާތްތަކަށާއި އަސްކަރިއްޔާއަށް ކުރާ ޚަރަދުތައް ބޮޑުކުރުމާ ދެކޮޅަށް ވެސް ބައިވެރިން ދަނީ ޝިއާރުތައް އުފުލަމުންނެވެ.
މި ހަރުތާލުގެ ސަބަބުން އިޓަލީގެ ސުކޫލްތަކާއި، ސިއްހީ ޚިދުމަތްތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތަކަށް ބުރޫއަރާފައިވާއިރު، ރޯމާއި، މިލާން، ޓިއުރިން އަދި ނޭޕްލްސް ފަދަ ބޮޑެތި ސިޓީތަކުގެ މަގުތަކުގައި ދަނީ ސުލްހަވެރި މުޒާހަރާތައް ހިންގަމުންނެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަމަނުޖެހުން ބޮޑުވުމުން ފުލުހުން ވަނީ ފެންއަންގާރަ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ރޫޅާލަން މަސައްކަތްކޮށްފައެވެ.
ޔޫރަޕުގެ އެކި ގައުމުތަކުގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، މުސާރައިގެ އަގު ވެއްޓެމުންދާތީ މަސައްކަތްތެރިން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައި، އިޓަލީގައި ފެށި މި ހަރުތާލަކީ ފާއިތުވި މަސްތަކުގައި އެ ގައުމުގައި ހިންގި އެންމެ ބޮޑު އެއް އިހުތިޖާޖެވެ.