5 ޑައިވަރުންގެ މަރު: މާހިރުންގެ ރިޕޯޓުގައި ވެސް ބުނީ ޑައިވަރުން މަރުވީ އޮކްސިޖަން ނުލިބުމުން ކަމަށް

ހޮހޮޅަ ތެރޭ މަރުވި އިޓަލީގެ 5 ފަތުރުވެރިން --

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި ފަސް ޑައިވަރުން ވެސް މަރުވީ، އޮކްސިޖެން ހުސްވެގެން ކަމަށް، ދާއިރާގެ މާހިރުންގެ ރިޕޯޓަކުން ދައްކައިފިއެވެ.

މިދިޔަ މެއި މަހު 14 ވަނަ ދުވަހު ހިނގި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި، ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު، އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލް ހިމެނެއެވެ. މަރުވި، އިޓަލީގެ އަނެއް ތިން މީހުންނަކީ، ރިސާޗަރެއް ކަމަށްވާ، 31 އަހަރުގެ މުރިއެލް އޮޑެނީނޯއާއި، 30 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ އާއި ޑައިވިން އިންސްޓްރަކްޓަރު 44 އަހަރުގެ ޖިއަންލޫކާ ބެނެޑެޓީއެވެ.

އެ މީހުންގެ ހަށިތައް ނަގަން ދިވެހި ސިފައިން ކުރިއަށްގެންދިޔަ ރިކަވަރީ އޮޕަރޭޝަނުގައި ދިވެހި ސިފައިންގެ މީހަކު ވެސް މަރުވިއެވެ. އެއީ، ސިފައިންގެ ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އެވެ.

އިޓަލީން އެ މައްސަލަ ބަލަމުން އަންނައިރު، މައްސަލަ ބަލާ ޕްރޮސެކިއުޓަރުން ވަނީ ޑައިވަރުން މަރުވި ސަބަބާ ހޯދުމަށް މާހިރުންގެ ލަފާ ހޯދައިފައެވެ.

އިޓަލީގެ ނޫސްތަކުގައިވާ ގޮތުން، މާހިރުންގެ ލަފާ ހިމެނޭ ރިޕޯޓު މިހާރު ވަނީ ޕްރޮސެކިއުޓަރުންނާ ހަވާލުކޮށްފައެވެ. އެ ނޫސްތަކުގައިވާ ގޮތުން، އިޓަލީގެ އުތުރުގައި ހުންނަ ގަލަރާޓޭ ހޮސްޕިޓަލުގައި މެއި މަހުގެ 25 އާއި 26 ވަނަ ދުވަހު ހެދި ޕޯސްޓްމޯޓަމް ރިޕޯޓުތަކާ ހަވާލާދީ ރިޕޯޓުގައި ވަނީ، އެ މީހުން މަރުވާން މެދުވެރިވީ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށް ބަޔާންކޮށްފައެވެ.

އިޓަލީގެ ނިއުސް އެޖެންސީ ލަޕްރެސްއިން ބުނި ގޮތުގައި، ޑައިވަރުން މަރުވީ އެ މީހުންގެ އޮކްސިޖެން ފުޅިތައް ހުސްވިއިރު ވެސް މައްޗަށް އެރޭ ގޮތް ނުވުމުންނެވެ. އެ މީހުންގެ ޓޮކްސިކޮލޮޖިކަލް ޓެސްޓުތަކެއް ވެސް ހަދައިފައިވާއިރު، އެއްވެސް ބާވަތެއްގެ ވިހައެއް ނުވަތަ ނުރައްކާތެރި މާއްދާއެއްގެ އަސަރު ފެނިފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، މިޔަރެއްގެ ހަމަލާއެއް ނުވަތަ އެހެންވެސް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ހޯދުންތަކުން ޑައިވަރުންގެ އަތުގައި ހުރި ގޭސް ހުސްވިކަން ކަށަވަރުވި ނަމަވެސް، ގޭސް ހުސްވިއިރު ވެސް އެ މީހުންނަށް މައްޗަށް ނޭރުނު ސަބަބެއް ކަށަވަރު ކުރެވިފައި ނުވެއެވެ.

https://sun.mv/223519

އިޓަލީގެ ނޫސްތަކުގައިވާ ގޮތުން، ތަހުގީގުކުރާ ފަރާތްތަކުން ލަފާކުރަނީ، ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި ޑައިވަރުންނަށް މަގު އޮޅުނީ ކަމަށެވެ. އެހެންވެ، އެ ހާދިސާ ހިނގައިފައިވާ ގޮތް، ކަންކަން ހިނގި ގޮތުގެ ތަރުތީބުން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނޫސްތަކުގައިވެއެވެ.

މަރުވި ޑައިވަރުން ހޯދަން ދިވެހި ސިފައިން ފުރަތަމަ މަސައްކަތް ކުރި ނަމަވެސް، އެ އޮޕަރޭޝަނުގައި އިސްކޮށް ފަހުން ހަރަކާތްތެރިވެފައިވަނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ.

އެ މީހުންގެ ހަށިގަނޑު އެ ހޮހޮޅައިގެ ތެރެއިން ނަގާފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހު ކަމަށްވާއިރު އެ ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވ. އަތޮޅުގެ ޑައިވިން އޮޕަރޭޝަންގައި ބައިވެރިވި ދިވެހި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވަނީ އެ އެންމެންނަށް ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.

comment ކޮމެންޓް