ޕިއްޒާއަށް އަލަނާސި އެޅުމަކީ "އަމިއްލަ ސަގާފަތަށް އިހާނެތިކޮށް ހިތުން" ކަމަށް ބުނެ، އެކަން ކުރަން ދެކޮޅު ހެދި އިޓަލީގެ ޝެފެއް، އޮސްޓްރޭލިއާގެ ރެސްޓޯރެންޓަކުން ވަކިކޮށްފިއެވެ.
އެ މައްސަލައަކީ، އޮސްޓްރޭލިއާގެ ބްރިޒްބެންގައި ހުންނަ ލަ ކޯސްޓާ ރެސްރެންޓުން މިދިޔަ މެއި މަހު ވަކިކުރި، ޑޭވިޑް ޓަމްބުރެއްލާ ކިޔާ މީހެއްގެ މައްސަލައެކެވެ. އޭނާ ވަނީ، މިހާރު ބަންދުކޮށްފައިވާ އެ ރެސްޓޯރެންޓުން އޭނާ ވަކިކޮށްފައިވަނީ ނާއިންސާފުން ކަމަށް ބުނެ އޮސްޓްރޭލިއާގެ ފެއާ ވޯކް ކޮމިޝަން (އެފްޑަބްލިޔުސީ)އަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގައި ކޮމިޝަނުން ގޮތް ނިންމަވައިފައިވާއިރު، އެ ނިންމުމުގައި ވަނީ، ޕިއްޒާއަށް އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ޓަމްބުރެއްލާ ސިފަކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ސަގާފަތަށް އިހާނެތިކޮށް އަމަލުކުރަން ރެސްޓޯރެންޓުން އެއްވެސް އެންގުމެއް އަންގައިފި ނަމަ، އެގޮތަކަށް އަމަލުނުކުރުމުގެ އިޚުތިޔާރު ލިބިގެންވާ ކަމަށް ޓަމްބުރެއްލާ ބުނި ކަމަށް ވެސް ނިންމުމުގައިވެއެވެ.
މީގެ އިތުރުން ޓަމްބުރެއްލާ ރެސްޓޯރެންޓުގައި މަސައްކަތް ކުރި ހަތަރު އަހަރު ތެރޭ ތިން ފަހަރެއްގެ މަތިން، ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅު ހަދައިފައިވާ ކަމަށާއި އޭނާއާ ގުޅޭ އިތުރު މައްސަލަތަކުގައި މެނޭޖްމެންޓުން އޭނާއާ ވާހަކަދައްކަވައިފައިވާ ކަމަށް ކޮމިޝަނުގެ ނިންމުމުގައިވެއެވެ. އޭގެ ތެރޭގައި ބޭއަދަބީ ބަހުން ވާހަކަދެއްކުމާއި އެހެން މީހުންނާ މުއާމަލާތު ކުރާ ގޮތްތަކާ ގުޅޭ ޝަކުވާތައް ހިމެނޭ ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ޓަމްބުރެއްލާ ވަޒީފާއިން ވަކިކުރީ ނުހައްގުން ކަމަށް ބުނެ އޭނާ މައްސަލަ ހުށަހެޅީ މާ ގިނަ ދުވަސް ފަހުން ކަމަށް އޮސްޓްރޭލިއާގެ ވަޒީފާއާ ބެހޭ ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެހެންވެ، އޭނާއަށް ވަނީ އެ މައްސަލަ ނާކާމިޔާބުވެފައެވެ.