ތިން ރަށެއްގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ތަކެތި އިންޑިއާއިން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިއްޔެ ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ތިން ރަށަކީ ޅ. ނައިފަރު، ކ. ގުރައިދޫ އަދި ކ. ގުޅިއެވެ.
މިކަމަށްޓަކައި ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމްއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މިސްޓަ ޖީ. ބާލަސުބްރަމަނިއަމްއެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން މި ތިން ރަށުގެ ފިޓްނަސް ސެންޓަރުތަކަށް ފޯރުކޮށްދޭން ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި، ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ޓީވީ، ޕްލޭސްޓޭޝަން، ޓޭބަލް ޓެނިސް ޓޭބަލް ތަކެއްގެ އިތުރުން ފިޓްނަސް އިކުއިޕްމަންޓް ހިމެނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް، އެންމެނަށްވެސް ފަސޭހައިން ކަސްރަތުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދެއްވުމުގެ ތަސައްވުރަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ.
އިންޑިއާގެ ފަރާތުން، ތިން ރަށެއްގެ ފިޓްނަސް ސެންޓަރަށް އެހީވުމުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވާހަކަދައްކަވަނީ-- ފޮޓޯ: ޚާރިޖީ ވުޒާރާމިއަހަރުގެ ޖުލައި މަހުގެ ތެރޭގައިވެސް 42 ރަށަކަށް މިފަދަ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވާ، އެކަމަނާ ވަނީ އިއްޔެ ވެވުނު އެއްބަސްވުމުގެ ސަބަބުން މި އަދަދު، 45 ރަށަށް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރަށްތަކުގެ ކުޅިވަރާއި ފިޓްނަސް ސެންޓަރުތަކަށް ލިބޭ އެހީތެރިކަމާއެކު، އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.
އިންޑިއާގެ ފަރާތުން، ތިން ރަށެއްގެ ފިޓްނަސް ސެންޓަރަށް އެހީވުމުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވާހަކަދައްކަވަނީ-- ފޮޓޯ: ޚާރިޖީ ވުޒާރާވަޒީރު ރާފިއުގެ ވާހަކަފުޅުގައި، ރާއްޖޭގެ ކުޅިވަރާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މީގެ ގިނަ އެއްބަސްވުންތަކެއް ހެދި، ރާއްޖޭގެ ކުޅިވަރަށް އިންޑިއާގެ ފަރާތުން އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިންޑިއާގެ އެހީގެ ދަށުން މީގެ ކުރިން 42 ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ވަނީ ހަދިޔާ ކޮށްފައެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޖުމްލަ 45 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހަދިޔާ ކުރާނެއެވެ.