ޕާކިސްތާނު ޑްރާމާތަކުން ދެވަނަ ކައިވެނި ނޯމަލައިޒް ކުރަނީތަ؟

ގިނަ ބައެއްގެ މެދުގައި މަޤުބޫލު ޕާކިސްތާނު ޓީވީ ޑްރާމާ "ގުލްބަހާރް"ގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް

ޕާކިސްތާނުގެ ޓީވީ ސްކްރީންތަކުން މި ދުވަސްވަރު އެންމެ މަޤުބޫލުކަން ހޯދަމުން އަންނަ "މިއްޓީ ދޭ ބާވޭ" އަދި "ގުލްބަހާރު" ޑްރާމާއިން ފެންނަނީ ފިރިހެނުން ދެވަނަ ކައިވެނި ކުރާ މަންޒަރެވެ. ނަމަވެސް ބެލުންތެރިން އެކަމާ މެދު ސުވާލު އުފެއްދުމުގެ ބަދަލުގައި، އެ މަންޒަރުތަކުން ފެންނަ ލޯބީގެ ޖަޒުބާތުތަކަށް ތަޢުރީފު ކުރަމުންދާއިރު، މި ވާހަކަތަކުގެ ފަހަތުގައި ފޮރުވިފައިވަނީ މުޖުތަމަޢުގެ ފުން ކަންބޮޑުވުމެކެވެ.

މި ދެ ޑްރާމާގައި ވެސް ވާހަކައިގެ މައިގަނޑު ބިނާކޮށްފައިވަނީ ފުރަތަމަ އަނބިމީހާގެ ކުށެއްގެ ސަބަބުން ފިރިމީހާ ދެވަނަ ކައިވެންޏަކަށް މަޖުބޫރުވާ ގޮތަށެވެ. އެއާއެކު، ޙައްޤުގެ މަގުގައި ތެދުވެ އަމިއްލަ ޒިންމާ އުފުލަންޖެހޭ ފިރިމީހާގެ ދައުރު މުޅިންހެން ވަނީ އޮއްބާލައިފައެވެ. އެގޮތުން "މިއްޓީ ދޭ ބާވޭ"ގެ ބާލާއަށް އޭނާގެ އަނބިމީހާ ޒަރީނާ ތަޙައްމަލުކުރާ ހިތާމަ އިހުސާސް ނުކުރެވޭއިރު، "ގުލްބަހާރު"ގެ ތަޢުލީމީ ޝެހެރްޔާރަށް ވެސް އާއިލާގެ އަނިޔާތަކުން އަނބިމީހާ ސަލާމަތްކުރާކަށް ނުކެރުނެވެ. އަދި ދެވަނަ ކައިވެންޏަކަށް އިންކާރުކުރުމުގެ ހިތްވަރެއް ވެސް އޭނާގެ ކިބައިގައެއް ނެތެވެ.

ޕާކިސްތާނުގެ މަޤުބޫލު ޓީވީ ސީރީޒްތައް ކަމަށްވާ "އާޕް ކީ އިއްޒަތު"، "މިއްޓީ ދޭ ބާވޭ" އަދި "ގުލްބަހާރު"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ފޭސްބުކް

މިފަދަ ވާހަކަތަކުން ދެވަނަ ކައިވެންޏަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސީދާ ބަޔާން ނުކުރި ނަމަވެސް، އެއީ ލޯބީގެ ގޮތުން ބަލައިގަނެވޭ، އަދި އެނޫން ގޮތެއް ނެތިގެން ވީ ކަމެއްގެ ގޮތުގައި ދައްކުވައިދީގެން މުޖުތަމަޢުގައި އެކަން އާންމު އުސޫލަކަށް ހަދަން ވަނީ ފަށައިފައެވެ.

މި ހާލަތު "އާޕް ކީ އިއްޒަތު" ޑްރާމާއާ އަޅާކިޔާއިރު، މުޖުތަމަޢު ދެކޭ ގޮތުގައި ބޮޑު ތަފާތެއް ހުރިކަން ހާމަވެއެވެ. އެ ޑްރާމާގައި ބީނާގެ ފިރިމީހާ ތާބިޝް ޚިޔާނާތްތެރިވުމުން ވެސް ބީނާ ކުރި ކަންތަކަށް ބެލުންތެރިން ހަރުކަށި ޢިބާރާތުން ފާޑުކިޔައި، އަންހެނަކަށް އެފަދަ ޙައްޤެއް ނޯންނާނެ ކަމަށް ބުނެ އަޑުއުފުލިއެވެ. މިއިން އެނގެނީ އަންހެނުން ކުރާ ކަންކަމަށް ފާޑުކިޔުން އަމާޒުވާއިރު، ފިރިހެނުންގެ އިހުމާލުތަކަށް މުޖުތަމަޢު ފަސޭހައިން މަޢާފުކުރާ ކަމެވެ. ދެ ޖިންސަށް ދެ އުސޫލެއް ގެންގުޅޭ މި ބޭއިންސާފު ވިސްނުން ޑްރާމާތަކުގެ ސްކްރިޕްޓްތަކުގައި ލިޔެވި، އިތުރަށް ބާރުދެމުންދާ މަންޒަރަކީ މިއަދު ފެންނަން އޮތް ޙަޤީޤަތެކެވެ.

comment ކޮމެންޓް