ލަންކާގެ ސްޕެޝަލް ޓާސްކް ފޯސްގެ ތަމްރީނުތަކެއްގައި ދިވެހި ފުލުސް އޮފިސަރުންތަކެއް ބައިވެރިވަނީ

ލަންކާގެ ސްޕެޝަލް ޓާސްކް ފޯސްގެ ތަމްރީނުތަކެއްގައި ދިވެހި ފުލުސް އޮފިސަރުތަކެއް ބައިވެރިވުން... ފޮޓޯ/ ޕޮލިސް

ސްރީލަންކާ ޕޮލިސްގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގާ އަށް ހަފުތާގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ 36 އޮފިސަރަކު އެ ގައުމަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

މި ތަމްރީނަށް ފުރާ އޮފިސަރުންނާ ބައްދަލުކުރުމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަނެވެ. އަދި ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ލަންކާގެ ސްޕެޝަލް ޓާސްކް ފޯސްގެ ތަމްރީނުތަކެއްގައި ދިވެހި ފުލުސް އޮފިސަރުތަކެއް ބައިވެރިވުން... ފޮޓޯ/ ޕޮލިސް

އަންނަ ހޯމަ ދުވަހުން އިން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނަކީ ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުމާއި ތަމްރީނުގެ ދާއިރާއިން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، 13 އަހަރުގެ މެދުކެނޑުމަކަށްފަހު މި ތަމްރީނުގައި ދިވެހި ފުލުހުން އަލުން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން މި ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި، ސްރީލަންކާ ޕޮލިސް، އެސްޓީއެފްގެ އިތުރުން ސަފީރު މުޙައްމަދު ރިޒްވީ ޙަސަނަށް ކޮމިޝަނަރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ކޮމިޝަނަރުގެ ވާހަކަފުޅުގައި، ތަމްރީނުގެ މުއްދަތުގައި ސާބިތުކަމާއެކު ފުރިހަމަ ޑިސިޕްލިން އަދި ޕްރޮފެޝަނަލިޒަމް ދެއްކުމަށާއި، މުދައްރިބުން ދެއްވާ އިރުޝާދުތައް ކަނުލައި އަޑުއަހައި ފުރިހަމަ ގޮތުގައި އުނގެނުމަށް އޮފިސަރުންނަށް ބާރުއެޅުއްވިއެވެ.

މީގެ އިތުރުން އެކަކު އަނެކަކަށް އެހީތެރިވެ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ސުލޫކީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް