ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރެއްގައި ހުރި ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ވަނީ، ދަންވަރުގެ ވަގުތެއްގައި ވިނަރެސްގެ ޓަވަރެއްގެ ބޭރުގައި ހުރި ސްކްރީނަކުން އަންހެނެއްގެ ބަރަހަނާ މަންޒަރު ދެއްކި ކަމަށް ބުނާ ޕޯސްޓެއް ދައުރުވެފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެފަދަ މައްސަލައެއް ދަންވަރު 03:23 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން، ވިނަރެސް ތިނެއްގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ލިބުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ވަނީ، އެފަދ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު އިތުރަށް ބަލަމުން އަންނަކަން ހާމަކޮށްފައެވެ.
ރާއްޖޭގައި ބަރަހަނާ ތަކެތި ގެންގުޅުމާއި، އުފެއްދުމާއި، ފެތުރުމަކީ މަނާ، އަދި ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ. އެގޮތުން، ބަރަހަނާ މަންޒަރު ނުވަތަ ތަކެތި އުފެއްދުން، އިމްޕޯޓްކުރުން، ވިއްކުން، ނުވަތަ ފެތުރުމަކީ ކުށަށް، ނުވަ މަހާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ.