އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް ނިއުދިއްލީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި މާދަމާ ބާއްވާ މިއުޒިކީ ޝޯގެ ސަލާމަތީ ކަންކަން އިންތިހާއަށް ވަރުގަދަކޮށް، 2،000 އެއްހާ ޕްރައިވެޓް ސެކިއުރިޓީ ގާޑުން ނެރުމަށް ނިންމައިފިއެވެ.
މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ، ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ އަދި މި ދުވަސްވަރު އިންޑިއާގައި ކުރިއަށްދާ ފެސްޓިވަލް ސީޒަނާ ގުޅިގެން ފުލުހުންގެ މަސައްކަތް ބުރަވުމުގެ ސަބަބުން މި ޝޯ ބޭއްވުމުގެ ހުއްދަ ފުރަތަމަ ހިފެހެއްޓުމަށް ފަހުގައެވެ. ނަމަވެސް އިވެންޓް އިންތިޒާމުކުރާ ފަރާތްތަކުން ފުލުހުންނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރާނެ ކަމުގެ ޔަޤީންކަން ދިނުމުން މިހާރު ވަނީ ޝޯ ކުރިއަށް ގެންދިއުމުގެ ހުއްދަ ދޫކޮށްފައެވެ.
ދަ އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިއްލީ ފުލުހުންގެ އެންގުމަކީ 1،500 އާއި 2،000އާ ދެމެދުގެ އަދަދަކަށް ޕްރައިވެޓް ސެކިއުރިޓީ އޮފިސަރުން ނެރުމަށެވެ. މިއީ އިންތިޒާމުކުރާ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅި 400 ގާޑުންގެ އަދަދާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ގާތްގަނޑަކަށް 55،000 އެއްހާ މީހުންގެ ޖާގަ އޮންނަ އެ ސްޓޭޑިއަމްގައި ހަރަކާތްތެރިވާ ސެކިއުރިޓީ އޮފިސަރުންގެ މައިގަނޑު ޒިންމާއަކީ ކިޔޫތައް ތަރުތީބުކޮށް ބެލެހެއްޓުމާއި، ކަނޑައެޅިފައިވާ ދޮރުތަކުން މީހުން ވެއްދުމުގެ އިތުރުން ހެލްޕް ކިއޮސްކްތަކުން ސަޕޯޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގައި ފައިމަގުގައި އުޅޭ މީހުންގެ ހަރަކާތްތައް ތަރުތީބުކޮށް ކޮންޓްރޯލް ކުރުމަކީ ވެސް މި ފޯސްގެ މުހިންމު މަސްއޫލިއްޔަތެކެވެ.
ދިލްޖީތު ކޮންސަޓެއްގައި އައިޓަމެއް ހުށަހަޅައިދެނީ--ފޮޓޯ/ވެރައިޓީކޮންސަޓާ ގުޅިގެން އެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހި ބާރުބޮޑުވިޔަ ނުދިނުމަށްޓަކައި، ކައިރި ހިސާބުތަކުން އިތުރު ޕާކިން އިންތިޒާމުތައް ހަމަޖެއްސުމަށް އިންތިޒާމުކުރާ ފަރާތްތަކަށް ވަނީ އަންގާފައެވެ. އޭގެ އިތުރުން، މީހުން އުފުލުމުގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށްޓަކައި ޓެކްސީ އަދި ނެވިގޭޝަން ޚިދުމަތްދޭ ކުންފުނިތަކާ ގުޅިގެން ޕިކްއަޕް އަދި ޑްރޮޕް އޮފް ޒޯންތައް ބެލެހެއްޓުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. އަދި ސްޓޭޑިއަމްގެ ވަށައިގެންވާ 500 މީޓަރާއި 700 މީޓަރާ ދެމެދުގެ ސަރަޙައްދެއް އާންމު ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް ބަންދުކުރުމަށް ފުލުހުން ވިސްނަމުންދާއިރު، އެ ސަރަޙައްދަށް ވަނުމުގެ ހުއްދަ އޮންނާނީ ހަމައެކަނި ލަވަކިޔުންތެރިޔާ ދަތުރުކުރާ އުޅަނދުތަކަށާއި އިވެންޓާ ގުޅޭ ޚާއްޞަ ހުއްދަ އޮންނަ ވެހިކަލްތަކަށް އެކަންޏެވެ.
މި ކޮންސަޓް ބޭއްވުމާ މެދު ސުވާލު އުފެދުނީ މާދަމާގެ ޝޯއަށް ހުއްދަ ދެވެން ނެތް ކަމަށް ދެކުނު ޑިސްޓްރިކްޓްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ އޮފީހުން ޓިކެޓް ވިއްކާ ޕްލެޓްފޯމް 'ބުކްމައިޝޯ'އަށް އެންގުމާ ގުޅިގެންނެވެ. ޚަބަރު ފަތުރާ އޭއެންއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުން އެގޮތަށް ނިންމީ ސީދާ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތުތަކަކާ ގުޅިގެންނާއި، މި ދުވަސްވަރުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ ވަސީލަތްތަކެއް ބޭނުންވާތީއެވެ.
އެހެންނަމަވެސް، ފަހުން ބޭއްވުނު ބިނާކުރަނިވި ބައްދަލުވުމެއްގައި އިންތިޒާމުކުރާ ފަރާތުން ހުށަހެޅި އިސްލާހީ ފިޔަވަޅުތަކަށް ބެލުމަށް ފަހު، ފުލުހުން ވަނީ ނިންމުން ބަދަލުކޮށް ޝޯ ކުރިއަށް ގެންދިއުމުގެ ހުއްދަ ދޫކޮށްފައެވެ. މިއާއެކު، ދިލްޖީތުގެ މުޅި އިންޑިއާއަށް އަމާޒުކޮށްގެން ފަށާ 'އައުރާ އިންޑިއާ ޓުއާ'ގެ ފުރަތަމަ ޝޯ ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން މިހާރު ވަނީ ލިބިފައެވެ.