އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާނާ ދެކޮޅަށް އެއްވެސް މަޖުބޫރު ފިޔަވަޅެއް ނާޅާނެކަމުގެ ޔަޤީންކަން އިންޑިއާގެ މަރުކަޒީ ސަރުކާރުން ދިނުމާ ގުޅިގެން، އިންޑިއާއިން ފޭބުމަށް އޭނާއަށް އަންގާފައިވާ އެންގުން ތަންފީޒުކުރުން ބޮމްބޭ ހައިކޯޓުން ވަގުތީ ގޮތުން ފަސްކޮށްފިއެވެ.
މުމްބާއީ ފުލުހުން ނެރުނު މި އެންގުމާ ދެކޮޅަށް އިމްރާން ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަސްކޮށްދެއްވީ، ޗީފް ޖަސްޓިސް މަހޭޝް ޗަންދުރާ ތުރިޕާ ތީ އާއި ޖަސްޓިސް އަދްވައިތު ސޭތުނާ ހިމެނިވަޑައިގަންނަވާ ޑިވިޜަން ބެންޗުންނެވެ.
މި މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ވަކީލަކު ވަނީ މި ޕެޓިޝަން ކޯޓަށް ބަލައިގަނެވިދާނެ ކަމާމެދު އިއުތިރާޒުކޮށްފައެވެ. އަދި ސަރުކާރު ތަމްސީލުކުރެއްވި އެޑިޝަނަލް ސޮލިސިޓާ ޖެނެރަލް އަނިލް ސިންގް ވެސް ވަނީ އެ ބެންޗަށް މި މައްސަލަ ބެލުމުގެ އިޚްތިސާސް އޮތްތޯ ސުވާލު އުފައްދަވާފައެވެ. ނަމަވެސް، އިމްރާންގެ އިސް ވަކީލު ވެންކަޓޭޝް ދޮންޑް ވަނީ ކޯޓުގެ ރޮސްޓަރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ފަނޑިޔާރުންނަށް އެ މައްސަލައިގެ ޝަރީއަތް ހިންގުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފައެވެ. އެހެންނަމަވެސް، މައްސަލައިގެ އިތުރު މަރުހަލާތަކަށް ދިއުމުގެ ކުރިން، އެކަމާ ގުޅޭގޮތުން ކޯޓު ރެޖިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށް ޗީފް ޖަސްޓިސް ނިންމެވިއެވެ.
ކޮކްރޯޗް ޖަންތާ ޕާޓީން ދިއްލީގައި ކުރިއަށްގެންދިޔަ މުޒާހަރާގައި، ފުލުހުން އިމްރާން ހައްޔަރުކުރަނީ--ފޮޓޯ/ހިންދުންސްތާންޓައިމްސްމައްސަލަ ރަޖިސްޓްރީން ބަލައި ނިމެންދެން އަޑުއެހުން ހޯމަ ދުވަހަށް ތާވަލުކޮށްދިނުމަށް ސަރުކާރުގެ ވަކީލު އެދިވަޑައިގަތުމުން، އިމްރާންގެ ވަކީލު ވަނީ ބުދަ ދުވަހުގެ ނިޔަލަށް ޤައުމު ދޫކޮށް ދިއުމަށް އިމްރާނަށް އަންގާފައިވާކަން ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަވާފައެވެ. މިކަމާ ގުޅިގެން މިއަދު އޭނާ ޤައުމުން ފުރަންޖެހޭނެތޯ ޗީފް ޖަސްޓިސް ސުވާލު އުފެއްދެވުމުން، ސަރުކާރުގެ ވަކީލު ވިދާޅުވީ ސަރުކާރުން އެދެނީ ހަމައެކަނި އިތުރު މުއްދަތެއް ކަމަށާއި، އެ މުއްދަތުގައި އޭނާއާ ދެކޮޅަށް އެއްވެސް މަޖުބޫރު ފިޔަވަޅެއް ނާޅާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ޢުމުރުން 43 އަހަރުގެ އިމްރާން ޚާން ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތީ ގޮތުން ގެންގޮސްފައިވަނީ، ވޯޓާސް ލިސްޓުތައް އަލުން މުރާޖައާކުރުމާ ދެކޮޅަށް ކޮކްރޯޗް ޖަންތާ ޕާޓީން ދިއްލީގައި ކުރިއަށްގެންދިޔަ މުޒާހަރާތަކަށް ތާއީދުކޮށް، ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި މުމްބާއީގެ އޮގަސްޓް ކްރާންތީ މައިދާނުގައި މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. މި ހާދިސާއާ ގުޅިގެން މުމްބާއީ ފުލުހުން އޭނާއަށް މިއަދުގެ ކުރިން ޤައުމުން ފޭބުމަށް އެންގިއެވެ.
ނަމަވެސް، ވަކީލު ޒުލްފިގާރު މެމޮން އަދި އެމްޒެޑްއެމް ލީގަލް މެދުވެރިކޮށް ހުށަހެޅި ޕެޓިޝަނުގައި އިމްރާން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ފުލުހުންގެ އެންގުމަކީ ގާނޫނީ ހަމަތަކުން ބޭރުން ނިންމާފައިވާ ބޭއިންސާފު ނިންމުމެއް ކަމަށާއި، އެއީ މަޝްހޫރު ޝަޚްސިއްޔަތަކަށް ވީތީ ސީދާ އޭނާއަށް އަމާޒުކޮށް ހިންގި އަމަލެއް ކަމަށް އިމްރާނު ވަނީ ތުހުމަތުކޮށްފައެވެ. އަދި މިފަދަ އެންގުމެއް ތަންފީޒުކޮށްފިނަމަ ޤުދުރަތީ އަދުލު އިންސާފުގެ އުސޫލުތައް ފުނޑުފުނޑުވެގެންދާނެ ކަމަށް ބުނެ، މައްސަލައިގައި ގޮތެއް ނިމެންދެން އެ އަމުރު ބާތިލުކޮށް، އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުން ހުއްޓުވައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ.
މި މައްސަލައިގެ ތެރެއިން، އިންޑިއާ ދަރިކޮޅުގެ މީހުންނަށް ދޫކުރާ 'އޯވަސީސް ސިޓިޒަން އޮފް އިންޑިއާ' (އޯސީއައި) ކާޑު ބާތިލުނުކުރަންވީ ސަބަބު ބަޔާންކޮށްދިނުމަށް އަންގައި ފޮރިނާސް ރީޖަނަލް ރަޖިސްޓްރޭޝަން އޮފީހުން (އެފްއާރުއާރުއޯ) ވެސް ވަނީ އިމްރާނަށް ވަކިން ނޯޓިހެއް ފޮނުވާފައެވެ.
ފުލުހުން ބުނާ ގޮތުގައި އިމްރާން ޤައުމުން ބޭރުކުރުމުގެ ނޯޓިސް ނެރެފައިވަނީ އިމިގްރޭޝަން އެންޑް ފޮރިނާސް އެކްޓުގެ ހަތް ވަނަ މާއްދާގެ ދެ ވަނަ ނަންބަރުގެ (ސީ) އަދި 29 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. މިއީ ބޭރު ޤައުމުތަކުގެ ރައްޔިތުން އިންޑިއާގައި ދިރިއުޅުމާއި ހަރަކާތްތެރިވުން ކޮންޓްރޯލްކުރުމަށާއި، ޤާނޫނާ ޚިލާފުވުމުން ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި އެފަދަ ފަރާތްތައް ޤައުމުން ބޭރުކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިދޭ ޤާނޫނީ މާއްދާތަކެކެވެ.