ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާދިން މައްސަލައިގައި، މަހާރާޝްޓްރާގެ ކުށްތައް ހުއްޓުވުމުގެ ހަރުކަށި ގާނޫނު ކަމަށްވާ "އެމްސީއޯސީއޭ"ގެ ދަށުން ފިޔަވަޅު އަޅައި، މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފިއެވެ.
ޕީޓީއައި ނިއުސް އެޖެންސީއާ ހަވާލާދީ އޮފިޝަލުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކުގެ ރަސްމީ ހުއްދައާއެކު މި ގާނޫނުގެ މާއްދާތައް މައްސަލައިގެ ތެރެއަށް އިތުރުކުރަން މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން ވަނީ ނިންމާފައެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖޫހޫ ސަރަހައްދުން ޓައިގާ ދަތުރުކުރަމުން ދަނިކޮށް، ސައިކަލެއްގައި އައި ތިން މީހަކު ކުއްލިއަކަށް އޭނާގެ ކާރަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދިނެވެ. ނަސީބު ރަނގަޅުކަމުން ޓައިގާއަށް މި ހާދިސާގައި އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވި ނަމަވެސް، ކާރު ދުއްވަން އިން ޑްރައިވަރަށާއި މަގުމަތިން ހިނގާފައި ދިޔަ އާންމު ރައްޔިތެއްގެ ގަޔަށް ވަޒަން އަރައި އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
ޓައިގާ ޝްރޮފް، ބައްޕަ އަދި ކުރީގެ އެކްޓަރު ޖެކީ ޝްރޮފްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސްހާދިސާ ހިނގިތާ ވިދިގެން އައި ދުވަހު ޖޫހޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ފުރަތަމަ ބަލަން ފެށީ، ގާނޫނުލްޢުގޫބާތުގެ ދަށުން ގަސްދުގައި މީހަކު މަރާލަން އުޅުމާއި، އެއްބަސްވެގެން ކުށެއް ހިންގުމުގެ އިތުރުން ހަތިޔާރު ގެންގުޅުމުގެ ކުށުގައެވެ. އެހެންނަމަވެސް، ތަހުގީގަށް ފަހިވި ހެކިތަކަށް ބަލައި މިއީ އިންތިޒާމުވެގެން ހިންގި ބޮޑު ޖަރީމާއެއްކަން ކަށަވަރުވުމާއެކު، ހުރިހާ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް އެމްސީއޯސީއޭގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅޭ ޚާއްޞަ މާއްދާތައް މިހާރު ވަނީ ހިންގަން ފަށާފައެވެ.
މި މައްސަލައިގެ ތެރެއިން މިހާތަނަށް 11 މީހަކު ފުލުހުންގެ ބަންދަށް ގެނެސްފައިވާއިރު، މި ޖަރީމާގެ މޭސްތިރިއެއްގެ ގޮތުގައި ތުހުމަތުކުރެވެނީ އިންޑިއާގެ ޖަލުގައި ހުރި ނުރައްކާތެރި ގޭންގްސްޓާރު ލޯރެންސް ބިޝްނޯއީގެ އަރިސް ބައިވެރިއެއް ކަމަށްވާ އަނިލް ޕަންޑިތެވެ. ފުލުހުން މިހާރު އަންނަނީ ފިލައިގެން އުޅޭ އަނިލް ޕަންޑިތު ހޯދުމުގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ.