ބޮލީވުޑްގައި ގެންގުޅޭ، އެކްޓަރުން އެކަހެރިކުރުމުގެ ބޯދާ ސަގާފަތަށް މަނޯޖް ބަޖްޕާއީގެ ވަރުގަދަ ރައްދެއް

އިންޑިއާގެ އެކްޓަރު މަނޯޖް ބަޖްޕާއީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މުޅި ހިތާއި ރޫޙުން ކުރާ ބުރަ މަސައްކަތަށް އެކަށޭނަ އުޖޫރައެއް ލިބުމަކީ ކާމިޔާބީގެ ފުރަތަމަ އަދި އެންމެ ޙަގީގީ އިހުސާސް ކަމަށް ހިންދީ ސިނަމާގެ ތަޖުރިބާކާރު އެކްޓަރު މަނޯޖް ބަޖްޕާއީ ބުނެފިއެވެ.

ފިލްމްފެއާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި މަނޯޖް ބުނީ، އެއަށްފަހު، ހިތްއެދޭ ފަދަ އުފެއްދުންތައް އަމިއްލަ އިޚްތިޔާރުގައި ހޮވުމުގެ މިނިވަންކަން ލިބުމަކީ ކާމިޔާބީގެ ދެވަނަ މަރުހަލާ ކަމަށާއި، މިހާތަނަށް ފުރިހަމަ ސްކްރިޕްޓްތަކެއް ލިބިފައިވުމަކީ އޭނާއަށް ލިބުނު ބޮޑު ނަސީބެއް ކަމަށެވެ.

ނަމަވެސް މަނޯޖް ވަނީ ބޮލީވުޑްގެ އަނދިރި ފަރާތަށް އަލިއަޅުވާލައި، ބައެއް ހުނަރުވެރިންނާ މެދު އިންޑަސްޓްރީން ގެންގުޅޭ ހަރުކަށި އަދި ބޭއިންސާފު އުސޫލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން، ދާއިރާގައި އޮންނަ ނުރަނގަޅު މުޢާމަލާތްތަކުގެ ސަބަބުން، އެއްވެސް އަޑެއްބަޑެއް ނީވި އެތައް އެކްޓަރުންނެއް އިންޑަސްޓްރީން ގެއްލިފައިވާކަން އޭނާ ފާހަގަކުރިއެވެ. އެކްޓަރުން ވަކި ގޮތަކަށް ސިފަކޮށް، އެއްގޮތަކަށް ފައްތަން އުޅުމުގެ ސަގާފަތުގެ ސަބަބުން އަގުހުރި އެތައް ހުނަރެއް ފަނާވެފައިވާ ކަމަށާއި، ސެޓުތަކުގައި ދެވޭ ދަށު ދަރަޖައިގެ ރޯލުތަކުގެ ސަބަބުން އެފަދަ ފަންނާނުންގެ އަގު ވެއްޔާ މޮޑެވި، އެއްވެސް އަގުވަޒަންކުރުމެއް ނެތި އެތައް ބަޔަކު ނިމިދިޔަ ކަމަށް އޭނާ ބުންޏެވެ.

މަނޯޖް މުހިންމު ރޯލެއް ކުޅުނު ފިލްމު "ގަވަރުނަރު: ދަ ސައިލެންޓް ސޭވިއަ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަމިއްލަ ފަންނާ ގުޅޭގޮތުން ވާހަކަދައްކަމުން މަނޯޖް ހާމަކުރީ، އޭނާގެ އެކްޓިންގެ ގާބިލުކަމުން މިހާތަނަށް ބޭނުންކުރެވިފައި ވަނީ އެންމެ 25 އިންސައްތަ ކަމަށެވެ. މިއީ އެކްޓަރެއްގެ ހިތުގައި އޮންނަ، އިތުރަށް ދަސްކުރުމުގެ ބޮޑު އެދުން ކަމަށް ވެދާނެ ކަމަށް ބުނަމުން، އެ ފޯރި އާއި ޢަޒުމް ހިތުގައި އަދިވެސް ދިރިހުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ އަބަދުވެސް އިންތިޒާރުކުރަނީ ކުރިއަށް އޮތް، މުޅީން އާ މަސައްކަތްތަކަށް ކަމަށް މަނޯޖް ވަނީ ބުނެފައެވެ.

މީގެއިތުރުން، "ސަޕޯޓިން އެކްޓަރު"ގެ ލޭބަލް އެޅުވުމަކީ ފަންނާނެއްގެ މަސައްކަތުގެ އަގު ވައްޓާލައި އެ މީހުން އެކަހެރިކުރާ ކަމެއް ކަމަށް ބުނެ ބަތަލާ ދިވްޔާ ދައްތާ ފާޅުކުރި ޚިޔާލަށް ވެސް މަނޯޖް ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.

އެފަދަ ނުތަނަވަސްކަމަކީ ބަލައިގަނެވޭނެ ކަމެއްކަން ފާހަގަކުރަމުން އޭނާ ބުނީ، މައިގަނޑު ބަތަލާއި ސަޕޯޓިން އެކްޓަރު ފަދަ ނަންނަމުން މީހުން ދަރަޖަކުރުމަކީ އިސްތިއުމާރީ ޒަމާނުގެ ބޯދާ ވިސްނުމެއް ކަމަށެވެ. މިއީ އޭނާ ވެސް އަމިއްލަ ޙަޔާތުގައި އެތައް ހަނގުރާމައެއްކޮށް ތަހައްމަލުކުރި ދުވަސްތަކެއް ނަމަވެސް، މިހާރު އެފަދަ ތަފާތުކުރުންތައް އިންޑަސްޓްރީން ނެތެމުންދާތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް މަނޯޖް ބުންޏެވެ.

މަނޯޖް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "ލާސްޓް މޭން އިން ޓަވާ"އެވެ.

comment ކޮމެންޓް