ސްޕެއިންގެ މެޑްރިޑްގައި ހައި-ސްޕީޑް ދެ ރޭލު މުޑިއަރައި 68 މީހުން މަރުވެއްޖެ

ސްޕެއިންގެ މެޑްރިޑްގައި ހައި-ސްޕީޑް ދެ ރޭލު މުޑިއަރައިފައި --

ސްޕެއިންގެ މެޑްރިޑްގެ ދެކުނުން ހައި-ސްޕީޑް ދެ ރޭލު މިއަދު މުޑިއަރައި، 68 މީހުން މަރުވެއްޖެއެވެ.

އުރްދާ ސަރަހައްދުގައި ހިނގި މި ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. އަދި ކަސްޓީޔާ-ލާ މަންޗާގެ ސަރަހައްދީ ސަރުކާރުގެ ތަރުޖަމާނަކު ބުނިގޮތުގައި، މި އެކްސިޑެންޓުގައި 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ.

ސްޕެއިންގެ ދައުލަތުގެ ރޭލު ކުންފުނި ރެންފޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އެ ކުންފުނީގެ ރޭލަކާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ އިރިޔޯގެ ރޭލަކާ ދެމެދުގައެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން މެޑްރިޑްއިން ސްޕެއިންގެ ދެކުނަށް ދަތުރުކުރާ މައި ހައި-ސްޕީޑް ރޭލު ލައިންގެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެެިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއް ރޭލު އަނެއް ރޭލުގެ ތެރެއަށް ވަދެ، ބައެއް ބައިތައް އަރިއަޅާލާފައިވާއިރު، މީހުން ސަލާމަތްކުރުމަށް ކުއްލި ފަރުވާދޭ ގިނަ އުޅަނދުތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސްޕެއިންގެ މެޑްރިޑްގައި ހައި-ސްޕީޑް ދެ ރޭލު މުޑިއަރައިފައި --

ކަސްޓީޔާ-ލާ މަންޗާގެ ސަރުކާރުގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި އަނިޔާވި މީހުންގެ ތެރެއިން 58 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން 15 މީހެއްގެ ހާލު ސީރިއަސްއެވެ.

ކަސްޓީޔާ-ލާ މަންޗާގެ ލީޑަރު އެމިލިއާނޯ ގާސިއާ-ޕާޖޭ ވިދާޅުވި ގޮތުގައި، ކުރިން 64 މީހުން މަރުވި ކަމަށް ބެލެވުނު ނަމަވެސް އެ އަދަދު މިހާރު ވަނީ 68 އަށް އަރާފައެވެ. ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ ވިދާޅުވީ، މި އެކްސިޑެންޓު ހިނގީ 69 ކިލޯމީޓަރުގެ ސަރަހައްދެއްގައި އޮޓޮމެޓިކް ކޮންޓްރޯލް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ދަތުރުތައް ހުއްޓިފައި ވަނިކޮށް، އޮޅުމަކުން ރޭލެއް ދުއްވުމަށް އެންގުމުން ކަމަށެވެ. އަދި ސިސްޓަމް ރަނގަޅު ނުވަނީސް ދަތުރުތައް އަލުން ފެށުމަށް ކޮންޓްރޯލް ސެންޓަރުން ނިންމުމުން، ރެންފޭގެ ރޭލު 25 ކިލޯމީޓަރަށް ދަތުރުކޮށް، ގަޑިއަކު 200 ކިލޯމީޓަރާ ހަމައަށް ބާރުމިނުގައި ގޮސް، ހުއްޓާފައި އޮތް އިރިޔޯ ރޭލުގައި ޖެހުނީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެ އޮޅުން ދެނެގަތުމަށް ކޮންޓްރޯލް ސެންޓަރަށް އެކަށީގެންވާ ވަގުތު ލިބުނު ނަމަވެސް އެކަން ރަނގަޅުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް