މިއަދު ވެސް ވައި ނުސާފު، މެދުރާއްޖެ ތެރެއާއި އުތުރަށް 5 ދުވަހަށް ދުންފުހުގެ އަސަރު ކުރާނެ

މާލެ ސަރަހައްދަށް ވައި ނުސާފުވެފައި: މިއަދު ވެސް ވައި ނުސާފު، މެދުރާއްޖެ ތެރެއާއި އުތުރަށް ފަސް ދުވަހަށް ދުންފުހުގެ އަސަރު ކުރާނެ -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް، ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު ވެފައިވާއިރު، މެދުރާއްޖެ ތެރެއާއި އުތުރަށް ފަސް ދުވަހަށް ދުންފުހުގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ވައިގެ ކޮލެޓީ ދައްކުވައިދޭ އައިކިއުއެއާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިއަދު ވެސް އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. އެގޮތުން އެ ސަރަހައްދުގައި ވައި ނުސާފު މިންވަރު ގިންތިކޮށްފައިވަނީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 158 އާއި 160އާ ދޭތެރޭ، ރަތް އެލާޓެއްގެ ގޮތުގައެވެ. އެއީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވާ ހާލަތެކެވެ. މީގެ ތެރެއިންވެސް އެންމެ ނުރައްކާ ބޮޑު ކަމަށް ދައްކަނީ ކުޅުދުއްފުށީ ސިޓީއަށެވެ.

https://sun.mv/187416

އުތުރާއެކު، މެދުރާއްޖެތެއަށް ވެސް ވައި ނުސާފުކަމަށް އައިކިއުއެއާގެ ތަފާސްހިސާބުން ދައްކައެވެ. އެއީ އޭކިއުއައި 121 ނުވަތަ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގެ ގޮތުގައެވެ. އެއީ ވެސް، އާންމުކޮށް އެންމެންނަށް، ޚާއްސަކޮށް ނާޒުކު ހާލަތުގައިވާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވުމާއި ނެވޭލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނަ ހާލަތެކެވެ.

ދ. އަތޮޅަށް ބަލާއިރު، އޭކިއުއައި ރޭޓިން 77 ގައި ހުރި އިރު، އެއަށްވުރެ ދެކުނުން ލ. އަތޮޅުގެ ރޭޓިން ހުރީ 58 ގައެވެ.

މިއަދު ރާއްޖެއަށް ވައި އެންމެ ސާފުކަމަށް ދައްކަނީ އެންމެ ދެކުނުގެ ސަރަހައްދުތަކަށެވެ. އެގޮތުން އައްޑޫ ސިޓީގެ ރޭޓިން 39 ގައި އުޅޭއިރު، ފުވައްމުލައް ސިޓީގެ ރޭޓިން އުޅެނީ 28 ގައެވެ.

މިކަމާ ގުޅޭގޮތުން މޫސުމާބެހޭ ގައުމީ އިދާރާއިން އިއްޔެ ބުނެފައިވަނީ، ދުންފުހުގެ ސަބަބުން މެދުރާއްޖެތެރޭގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ހަމަލޮލަށް ސާފުކޮށް ދުރު ފެންނަ މިންވަރު ވަނީ އެންމެ ދެ ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އިތުރުން، ޚާއްސަކޮށް އުތުރުގެ އަތޮޅުތަކަށް މި ހާލަތު ކުރިއަށް އޮތް ފަސް ދުވަހު ވެސް ދެމިއޮންނާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އައިކުއެއާއިން ދައްކާގޮތުގައި ވައި ސާފުކަމުގެ މިންވަރު ހުރުން ރަނގަޅީ 0-50 އާއި ދެމެދުގައެވެ. އެ ގިންތީގައި ހުންނަ ނަމަ، ވައިގެ ތެރޭގައި އެއްވެސް ނުރައްކަލެެއް ނެތް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ވައި ނުސާފުވާ މިންވަރު އެންމެ ނުރައްކާތެރިވާ ވާނީ 300 އަށްވުރެ މައްޗަށް ދިޔުމުންނެވެ. މިހެންވުމުން ސިއްހީ ގޮތުން އެންމެންނަށް ވެސް އަސަރުކުރާއިރު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެއެވެ.

https://sun.mv/229714

ވައި ތަޣައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ނުރައްކާތެރި ކަމެކެވެ. ނަމަވެސް ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރެވެ. އެހެންވެ، ވައި ނުސާފުވެއްޖެ ނަމަ، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން އެދެވިގެންވެއެވެ.

comment ކޮމެންޓް