ރާއްޖެ ބޮޑު ބަޔަކަށް، ނުރައްކާތެރި މިންވަރަކަށް މިއަދު ވައި ނުސާފުވެއްޖެއެވެ.
ވައިގެ ކޮލެޓީ ދައްކުވައިދޭ އައިކިއުއެއާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ ރާއްޖޭގެ އުތުރަށެވެ. އެގޮތުން އެ ސަރަހައްދުގައި ވައި ނުސާފު މިންވަރު ގިންތިކޮށްފައިވަނީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 158 އާއި 165އާ ދޭތެރޭ، ރަތް އެލާޓެއްގެ ގޮތުގައެވެ. އެއީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވާ ހާލަތެކެވެ.
އޭގެ އިތުރުން މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި ވެސް ވައި ނުސާފު ކަމަށް އައިކިއުއެއާގެ ތަފާސްހިސާބުން ދައްކައެވެ. އެއީ އޭކިއުއައި 126 ނުވަތަ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގެ ގޮތުގައެވެ. އެއީ ވެސް، އާންމުކޮށް އެންމެންނަށް، ޚާއްސަކޮށް ނާޒުކު ހާލަތުގައިވާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވުމާއި ނެވޭލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނަ ހާލަތެކެވެ.
މީގެ އިތުރުން ދ. އަތޮޅުގައި ވެސް ވައި ނުސާފުވެފައިވާ ކަމަށް އައިކިއުއެއާއިން ދައްކާއިރު، އެ ސަރަހައްދުގައި އޭކިއުއައި ހުރީ 60ގައެވެ.
އެ ވެބްސައިޓުން ދައްކާ ގޮތުން ދެކުނުގެ ވައިގެ ސާފުމިން ހުރީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.
އައިކުއެއާއިން ދައްކާގޮތުގައި ވައި ސާފުކަމުގެ މިންވަރު ހުރުން ރަނގަޅީ 0-50 އާއި ދެމެދުގައެވެ. އެ ގިންތީގައި ހުންނަ ނަމަ، ވައިގެ ތެރޭގައި އެއްވެސް ނުރައްކަލެެއް ނެތް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ވައި ތަޣައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ނުރައްކާތެރި ކަމެކެވެ. ނަމަވެސް ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރެވެ. އެހެންވެ، ވައި ނުސާފުވެއްޖެ ނަމަ، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން އެދެވިގެންވެއެވެ.