ސްޓާ ޓްރެކްގެ މަޝްހޫރު ތަރި ވޯލްޓާ ކޮއެނިގް އުމުރުން 90 އަހަރުގައި މަރުވެއްޖެ

ހޮލީވުޑްގެ މަޝްހޫރު ތަރި ވޯލްޓާ ކޮއެނިގް--ފޮޓޯ/ބީބީސީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދި މަޝްހޫރު ސައިންސް-ފިކްޝަން ސީރީޒް "ސްޓާ ޓްރެކް"ގައި ރަޝިޔާގެ ފަޅުވެރިއެއް ކަމަށްވާ ޕަވެލް ޗެކޯވްގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދި އެމެރިކާގެ ތަޖުރިބާކާރު އެކްޓަރު ވޯލްޓާ ކޮއެނިގް، އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ.

އޭނާގެ ތަރުޖަމާނު ބީބީސީއަށް ދިން ބަޔާނެއްގައި ކަށަވަރުކޮށްދިން ގޮތުގައި، ކޮއެނިގް މަރުވީ ޢުމުރުން ދުވަސްވުމުގެ ސަބަބުން ނޯތު ހޮލީވުޑްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި، އާއިލާގެ ގާތް މީހުންގެ ހާޒިރުގައެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ އޭނާ މަރުވިއިރު ގާތުގައި އޭނާގެ އަންހެން ކުދިންނާއި ކޮއްކޮގެ އަންހެން ދަރިފުޅު ތިބިކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ކޮއެނިގްގެ ފަންނުވެރިކަމާއި އޯގާތެރިކަން އަދި ކުޅަދާނަ އެކްޓިންއަކީ އެތައް ޖީލެއްގެ ސަޕޯޓަރުންގެ ހިތްތަކުގައި ދުވަހަކުވެސް ފަނޑުނުވާނެ ހަނދާންތަކެއް ކަމަށެވެ.

ކޮއެނިގް 'ސްޓާ ޓްރެކް'ގެ އަސްލު ޓީވީ ސީރީޒާ ގުޅުނީ 1967 ވަނަ އަހަރު ދެއްކި ދެވަނަ ސީޒަނުންނެވެ. އެއަށްފަހު 1969ގައި އެ ޝޯ ނިމެންދެން، 'ސްޓާޝިޕް އެންޓަޕްރައިޒް' ޖައްވީ އުޅަނދުގެ ހީވާގި އަދި ވަފާތެރި ނެވިގޭޓަރުގެ ގޮތުގައި ފެނިގެންދިޔަ ކޮއެނިގް ވަނީ، 1979އިން 1991ގެ ނިޔަލަށް ނެރުނު އަސްލު ކާސްޓުގެ ހަ ފިލްމުގައި ވެސް އެ ރޯލު ކުޅެ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.

ވިލިއަމް ޝެޓްނާ ކެޕްޓަން ޖޭމްސް ޓީ. ކާކްގެ ގޮތުގައި ލީޑުކުރި އެ ޓީމަށް، ކޮއެނިގްގެ ކެރެކްޓަރުން ގެނެސްދިނީ އާދަޔާޚިލާފު ހިތްގައިމުކަމަކާއި މަޖާ މިޒާޖެކެވެ. އޭނާގެ ވަކިވެދިއުމުގެ ހިތާމައިގައި ބައިވެރިވެ، 'ސްޓާ ޓްރެކް'ގައި އޭނާއާއެކު ހިކާރޫ ސުލޫގެ ރޯލު އަދާކުރި އެކުވެރި އެކްޓަރު ޖޯޖް ޓަކޭ ސޯޝަލް މީޑިއާގައި ލިޔެފައިވަނީ، ކޮއެނިގްއަކީ ހަމައެކަނި ޗެކޯވްގެ ކެރެކްޓަރު ނޫން ކަމަށާއި، އޭނާއަކީ ފުން ވިސްނުމުގެ މޮޅު ލިޔުންތެރިއެއް، މުދައްރިސެއް އަދި ތެދުވެރި އެކުވެރިއެއް ކަމަށެވެ.

ވޯލްޓާ ކޮއެނިގްއަށް 2012 ވަނަ އަހަރު ހޮލީވުޑްގެ ވޯކް އޮފް ފޭމްގެ ލަޤަބު ލިބުމާ ގުޅިގެން އެ ރަސްމިއްޔާތުގައި--ފޮޓޯ/ވެރައިޓީ

ޝިކާގޯއަށް އުފަންވެ، މެންހަޓަންގައި ބޮޑުވި ކޮއެނިގްގެ މައިންބަފައިންނަކީ ލިތުއޭނިއާއިން ހިޖުރަކުރި ސޯވިއެޓް ޔަހޫދީ ދެމަފިރިންނެވެ. ނިއުޔޯކުގެ މަޝްހޫރު 'ނެއިބާހޫޑް ޕްލޭހައުސް ސްކޫލް އޮފް ދަ ތިއޭޓާ'އިން އެކްޓިން ދަސްކުރި ކޮއެނިގްގެ ކެރިއަރު ބަދަލުކޮށްލީ، 'ސްޓާ ޓްރެކް'ގެ ޒުވާން، ހުނަރުވެރި ޗެކޯވްގެ ރޯލެވެ. ދުނިޔޭގެ ހުރިހާ މޮޅު އެއްޗެއް ވެސް އީޖާދުކުރީ ރަޝިޔާއިން ކަމަށް ބުނެ އަބަދުވެސް ފަޚުރުވެރިވާ މި ކެރެކްޓަރަކީ، ޝޯއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ހެއްވާ ސިފަތަކެއް އެކުލެވޭ ރޯލެކެވެ.

އެ ދުވަސްވަރު މަޝްހޫރު 'ބީޓްލްސް' ސްޓައިލަށް އިސްތަށިގަނޑު ބަހައްޓައިގެން މި ކެރެކްޓަރު ތަޢާރަފުކުރީ ޒުވާން އޯޑިއަންސްގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ފިނި ހަނގުރާމަ އާއި ޖައްވީ ވާދަވެރިކަން އެންމެ ގަދައަށް ހިނގަމުންދިޔަ ދަނޑިވަޅެއްގައި މި ޝޯ ދެއްކި ނަމަވެސް، 'ސްޓާ ޓްރެކް'އިން ދައްކުވައިދިނީ އެކި ޤައުމުތައް ގުޅިގެން ޖައްވު ހޯދައި ބެލުމުގެ ސުލްހަވެރި މުސްތަގުބަލެކެވެ. އެހެންކަމުން، ޗެކޯވްގެ ރަޝިޔާ އަސްލު ވެގެންދިޔައީ އެ ޝޯއިން ދައްކުވައިދިން އެއްބައިވަންތަކަމުގެ މުހިންމު ރަމްޒަކަށެވެ.

ސްޓާ ޓްރެކްގެ ފުރަތަމަ ސީރީޒަށްވުރެ ބޮޑަށް، ފަހުން ނެރުނު ފިލްމުތަކުގައި ކޮއެނިގްގެ ހުނަރު މާ ފުރިހަމައަށް ފެނިފައިވެއެވެ. އެގޮތުން 1982ގެ "ދަ ރެތް އޮފް ހާން" އަދި 1986ގެ "ދަ ވޮޔޭޖް ހޯމް"ގައި އޭނާ ދެއްކި މޮޅު ހުނަރަށް އެކަޑަމީ އޮފް ސައިންސް ފިކްޝަން އެވޯޑަށް ވެސް ނޮމިނޭޓްވިއެވެ. އަދި 1994ގެ "ޖެނެރޭޝަންސް"އިން ފެނުމުގެ އިތުރުން، 2023ގައި ދެއްކި "ސްޓާ ޓްރެކް: ޕިކާޑް"ގައި ޕްރެޒިޑެންޓް އެންޓަން ޗެކޯވްގެ ކެރެކްޓަރަށް އަޑު އަޅައިދިނީ ވެސް އޭނާއެވެ. ސްޓާ ޓްރެކްގެ ދާއިރާއިން ބޭރުން ބަލާއިރު، ނުވަދިހައިގެ އަހަރުތަކުގެ މެދުތެރޭގައި "ބެބިލޯން 5" ސީރީޒްގައި އޭނާ ކުޅުނު އަލްފްރެޑް ބެސްޓާ ކިޔާ ނުބައިބައި ޓެލެޕަތުގެ ރޯލަކީ، އޭނާގެ އެކްޓިންގެ ތަފާތުކަން ސާބިތުކޮށްދިން މޮޅު މަސައްކަތެކެވެ.

ފޮތް ލިޔުމާއި އެނިމޭޝަން ސްކްރިޕްޓް ލިޔުމުގައި ވެސް ހަރަކާތްތެރިވި ކޮއެނިގް، އުމުރުގެ ފަހު ދުވަސްވަރު ވެސް ވަނީ ފަންނީ މަސައްކަތްތަކުގައި ދެމިހުރެފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ އިންޑިޕެންޑެންޓް ޝޯޓްސް އެވޯޑްސްގައި "މިސްޓަ ފްލައިޝްމަން" ކުރު ފިލްމުން އޭނާއަށް އެންމެ މޮޅު އެކްޓަރުގެ ޕްލެޓިނަމް އެވޯޑް ލިބިގެންދިޔައީ އޭނާގެ ދިގު ކެރިއަރަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައެވެ.

ކޮއެނިގް 1965 ވަނަ އަހަރު ކައިވެނި ކުރީ އެކްޓްރެސް ޖޫޑީ ލެވިޓްއާއެވެ. ސްޓާ ޓްރެކްގެ ބައެއް ފިލްމުތަކުން ވެސް އޭނާއާއެކު ފެނިގެންދިޔަ ޖޫޑީ އާއި ކޮއެނިގްގެ ގުޅުން ދެމިއޮތީ 2022 ވަނަ އަހަރު ޖޫޑީ މިދުނިޔެ ދޫކުރުމާ ހަމައަށެވެ.

ސައިންސް-ފިކްޝަން ސިނަމާގެ ތާރީޚުގައި ފަވާލެވިފައިވާ ވޯލްޓާ ކޮއެނިގްގެ ނަމަކީ، އޭނާ ދޫކޮށްދިޔަ މުއްސަނދި ފަންނުވެރިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުންގެ ހަނދާނުގައި އަބަދުވެސް ދިރިހުންނާނެ ނަމެކެވެ.

comment ކޮމެންޓް