ޢުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ލޮލުގެ ދާއިމީ ބައްޔެއް ކަމަށްވާ "އޭޖް ރިލޭޓެޑް މެކިއުލާ ޑީޖެނެރޭޝަން" (އޭއެމްޑީ)ގެ ސަބަބުން، އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ބަތަލާ ޖޫޑީ ޑެންޗަށް ފިލްމު ކުޅުމާއި، ސްޓޭޖް ޑްރާމާތައް ކުޅުމުގެ އިތުރުން ލިޔުންތައް ކިޔެވުމަށްވެސް ނުކުޅެދިއްޖެއެވެ.
ލޮލުގެ އެތެރޭގައި ސާފުކޮށް ސީދަލަށް ފެނުމަށް އެހީތެރިވެދޭ "މެކިއުލާ" ހަލާކުވަމުންދާތީ، އެކަމުގެ އަސަރު އުމުރުން 91 އަހަރުގެ ބަތަލާގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ.
ބީބީސީ ރޭޑިއޯ ފޯގެ "ޓުޑޭ" ޕްރޮގްރާމުގައި ވާހަކަދައްކަމުން ޑެންޗް ބުނީ، މިހާރު ސްޓޭޖު މައްޗަށް އަރައި އެކްޓުކުރުމާއި، ފިލްމުތަކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން އޭނާގެ ކިބައިން މުޅިން ނެތިގޮސްފައިވާ ކަމަށެވެ. އަދި އަމިއްލައަށް އެއްވެސް އެއްޗެއް ކިޔުމަކީވެސް މިހާރު ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން، މި ބަލި ޙާލަތާ މެދު އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށާއި އެކަމާ މެދު މާ ބޮޑަށް ވިސްނަން ބޭނުންނުވާ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ފިލްމީ ސްކްރިޕްޓްތައް ކިޔަން ދަތިވާން ފެށުމުން ޓެސްޓުތައް ހަދައި، ޑެންޗަށް މި ބަލި ޖެހިފައިވާކަން ދެނެގަނެވުނީ 2012 ވަނަ އަހަރު، އޭނާގެ އުމުރުން 77 އަހަރުގައެވެ. ނަމަވެސް އެ ދަތިތަކާއެކުވެސް އޭނާ ވަނީ ފަންނީ މަސައްކަތުގައި އެތައް އަހަރެއް ވަންދެން ދެމިހުރެ، ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.
ޖޫޑީ ޑެންޗް "ޖޭމްސް ބޮންޑް" ފިލްމެއްގެ މަންޒަރެއްގައި-- ފޮޓޯ/ޓެލެގްރާފްއިންޑިއާއިނގިރޭސިވިލާތުގެ ފަންނީ ދާއިރާގައި ފާހަގަކޮށްލެވޭ އެންމެ އަގުހުރި އެއް ފަންނާނުގެ ގޮތުގައި ބެލެވޭ ޑެންޗް ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ފިލޮމީނާ" އާއި "ޖޭމްސް ބޮންޑް" ސީރީޒްގެ ފިލްމުތަކުގެ އިތުރުން "ޝޭކްސްޕިއާ އިން ލަވް" ހިމެނެއެވެ. މި ފިލްމުގައި ދެއްކި ފުރިހަމަ އެކްޓިންއަށް އޭނާއަށް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އޮސްކާ އެވޯޑުވެސް ލިބިފައެވެ.
ސިނަމާގެ އިތުރުން ތިއޭޓަރުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ޑެންޗްގެ ފަންނީ ދަތުރު ފެށުނީ، 1957 ވަނަ އަހަރު އޮލްޑް ވިކް ކޮމްޕެނީއާއެކު ވިލިއަމް ޝޭކްސްޕިއާގެ މަޝްހޫރު ޑްރާމާ "ހެމްލެޓް"ގެ އޮފީލިއާގެ ރޯލުންނެވެ. އެއަށްފަހު ފާއިތުވި ދިގު މުއްދަތުގައި ސްޓޭޖް މަތީގައި ދެއްކި މޮޅު ހުނަރުތަކަށް، އިނގިރޭސި ތިއޭޓަރުގެ އެންމެ ޝަރަފުވެރި "ލޯރެންސް އޮލިވިއޭ އެވޯޑް" އެތައް ފަހަރަކު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.
އެނިޑް ބްލައިޓަންގެ މަޝްހޫރު ވާހަކަ ސިލްސިލާއަށް ބިނާކޮށް އުފެއްދި "ދަ މެޖިކް ފާރަވޭ ޓްރީ" އަކީ ޑެންޗް އެންމެ ފަހުން މަސައްކަތްކުރި ފިލްމެވެ. އެންޑްރޫ ގާފީލްޑް، ކްލެއާ ފޯއީ އަދި ނިކޮލާ ކޮފްލަން ފަދަ މަޝްހޫރު ތަރިންނާއެކު އޭނާ ފެނިގެންދިޔަ މި ފިލްމުގައި ޑެންޗް އަދާކޮށްފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ އައިސްއަލަމާރިއަކަށް އަޑުއެޅުމުގެ ޚާއްސަ ރޯލެކެވެ.