ރާއްޖޭގައި ފުރަތަމަ ފަހަރަށް، ކޮފީ ގަހެއްގައި، ކޮފީ ބީންސް އަޅައިފިއެވެ.
ރާއްޖޭގައި ކޮފީ ބީންސް ކާމިޔާބުކަމާއެކު ހައްދައިފައިވަނީ، ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރު، އައްޑޫއަށް ނިސްބަތްވާ އަބްދުﷲ ރަމްޒީ އެވެ.
އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ކޮފީ ގަސްތަކުގައި މޭވާ އަޅައިފައިވާ މަންޒަރު ދައްކާލާފައެވެ. ރަމްޒީ އެ ކޮފީ ގަސްތައް ހައްދާފައިވަނީ، މީދޫގައި އޮންނަ އޭނާގެ އަމިއްލަ ދަނޑުގައެވެ.
ރަމްޒީ ވަނީ، ރާއްޖޭގެ ފަސްގަނޑުގެ ގޮތުންނާއި، މޫސުމުގެ ގޮތުން ކޮފީ ހެއްދުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއްކަން ފާހަގަކޮށްފައެވެ. ނަމަވެސް، އެ ގަސްތަކުގައި އަޅާފައިވާ ފެހި ކޮފީ މޭވާތައް ފެނުމުން ކުރި ހުރިހާ ބުރަ މަސައްކަތެއްގެ ފޮނި މީރުކަން ލިބިއްޖެ ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އޭނާ ހިއްސާކޮށްފައިވާ ފޮޓޯއާއި ވީޑިއޯގައި އެ ގަސްތަކުގައި މޭވާ އަޅާފައިވާ މަންޒަރު ފެނެއެވެ.
އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރެއް ކަމަށްވާ ރަމްޒީގެ ދަނޑުން ފުރަތަމަ މީހުންގެ ހިތްތައް ދަމައިގަތީ އޭނާގެ ޑްރެގަން ފުރުޓު ގަސްތަކެވެ. އެ ދަނޑުގައި ހައްދާ ޑްރެގަން ފުރުޓް، ދުރާލާ 'ރިޒާވް'ކޮށްގެން ވެސް ބައެއް މީހުން ގަންނައިރު، އެ ދަނޑު ބަލާލައި ފޮޓޯ ނެގުމަށް ވެސް ގިނަ ބަޔަކު ޒިޔާރަތްކުރެއެވެ.
ކޮފީ ގަހަކީ އާންމުކޮށް ހޫނުގަދަ ސަރަހައްދުތަކުގައި ހެދޭ ގަހެކެވެ. އެ ގަސް އެންމެ ރީތިކޮށް ހެދޭނީ ފިނި ނޫން އަދި މާ ބޮޑަށް ހޫނު ނުވާ މޫސުންތަކުގައެވެ.
ރާއްޖޭގައި ވެސް އެކި ބާވަތްތަކުގެ ކޮފީ ވަރަށް މަޝްހޫރުވެފައިވާއިރު، ކޮފީ ތައްޔާރުކުރަނީ އެ ގަސްތަކުގައި އަޅާ ކޮފީ ބީންސް ރޯސްޓްކޮށްގެންނެވެ.