ހދ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް، އާރުޓީއެލް ލޯންޗެއް ދިޔަވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ލޯންޗު ދިޔަވުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އާރުޓީއެލް ބަނދަރުގައި އޮތް އެ ލޯންޗު، ދިޔަވާން ފެށިކަމުގެ މަޢުލޫމާތު އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދުގެ ފަތިހު 05:35 ހާއިރު ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ގޮސް، ލޯންޗު ދިޔަވުން ހުއްޓުވުމަށް ކުރި މަސައްކަތުން، ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ ހެނދުނު 07:50 ހާއިރު އެމްްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް ލޯންޗެއް ދިޔަވުމުން ދިޔަ ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑީއެފް އެމްއެެންޑީއެފްއިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ލޯންޗުގެ ބޮޑު ބަޔަކަށް ވަނީ ފެން އެޅިފައެވެ. އަދި ލޯންޗުން ފެން ހިއްކުމަށް ޕަންޕު ބޭނުންކޮށްގެން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، ލޯންޗުގެ ސައިލެންސަރަށް ފެން ވަދެގެން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
އިއްޔެ ވަނީ، ރ. ދުވާފަރުން އެ އަތޮޅު ކަނދޮޅުދުއަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި، އެ ލޯންޗުން ދަތުރުކުރި މީހެއްގެ ހާލު ދެރަވެފައެވެ. އެ މީހާ ދުވާފަރު ސިއްހީ މަރުކަޒަށް ގެންދިޔުމަށް ފަހު ފަރުވާ ދިނުމުން، ހާލު ރަނގަޅުވެފައިވާ ކަމަށް އިއްޔެ ސިފައިން ބުނެފައިވެއެވެ.
ކަނޑުމަތީގެ މިފަދަ ހާދިސާތައް ދޭތެރެއަކުން ފެންމަތިވަމުން އަންނައިރު، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑު ދަތުރުތައް ކުރުމުގައި މޫސުމަށް ސަމާލުވެ، ސަލާމަތީ ވަސީލަތްތައް ބޭނުންކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.