އަގު 2,000 ޑޮލަރަށް އަރާ އެޕަލްގެ 'އައިފޯން ޑުއޯ'، އެމެރިކާއާއެކު ރާއްޖޭގެ ބާޒާރަށް ވެސް ނެރެފި

އެޕަލް ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު "އައިފޯން ޑުއޯ" ގާތްގަނޑަކަށް 2,000 އެމެރިކާ ޑޮލަރުގެ އަގެއްގައި ދުނިޔޭގެ ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.

މި ފޯނަށް އޮތް ބޮޑު ތަރުޙީބުގެ ސަބަބުން ޕްރީ-އޯޑަރު ހުޅުވާލިތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި ސަޕްލައި ހުސްވެ، ފޯނު ހަވާލުކުރެވޭނެ ތާރީޚުތައް ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހަށް ފަސްވެފައެވެ.

އެހެންވެ، އެ ފޯނުގެ ސަޕްލައި ކަންތައް ބަލަހައްޓައި ކިއުތައް ކުޑަކުރުމުގެ ގޮތުން އެޕަލްއިން ވަނީ ކޮންމެ ކަސްޓަމަރަކަށް ގަނެވޭނެ އެންމެ ގިނަ އަދަދަކީ ދެ ފޯނު ކަމަށް ކަނޑައަޅައި، ގިނަ ގައުމުތަކުގައި ފޯނު ވިއްކުން އޮންލައިން ޕްރީ-އޯޑަރުތަކަށް ލިމިޓްކޮށްފައެވެ.

ސެމްސަންގް އަދި ވާވޭ ފަދަ ކުންފުނިތަކުން ފޯލްޑަބަލް މާކެޓުގައި ކުރި ހޯދާފައިވީ ނަމަވެސް، އެޕަލްގެ މި ފޯނާއެކު އަންނަ އަހަރު އަންނައިރު މުޅި ފޯލްޑަބަލް ބާޒާރުގެ އެންމެ ކުރީގައި އުޅޭނީ އެޕަލް ކަމަށް އައިޑީސީން ލަފާކުރެއެވެ.

https://sun.mv/229420

އައިފޯން ޑުއޯގައި 7.6 އިންޗީގެ އެތެރޭގެ މައި ސްކްރީނަކާއި 5.4 އިންޗީގެ ބޭރު ސްކްރީނެއް އެކުލެވޭއިރު، މިއީ އޭ20 ޕްރޯ ޗިޕްސެޓާއި އައިއޯއެސް 27 ހިންގާ، ވަރުގަދަ ހިންޖެއް އެކުލެވޭ ފޯނެކެވެ.

ރިވިއުކުރާ ފަރާތްތަކުން ވަނީ ފޯނުގެ ފަރުމާއާއި ހިންޖަށް ތައުރީފުކޮށްފައެވެ. ނަމަވެސް ޓެލެފޮޓޯ ކެމެރާއެއް ނެތުމާއި، ފޭސް އައިޑީގެ ބަދަލުގައި ޓަޗް އައިޑީ ބޭނުންކޮށްފައިވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އައިފޯނަކާއި އައިޕެޑެއްގެ ތަޖުރިބާ އެކުއެކީގައި ލިބޭ މި ފޯނަކީ އަގު ބޮޑު ނަމަވެސް އައު ތަޖުރިބާއެއް ބޭނުންވާ ފަރާތްތަކަށް ކަމުދާނެ ފޯނެއް ކަމަށް ރިވިއުތަކުގައި ފާހަގަކޮށްފައިވެއެވެ.

ފޯލްޑަބަލް ފޯނުތަކުގެ ބާޒާރަށް އެޕަލްއިން "އައިފޯން ޑުއޯ" އާއެކު ވަދެފައިވާއިރު، މިއީ އެ ކުންފުނިން މި ފަދަ ފޯލްޑަބަލް ޓެކްނޮލޮޖީއެއްގެ ފޯނެއް ބާޒާރަށް ނެރުނު ފުރަތަމަ ފަހަރެވެ. ސެމްސަންގް އަދި ވާވޭ ފަދަ ވާދަވެރި ކުންފުނިތަކުން 2019 ވަނަ އަހަރުން ފެށިގެން ފޯލްޑަބަލް ފޯނުތައް ބާޒާރަށް ނެރެ މާކެޓް ކުރިއަރުވަމުން އައި ނަމަވެސް، އެޕަލްއިން މަޑުކޮށްލައިގެން ތިބީ ސްކްރީން މެދުން ފަތްޖެހޭ ތަން ފާހަގަކުރެވޭ މިންވަރު ކުޑަކޮށް، ހިންޖުގެ ވަރުގަދަކަން ކަށަވަރުކުރުމަށްޓަކައި ފުރިހަމަ ފަރުމާއެއް އެކުލަވާލުމަށެވެ.

އެމެރިކާގައި އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "އެޕަލް ޑުއޯ" ލޯންޗުކުރި ދުވަހާ އެއް ދުވަހެއްގައި، އެ އުފެއްދުން ދިވެހިރާއްޖޭގައި ވެސް ރަސްމީކޮށް ލޯންޗުކޮށް، އާންމުންނަށް ވިއްކަން ވަނީ ފަށައިފައެވެ. މި އުފެއްދުން ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ރާއްޖޭގެ މަޝްހޫރު އިލެކްޓްރޯނިކްސް ވިޔަފާރި އެލް (އެލް ސްޓޫޑިއޯ) މެދުވެރިކޮށެވެ.

comment ކޮމެންޓް