ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އެޕަލް ސްޓޯރެއް ލޫޓުވާލައި އައިފޯންތަކެއް ވަގަށް ނެގި މީހުންނަށް ވަރުގަދަ ލަނޑެއް ލިބިއްޖެއެވެ.
އެޕަލްއިން ވަނީ އައިފޯންތައް ބޭނުންނުކުރެވޭ ގޮތް ހަދައި، އެ ތަކެތި ހުރި ތަން ފުލުހުންނަށް އަންގައިދޭ ވަސީލަތްތަކަކަށް ބަދަލުކޮށްފައެވެ.
ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރާންސްގެ ލިލް ސިޓީގައި ހުންނަ އެޕަލް ސްޓޯރު ފަޅާލައި ފާޅުގައި ފޭރިގަނެގެން ގެންދިޔަ އައިފޯންތައް ހުޅުވާލުމާއެކު، އޭގެ އިސްކުރީނަށް ވަނީ އިންޒާރުގެ މެސެޖެއް އަރާފައެވެ. އޭގައި ވަނީ އެ ފޯނަކީ ނިއްވާލެވި، ލޮކްކުރެވިފައިވާ ފޯނެއް ކަމަށާއި، ފޯނު ހުރި ތަން ބެލެމުންދާތީ ވަގުތުން ލިލްގެ އެޕަލް ސްޓޯރަށް ފޯނު ރައްދުކުރުމަށް އެދިފައެވެ. އަދި އެ މައުލޫމާތު ސަރަހައްދީ ފުލުހުންނަށް ހިއްސާކުރެވެމުންދާ ކަމަށް ވެސް އެ މެސެޖުގައިވެއެވެ.
އެޕަލްއިން ސްޓޯރުތަކުގައި ދައްކާލުމަށް ބަހައްޓާފައި ހުންނަ "ޑެމޯ" ފޯނުތަކަކީ ޚާއްސަ ސެކިއުރިޓީ ސޮފްޓްވެއާއެއް ގުޅުވާފައިވާ ފޯނުތަކެކެވެ. ސްޓޯރުގެ ވައިފައި ނެޓްވޯކުން ބޭރުވުމާއެކު މި ފޯނުތައް އަމިއްލައަށް ލޮކްވެ، މަސައްކަތްކުރުން ހުއްޓި، ފޯނު ހުރި ތަނުގެ ޖީޕީއެސް ލޮކޭޝަން ފުލުހުންނަށް ފޮނުވަން ފަށައެވެ. މިއާއެކު ފޭރުނު މީހުންނަށް ލިބުނީ އަގުބޮޑު ފޯނުތަކެއްގެ ބަދަލުގައި، އެ މީހުން ތިބި ތަން ފުލުހުންނަށް ހާމަކޮށްދޭ ޓްރެކިން ވަސީލަތްތަކެކެވެ.
ފްރާންސްގައި ފެށުނު މި ހަމަނުޖެހުންތަކުގެ ތެރޭގައި އެޕަލް ސްޓޯރުގެ އިތުރުން ލުއީ ވިޓަން، ހާމޭސް އަދި ޑިއޯ ފަދަ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ފިހާރަތަކަށްވެސް ބޮޑެތި ގެއްލުންތަކެއްދީ، މުދާތައް ފޭރިގަނެފައިވެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 1،800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، 500 އަށްވުރެ ގިނަ ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ވައްކަންކުރާ މީހުންނާ ދެކޮޅަށް އެޕަލްއިން ބޭނުންކުރާ މި ޓެކްނޮލޮޖީގެ ސަބަބުން ވަގަށް ނަގާ ފޯނުތައް ކަޅު ބާޒާރުގައި ވިއްކުމަކީ ނުކުރެވޭނެ ކަމެކެވެ. ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ފޯނުތަކުން ލިބޭ ސިގްނަލްތަކުގެ އެހީގައި ފޭރުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.