އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރި އެއްކޮށް ބަންދުކޮށް، 1967 ވަނަ އަހަރުގެ ފަހުން ނުހިންގާ ފަދަ ބޮޑު އޮޕަރޭޝަނެއް އެ ސަރަހައްދުގައި ހިންގާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.
ނަތަންޔާހޫ އެ އިންޒާރު ދިނީ، ހުޅަނގު އައްސޭރީގެ ހަބްރޫންގައި ފަލަސްތީނުގެ ދެ މީހަކު އިޒްރޭލުގެ ސިފައިންނަށް ހަމަލާދިން ކަމަށް އިޒްރޭލުން މިއަދު ރިޕޯޓުކޮށްފައިވަނިކޮށެވެ. އެގޮތުން ކާރެއްގައި ދިޔަ ދެ މީހަކު، އިޒްރޭލުގެ ޗެކްޕޮއިންޓެއްގައި ތިބި ސިފައިންނަށް ބަޑިން ހަމަލާ ދިން ކަމަށް ސިފައިން ބުނެފައިވެއެވެ.
އިޒްރޭލުގެ އެމްބިއުލާންސް ޚިދުމަތުން ބުނި ގޮތުގައި އެ ހާދިސާގައި ފަސް ސިފައިންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތައް ލިބުނެެވެ. އަދި ފަހުން އިޒްރޭލުން ވަނީ ހަމަލާ ދިން ފަލަސްތީނުގެ ދެ މީހުން މަރާލައިފައިވާ ކަމަށާއި، ދެ ސިފައިން ވެސް މަރުވެފައިވާ ކަމަށް ބުނެފައެވެ.
ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ހަމަލާއަށް ފަހު، ހަބްރޫންއިން ފަލަސްތީނުގެ ދެ މީހަކު ހައްޔަރުކޮށް، އެ ސަރަހައްދަށް ވަދެނިކުމެވޭ ހުރިހާ މަގުތަކެއް ވަނީ ބަންދުކޮށްފައެވެ.
އެ ހާދިސާއާ ގުޅިގެން ނަތަންޔާހޫ ވަނީ، އަންނަ އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގެ ކެމްޕޭނާ ގުޅުންހުރި ބައެއް ހަރަކާތްތައް މެދުކަނޑާލައިފައެވެ. އަދި ހަބްރޫން ބަންދުކޮށް، މުޅި ހުޅަނގު އައްސޭރި ވެސް ބަންދުކުރުމަށް ތައްޔާރުވުމަށް އަސްކަރިއްޔާއަށް އަންގައިފައިވާކަމަށް ނަތަންޔާހޫ ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން، ހުޅަނގު އައްސޭރި ހިފި އަހަރު ކަމަށްވާ 1967ގެ ފަހުން އެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ފަށަން ތައްޔާރުވެފައިވާ ކަމުގެ އިންޒާރު ނަތަންޔާހޫ ދިނެވެ. އެ އޮޕަރޭޝަން ފަށާނެ ތާރީޚެއް ނިންމާނީ އިޒްރޭލުން ކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އިޒްރޭލުން 1967ގައި އަރަބި ގައުމުތަކުގެ ކޯލިޝަނަކާ ދެކޮޅަށް ކުރި ހަ ދުވަހުގެ ހަނގުރާމައިގައި ހުޅަނގު އައްސޭރީގެ އިތުރުން ޣައްޒާއާއި ގޯލާން ހައިޓްސް ވެސް ހިފިއެވެ. ނަމަވެސް އެއީ ބައިނަލްއަގުވާމީ އެއްވެސް ގާނޫނަކުން ބަލައިގަންނަ ކަމެއް ނޫނެވެ.