ޓެލްއަވީވު (19 އޮކްޓޯބަރު 2026) : އެމެރިކާގެ އެހީއާ ނުލައިވެސް އީރާނަށް އިސްވެ ހަމަލާދޭން ތައްޔާރުވަމުން ދާކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އިސްރާއީލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކޭންޕެއިންގައި އިސްރާއީލުގެ އާންމުންގެ ތާއީދު ހޯދުމަށް ބޭއްވި އެއްވުމެއްގައި ނަތަންޔާހޫ ބުނީ އެމެރިކާއާއި އިސްރާއީލު ގުޅިގެން މިދިޔަ އަހަރާއި މިއަހަރު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެވި އީރާނުގެ އަސްކަރީ ގާބިލްކަމަށް ބުރޫއަރުވައިލެވުނު ކަމަށާ އެއީ އޭނާގެ ވެރިކަމުގައި އީރާނުގެ މައްޗަށް ހޯދުނު ބޮޑުކާމިޔާބެއް ކަމުގައެވެ.
ނަތަންޔާހޫ ބުނިގޮތުގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް 45 ހާސް ހަމަލާ ދެވި ގިނަ މަރުކަޒުތަކެއް ހަލާކުކޮށްލެވުނެވެ. ނަމަވެސް ހަލާކުކޮށްލިތަންތަން އަލުން ބިނާކޮށް އީރާނުން ނިއުކްލިޔާ އަދި ކޮންވެންޝަނަލް ބާރުތައް ވަރުގަދަކުރަމުން ދާކަމަށާ އެއީ އިސްރާއީލަށް ކުރިމަތިވާ ބޮޑުގޮންޖެހުމެއް ކަމަށް ގަތުލުއާންމާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާތީ ބައިނަލްއަގްވާމީ ކޯޓަށް ބޭނުންވެފައިވާ ނަތަންޔާހޫ ބުންޏެވެ.
މި އެއްވުމުގައި ނަތަންޔާހޫ ވަނީ އޭނާ އަލުން އިސްރާއީލުގެ ވެރިކަމަށް ހޮވައިފިނަމަ ތަންފީޒުކުރާނެ ކަމަށް ބުނެ އިސްރާއީލުގެ އަމަނާބެހޭ އައު ޑޮކްޓްރިން އެއްވެސް ދައްކާލައިފައެވެ. 10 ނުކުތާގެ މައްޗަށް އެކުލެވޭ މިޑޮކްޓްރިންގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ އަނެއްކާވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދީ އެތަންތަން ހަލާކުކޮށްލުމެވެ. ދެވަނައަށް އިސްކަމަކަށް ނަތަންޔާހޫ ފާހަގަކޮށްފައިވަނީ ހަމާސްގެ ކުއްލި ހަމަލާތަކާ އަދި އީރާނުގެ ރައްދު ހަމަލާތަކާ ގުޅިގެން ގެއްލިފައިވާ އިސްރާއީލުގެ އަސްކަރީ ޑިޓަރެންސް އަލުން ހޯދުމެވެ.
މިކަމަށްޓަކައި އިސްރާއީލަށް ނުރައްކާވާ ކަމަށް ބެލެވޭ ކޮންމެ ތަނަކަށް އިސްވެ ހަމަލާދީ އެތަންތަން ހަލާކުކޮށްލުން ހިމެނޭ ކަމަށާ މީގެއިތުރުން ސަރަހައްދުގެ ހުރިހާ ގައުމަކަށްވުރެ އަސްކަރީ ގޮތުން ބާރުގަދަ ގައުމެއްގެ ގޮތުގައި އިސްރާއީލު ބޭއްވުމަކީ މިޑޮކްޓްރިންގައި ހިމެނޭކަމެއްކަން ނަތަންޔާހޫ ފާހަގަކުރިއެވެ.
ނަތަންޔާހޫގެ މިވާހަކަތަކަށް އީރާންވަނީ ހަރުކަށިކޮށް ރައްދެއް ދީފައެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފްގެ ނައިބު ލެފްޓިނެންޓް ޖެނެރަލް މުސްތަފާ އިޒީދީ ވިދާޅުވިގޮތުގައި އިސްރާއީލުން އީރާނަށް ހަމަލާދީފިނަމަ ރައްދުގައި ދެން އީރާނުން އިސްރާއީލަށް ހަމަލާދޭނީ ކުރިޔަށްވުރެ މާ ބާރުގަދަ މިސައިލްތައް ބޭނުންކޮށްގެންނެވެ. އެމެރިކާއާއި އިސްރާއީލުގެ އުދުވާންއާއެކު ފެނުނު ބަލިފައިތައް އަލުން ރަނގަނޅުކޮށް އީރާނުގެ އަސްކަރިއްޔާ މިހާރުވާނީ ކުރިޔާއަޅައިބަލާއިރު ދިފާއީ ގޮތުންނާއި ހަމަލާދިނުމުގެ ގޮތުން މާބޮޑަށްވެސް ބާރުގަދަކޮށް އައު ޓެކްނޮލޮޖީ ހޯދާފައި ކަމަށާ ކުރިންނެތްވަރަށް މިސައިލް ސްޓޮކްއާއި ޑްރޯން އައު އައުވައްތަރުތަކުގެ ހަތިޔާރު އީރާނުގައި މިހާރު ހުންނާނެކަމަށް ލެފްޓިނެންޓް ޖެނެރަލް މުސްތަފާ ވިދާޅުވިއެވެ.
އަދި އީރާނުން ހައިޕާ ސޮނިކް މިސައިލް އުފައްދާމިންވަރު ބޮޑުތަނުން އިތުރުކޮށްފައިވާކަމަށާ މިބާވަތުގެ މިސައިލްތައް އިސްރާއީލަށާއި އެމެރިކާއަށް މަތަނުކުރެވޭނެކަމަށްވެސް ޖެނެރަލް މުސްތަފާ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުން ޅަ އެއްޗެއް އަޅައިފިނަމަ އިސްރާއީލުގެ ޓެލްއަވީވުގެ ބޮޑުބައެއް ބިމާހަމަކޮށްލާނެކަމަށް ޖެނެރަލް މުސްތަފާ ވިދާޅުވިއެވެ.
މުހައްލިލުންގެ ނަޒަރުގައި އީރާނަށް އިސްވެ ހަމަލާދޭނެކަމުގެ ވާހަކަ ނަތަންޔާހޫ ފަތުރަނީ އިންތިޚާބީ ބޭނުމަށެވެ. އީރާނުގެ ރައްދު ވަރުގަދަވެފައި އިސްރާއީލުގެ ދިފާއީ ލޭޔަރުތައް ފޫއަޅުވާލުމުގެ ގާބިލްކަން އީރާނުގެ މިސައިލްތަކަށް ލިބިފައިވާތީ އީރާނަށް އިސްވެ ހަމަލާދިނުމުގެ ނިންމުމެއް ނިންމުމަކީ ނަތަންޔާހޫ އަށް މިހާރު އެހާ ފަސޭހަ ކަމެއްނޫނެވެ. ސަބަބަކީ އީރާނުގެ ރައްދު ހަމަލާތަކުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ކުރިން ލިބިފައިވުމާ އަދި އިސްރާއީލުގެ ދިފާއީ ނިޒާމުތަކުގައި ބޭނުންކުރާ ދިފާއި ބެޓްރީތައް މަދުވެ ދިފާއީ ނިޒާމުތައް ބަލިކަށިވެފައިވުމެވެ.
އަނެއްކޮޅުން އީރާނުން މިހާރު އައު ޓެކްނޮލޮޖީގެ މިސައިލްތައް އުފައްދާފައިވާކަން ނަތަންޔާހޫ އަށް އެނގޭނެކަމަށާ އަދި އީރާނުގެ ޖެހިލުންކުޑަކަމާއި އިސްރާއީލުގެ ހަގީގީ ފެންވަރުވެސް ކުރީގެ ހަމަލާތަކުން އީރާނަށް ވަޒަންކުރެވި އީރާނަށް ބޮޑެތި ތަޖުރިބާތަކެއް ލިބިފައިވާތީ އީރާންއާ އަލުން އިސްވެ ހަމަލާދޭން ނިންމުމަކީ އިސްރާއީލަށް ފަސޭހަ ކަމަކަށް ނުވާނެކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ.
އީރާނުގެ ރައްދު ހަމަލާތަކުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާނަމަ އީރާނަށް ދޭންފެށި ހަމަލާތައް އިސްރާއީލުން އަމިއްލައަށް ހުއްޓައިނުލީސްކަންވެސް މުހައްލިލުން ފާހަގަ ކުރައްވައެވެ.