އެންތްރޮޕިކުން އެންސްކޭލްއާއެކު 45 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް އުފައްދާ އެމެރިކާގެ އެންތްރޮޕިކް ކުންފުންޏަށް ކޮމްޕިއުޓިންގ ޕަވަރު ފޯރުކޮށްދިނުމަށްޓަކައި، ކްލައުޑް އިންފްރާސްޓްރަކްޗާ ކުންފުނި އެންސްކޭލްއާ ދެމެދު ގާތްގަނޑަކަށް 45 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ބޮޑު އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފިއެވެ.

މި އެއްބަސްވުމަކީ މި ދެ ކުންފުނީގެ ދެމެދުގައި ކުރިއަށްދާ މިފަދަ ދެވަނަ ބޮޑު މުއާމަލާތެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވެސް އެންތްރޮޕިކުން ވަނީ އެންސްކޭލްއާއެކު ގާތްގަނޑަކަށް 45 ބިލިއަން ޑޮލަރުގެ ކްލައުޑް އިންފްރާސްޓްރަކްޗާ އެއްބަސްވުމެއް ހަދާފައެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތައް ބިނާވެފައިވަނީ އެމެރިކާގެ ވެސްޓް ވާޖީނިއާގައި ހުންނަ އެންސްކޭލްގެ މޮނާކް ޑޭޓާ ސެންޓަރުގެ ދެވަނަ އިމާރާތުގެ ވަސީލަތްތައް ބޭނުންކުރުމުގެ މައްޗަށެވެ. މި ޑޭޓާ ސެންޓަރުން އެންވިޑިއާގެ އެންމެ ފަހުގެ ވޭރާ ރޫބިން އޭއައި ޗިޕްތަކާއެކު 460 މެގަވޮޓްގެ ކޮމްޕިއުޓިންގ ކެޕޭސިޓީ ފޯރުކޮށްދޭނެ ކަމަށް ވެއެވެ. މީގެ އިތުރުން، އެ ކެމްޕަހުގައި އަޅަން ރާވާފައިވާ ތިންވަނަ އިމާރާތުގެ ކެޕޭސިޓީ ވެސް އެންމެ ފުރަތަމަ އިޚްތިޔާރުކުރުމުގެ ހައްގު (ރައިޓް އޮފް ފަސްޓް ރިފިއުޒަލް) އެންތްރޮޕިކަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://sun.mv/227388

ވެސްޓް ވާޖީނިއާގެ މި ސައިޓަކީ މީގެ ކުރިން މައިކްރޯސޮފްޓް ކުންފުނިން ބޭނުންކުރުމަށް ސިޓީއެއްގައި ސޮއިކުރި ތަނެއް ނަމަވެސް، ކަރަންޓު ގުޅައިދިނުމުގެ މުއްދަތު ލަސްވުމާ ގުޅިގެން މިއަހަރުގެ ކުރީކޮޅު މައިކްރޯސޮފްޓުން ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ. އެއާއެކު އެންތްރޮޕިކަށް އެ ފުރުސަތު ފަހިވެގެން ދިޔައެވެ.

މަޝްހޫރު 'ކްލޯޑް' އޭއައި މޮޑެލް އުފެއްދި އެންތްރޮޕިކުން މިފަދަ ބިޔަ ކެޕޭސިޓީއެއް ހޯދުމަށް މަސައްކަތްކުރަނީ، ހިއްސާގެ ބާޒާރަށް ނުކުތުމުގެ ކުރިން އެ ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ ވަރުގަދަ ކޮމްޕިއުޓިންގ އިންފްރާސްޓްރަކްޗާ ކަށަވަރުކުރުމަށެވެ. ހަމައެއާއެކު އެންވިޑިއާގެ އެހީތެރިކަން ލިބިފައިވާ އެންސްކޭލް ކުންފުނިން އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމަށް ތައްޔާރުވަމުންދާއިރު، ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ ވެލިއުއޭޝަނެއް ހޯދުމަށް މިފަދަ ބޮޑު ކޮންޓްރެކްޓެއްގެ ސަބަބުން ބޮޑު އާމްދަނީއެއް ކަށަވަރުވެގެންދާނެއެވެ.

މި މަޝްވަރާތައް އަދި ރަސްމީކޮށް ނިމުމަކަށް ނައި ނަމަވެސް، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް މަސްދަރުތަކުން ބުނާއިރު، މި ރިޕޯޓާ ގުޅިގެން އެންސްކޭލް އަދި އެންތްރޮޕިކުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް