އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ސެނެޓް ގޮނޑިއަށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީން ވާދަކުރާ ކެންޑިޑޭޓް ކެން ޕެކްސްޓަންގެ ކެމްޕެއިނަށް، މަޝްހޫރު މަހުޖަނު އީލޮން މަސްކް 150 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފިއެވެ.
ފެޑެރަލް އިލެކްޝަން ކޮމިޝަން (އެފްއީސީ) އަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަހަރުގެ މިޑްޓާމް އިންތިޚާބަށް މަސްކް ދަނީ ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ޓެކްސަސްގެ ސެނެޓް ގޮނޑިއަކީ ދެ ޕާޓީގެ މެދުގައި ވަރަށް ވާދަވެރި ގޮނޑިއަކަށް ވުމާއެކު، މި ރޭހަށް ނުފޫޒު ފޯރުވުމަށް ބޮޑެތި އަދަދުތަކުން އޭނާ ޚަރަދުކުރަމުން އަންނަ ކަމަށް އެ ނޫހުގައިވެއެވެ.
އެފްއީސީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ރިޕަބްލިކަން ޕާޓީން ކެމްޕޭން ކުރުމަށް ހިންގާ "ސެނެޓް ލީޑަޝިޕް ފަންޑް" (އެސްއެލްއެފް) އަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު މަސްކް ވަނީ 75 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ. އެއަށްފަހު، އެ މަހުގެ 23 ވަނަ ދުވަހު އިތުރު 83 މިލިއަން ޑޮލަރު އޭނާ ހަދިޔާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ސީއެންއެންގައިވާ ގޮތުން، އެ ފައިސާ ލިބުނުތާ އެއް ދުވަސް ފަހުން އެސްއެލްއެފްއިން ވަނީ، ޓެކްސަސްގެ ސެނެޓް ރޭހަށް ޚާއްސަކޮށްގެން އުފައްދާފައިވާ ގްރޫޕް "ޓެކްސަސް ޕެކް" އަށް ފައިސާ ޖަމާކޮށްފައެވެ.
އެޑްއިމްޕެކްޓްގެ ތަފާސްހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ޓެކްސަސް ޕެކްއިން ވަނީ މިދިޔަ މަހު އެކަނި ވެސް އިޝްތިހާރުތަކަށް 77 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. އަދި އިންތިޚާބާ ހަމައަށް ޕެކްސްޓަންއަށް ތާއީދު ހޯދުމަށް 160 މިލިއަނެއްހާ ޑޮލަރު ހޭދަކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފައިސާގެ ބޮޑު ބައެއް ހޭދަކުރަނީ ޓީވީ އަދި ރޭޑިއޯ އިޝްތިހާރުތަކަށެވެ.
ރިޕަބްލިކަން ޕާޓީން ބޮޑެތި ހޭދަތަކެއް ކުރަމުންދާއިރު، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޭމްސް ޓަލަރިކޯ ވަނީ ފަންޑްރައިޒިންގައި އާ ރެކޯޑެއް ހަދާފައެވެ. އޭނާގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަހަރުގެ ތިންވަނަ ކުއާޓަރުގައި އޭނާ ވަނީ 64 މިލިއަން ޑޮލަރު ހޯދާފައެވެ. އެއީ ސެނެޓް އިންތިޚާބެއްގެ ތާރީޚުގައި ވެސް ކުއާޓަރެއްގެ ތެރޭގައި ކެންޑިޑޭޓަކު އެންމެ ގިނަ ފައިސާ ހޯދި ފަހަރެވެ. އެއާއެކު، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ކެމްޕެއިން ފެށި ފަހުން އޭނާއަށް ލިބުނު ފައިސާގެ ޖުމްލަ ވަނީ 134.3 މިލިއަން ޑޮލަރަށް އަރާފައެވެ.
ޓެކްސަސްގެ އިންތިޚާބަށް މަސްކް ބޮޑު ހޭދައެއްކުރާއިރު، އޭނާގެ ވިޔަފާރީގެ މައި މަރުކަޒުތައް މިހާރު ހުރީ އެ ސްޓޭޓްގައެވެ. ކެލިފޯނިއާގައި ހުރި ސްޕޭސްއެކްސް އަދި އެކްސްގެ ހެޑްކުއާޓަރު 2024 ވަނަ އަހަރު މަސްކް ވަނީ ޓެކްސަސްއަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ޓެސްލާގެ މައި އޮފީސް ވެސް ހުންނަނީ ޓެކްސަސްގައެވެ. އެހެންކަމުން، އެ ސްޓޭޓްގެ ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވުމަކީ މަސްކްގެ ވިޔަފާރިތަކަށް މުހިންމު ކަމެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ކުރިން ރިޕަބްލިކަން ޕާޓީގެ ޖޯން ކޯނިން ފުރުއްވަމުން ގެންދެވި މި ގޮނޑީގެ ރޭސް ވަރަށް ވާދަވެރި ކަމަށް ޕޯލްތަކުން ދައްކައެވެ. ފަހުގެ ޕޯލްތަކުން ދައްކާ ގޮތުގައި ޕެކްސްޓަންއަށް ވުރެ ކުޑަ ތަފާތަކުން ކުރީގައި އުޅެނީ ޓަލަރިކޯއެވެ.
އެމެރިކާގެ ކޮންގްރެސް އިންތިޚާބު އަބަދުވެސް ބާއްވަނީ ރިޔާސީ ދައުރެއްގެ މެދުތެރެއިން ކަމަށްވާއިރު، އެއީ އެއިރަކު އޮންނަ ސަރުކާރަކަށް ތާއީދު އޮންނަ މިންވަރު ދައްކުވައިދޭ އިންތިޚާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެ އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ 435 ގޮނޑިއަށާއި، ސެނެޓުގެ 100 ގޮނޑީގެ ތެރެއިން 35 ގޮނޑިއަށް މެންބަރުން ހޮވަން ވޯޓު ނަގާނެއެވެ.