ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް މުމްބާއީގެ ޖުހޫ ސަރަޙައްދުގައި ބަޑީގެ ނުރައްކާތެރި ޙަމަލާއެއް ދީފިއެވެ.
މިއަދު އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާގައި ޓައިގާއަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް، ކާރު ދުއްވަން އިން، އެކްޓަރުގެ ޑްރައިވަރުގެ އަތަށް ވަޒަން އަރައި ވަނީ ޒަޚަމްވެފައެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ޙާދިސާ ހިނގާފައިވަނީ ޖުހޫ ޕޮލިސް ސްޓޭޝަންގެ އިމުގެ ތެރޭގައި ހިމެނޭ ޕުޝްޕާ ޕާކް ކައިރިން، ޓައިގާ އާއި އޭނާގެ ރަޙްމަތްތެރިއަކު ފުޓުބޯޅަ ދަނޑަކުން ނިކުމެގެން ދަނިކޮށެވެ.
ސައިކަލެއްގައި އައި ތިން މީހަކު ކާރަށް ބަޑިޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ.
https://x.com/AdityaRajKaul/status/2111836568214466768
ޙާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އާންމުވި އޯޑިއޯ މެސެޖެއްގައި، އިންޑިއާގެ ޖަލުގައި ބަންދުކޮށްފައިވާ އެ ޤައުމުގެ މަޝްހޫރު ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ ގޭންގަށް ނިސްބަތްވާ އަނިލް ޕަންޑިތު ވަނީ މި ޙަމަލާގެ ޒިންމާ އުފުލައިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ޙަމަލާއަކީ ބިޝްނޯއީ ގޭންގުގެ އެންގުންތަކަށް ބެލުމެއްނެތި ސަލްމާން ޚާނާއެކު ޓައިގާ މަސައްކަތްކުރާތީ ދިން ފުރަތަމަ އަދި އެންމެ ފަހުގެ އިންޒާރެކެވެ.
މީގެ ކުރިން ފޯނުން ގުޅައި ވިސްނައިދިނުމުންވެސް އެކަން ޤަބޫލުނުކުރުމުން ދިން ފިލާވަޅެއް ކަމަށް ބުނެ، ސަލްމާން ޚާނާ ގުޅުން ބާއްވާ ކޮންމެ މީހަކު ވެސް މަރާލާނެ ކަމަށް އެ އޯޑިއޯގައި ވަނީ ބުނެފައެވެ.
ގުޖުރާތުގެ ޖަލެއްގައި ހުރި ލޯރެންސް ބިޝްނޯއީ އަކީ ސަލްމާނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުން އަންނަ ފަރާތެކެވެ. މި ދުޝްމަންކަން ފެށިގެން އައީ 1998 ވަނަ އަހަރު ސަލްމާން ކުޅުނު ފިލްމު "ހަމް ސާތު ސާތު ހޭ"ގެ ޝޫޓިންގް ކުރިއަށްދިޔަ ދުވަސްވަތު 'ބްލެކްބަކް' ޝިކާރަކުރި މައްސަލައިގައެވެ. އެ ޖަނަވާރަކީ ބިޝްނޯއީ ދަރިކޮޅުގެ މީހުން މާތްކޮށް ހިތާ އެއްޗަކަށް ވާތީ، ސަލްމާން މާފަށް ނޭދޭހާ ހިނދަކު އޭނާގެ އާއިލާއަށް ވެސް ދޫނުދޭނެ ކަމަށް ބުނެ އެ ގޭންގުން އަންނަނީ ބިރުދައްކަމުންނެވެ.
ސަލްމާން ޚާން އެކްޓަރު ޓައިގާ ޝްރޮފްއާ އެކު--ފޮޓޯ/ފޭސްބުކްއިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ)އިން 2023 ވަނަ އަހަރު ހާމަކުރި ގޮތުގައި، ބިޝްނޯއީ ގޭންގުން މަރާލަން އަމާޒު ހިފާފައިވާ އެންމެ އިސް 10 މީހުންގެ ލިސްޓުގެ ކުރީގައި އޮތީ ސަލްމާން ޚާނެވެ.
މި ނުރައްކާތެރި ޙަމަލާއާ ގުޅިގެން މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދެވޭންދުރަ ފަޑްނަވިސް ވަނީ މުމްބާއީގެ ޕޮލިސް ކޮމިޝަނަރާ ވަގުތުން ފޯނުން ގުޅުއްވައި، ޙާދިސާގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައިފައެވެ. އަދި މި މައްސަލަ ވީ އެންމެ އަވަހަކަށް ތަޙުޤީޤުކޮށް، މިކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ކޮމިޝަނަރަށް ވަނީ އަމުރުކުރައްވައިފައެވެ. މުމްބާއީ ފުލުހުން މިހާރު ވަނީ މި ޙަމަލާ ދިން މީހުން ހޯދުމަށް ޚާއްސަ ޓީމުތަކެއް އެކުލަވާލައި، ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި ފާސްކޮށް ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ.
މި ހާދިސާއާއެކު މުޅި ބޮލީވުޑަށް ބޮޑު ސިހުމެއް ވެރިވެފައިވާއިރު، މިއީ ފަހަކަށް އައިސް ފިލްމީ ދާއިރާގެ ތަރިންނަށް އަމާޒުކޮށް މިފަދަ ޙަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މީގެ ކުރިން މުމްބާއީގެ ބަންދްރާގައި ސަލްމާން ޚާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް އަމާޒުކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ވަނީ ބަޑީގެ ޙަމަލާތަކެއް ދީފައެވެ. ނަމަވެސް ބިޝްނޯއީ ގޭންގުގެ މި ނުރައްކާ ހަމައެކަނި ސަލްމާނަށް ހުއްޓިފައި ނުވާއިރު، އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ސިއްދޫ މޫސްވާލާ މަރާލުމުގެ ފަހަތުގައި ވެސް އެ ގޭންގުގެ އަތެއް ވާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. މީގެ އިތުރުން މަޤުބޫލު ލަވަކިޔުންތެރިޔާ އޭޕީ ދިއްލޯންގެ ގެއަށް ދިން ބަޑީގެ ޙަމަލާގެ ޒިންމާ ވެސް އެ ގޭންގުން އުފުލާފައިވާތީ، މިއީ އިންޑިއާގެ މުޅި މުނިފޫހިފިލުވުމުގެ ސިނާއަތަށް ބިޝްނޯއީ ގޭންގުގެ ނުފޫޒާއި ބިރުވެރިކަން ފުޅާވަމުން އަންނަކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.