އިންޑިއާގެ ސިނަމާގައި 'ސުޕަސްޓާރު'ގެ ލަޤަބު އަބަދުވެސް ޚާއްޞަ ވަނީ ސައުތު ސިނަމާގެ ކުޅަދާނަ އެކްޓަރު ރަޖްނީކާންތަށެވެ. އެ ޙަޤީޤަތް އަނެއްކާވެސް ސާބިތުކޮށްދެމުން، ޢުމުރުން 76 އަހަރުގައި އޭނާ ކުޅުނު އެކްޝަން ތުރިލާ 'ޖެއިލާ 2'އިން މިވަނީ ބޮކްސް އޮފީހުގައި އާދަޔާޚިލާފު ކާމިޔާބީއެއް ހޯދަން ފަށައިފައެވެ.
ޑައިރެކްޓަރު ނެލްސަން ދިލިޕްކުމާރު ގެނެސްދިން މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށިތާ އެންމެ ތިން ދުވަހުގެ ތެރޭގައި މުޅި ދުނިޔޭގެ ބޮކްސް އޮފީހުން 325 ކްރޯޑް ރުޕީސް (32.4 މިލިއަން ޑޮލަރު)ގެ ބޮޑު އާމްދަނީއެއް ހޯދާފައިވާއިރު، މިހާރު މިސްރާބު ހުރީ ވަރަށް އަވަހަށް 400 ކްރޯޑް ރުޕީސްގެ ފާހަގަ ފަހަނައަޅައި ދިއުމަށެވެ.
ތަމަޅަ ސިނަމާގެ ތާރީޚުގައި ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ޝަރަފާ ދިމާއަށް ދަތުރުކުރަމުން އަންނަ 'ޖެއިލާ 2'ގެ އަމާޒަކީ، ތަމަޅަ ސިނަމާގައި މިހާތަނަށް އުފެއްދި އެންމެ އާމްދަނީ ބޮޑު ފިލްމުގެ މަޤާމު ހޯދުމެވެ. މި ދަތުރުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މީގެ 8 އަހަރު ކުރިން ނެރުނު '2.0'ގެ ރެކޯޑު ފަހަތަށް ޖައްސާލުމަށް މި ފިލްމު ތައްޔާރުވަމުން އަންނައިރު، އެ ފިލްމުގެ ވެސް ލީޑު ރޯލު ކުޅެފައިވަނީ ހުދު ރަޖްނީކާންތު ކަމަށްވުމެވެ. އެހެންކަމުން މިއީ 8 އަހަރުގެ މެދުކެނޑުމަކަށްފަހު، ރަޖްނީކާންތުގެ އަމިއްލަ ރެކޯޑު އޭނާގެ އަމިއްލަ ފިލްމަކުން މުގުރާލުމުގެ ތާރީޚީ މަންޒަރެކެވެ.
ފިލްމު 'ޖެއިލާ 2'ގެ މަންޒަރެއްގައި ރަޖްނީކާންތު-- ފޮޓޯ/ އިންޑިއާޓުޑޭފިލްމު 'ޖެއިލާ 2'ގެ ވިޔަފާރީގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކަށް ދޫކޮށްލި ފުރަތަމަ ދުވަހު އެކަނިވެސް ވަނީ 130 ކްރޯޑް ރުޕީސް ފިލްމުން ވަނީ ހޯދައިފައެވެ. އޭގެ ފަހުން ދެވަނަ ދުވަހު 85 ކްރޯޑް ރުޕީސް ލިބުނުއިރު، ވިޔަފާރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިންވަނަ ދުވަހުގެ އާމްދަނީ އުޅެނީ ގާތްގަނޑަކަށް 110 ކްރޯޑް ރުޕީސްގައެވެ. ހަތަރުވަނަ ދުވަހުގެ ވިޔަފާރި ވެސް 100 ކްރޯޑް ރުޕީސްއަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ހަފުތާ ބަންދުގެ ދިގު މުއްދަތު ނިމޭއިރު މި ފިލްމުގެ އާމްދަނީ 425 ކްރޯޑް ރުޕީސްއަށް އަރާނެއެވެ. މިއީ މުޅި އިންޑިއާގެ ސިނަމާގެ ތާރީޚުގައި ވެސް ފުރަތަމަ ހަފުތާ ބަންދުގައި ހޯދާނެ އެންމެ ބޮޑެތި އާމްދަނީތަކުގެ ތެރޭގައި ހިމެނޭނެ ޢަދަދަކަށް ވުމުގެ އިތުރުން، ތަމަޅަ ސިނަމާގެ މުޅިން އައު ރެކޯޑެކެވެ.
މިއަދު ވެސް ބޮކްސް އޮފީސް ތަޅުވާލުމުގެ ޤާބިލުކަން ހުރިކަން ސާބިތުކޮށްދީ، ސިނަމާތަކުގައި މިވަގުތު އުފެދިފައިވާ ފޯރިއަކީ ޙަޤީޤަތުގައި ވެސް 'ރަޖްނީ މޭނިއާ'އެވެ. ސަން ޕިކްޗާސްއިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ 2023ގައި ބޮޑު ތަރުހީބެއް ހޯދި 'ޖެއިލާ'ގެ ކުރިއެރުމެކެވެ. ފިލްމުގައި ދައްކުވައިދެނީ ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގާ ބުދު ވަގަށްނެގުމުގެ ނުރައްކާތެރި ވިޔަފާރިއެއް ހުއްޓުވުމަށް، ރިޓަޔާކޮށްފައިވާ ޖަލު ވޯޑަންއަކު ކުރިއަށްގެންދާ ވަރުގަދަ ސިއްރު މިޝަނެކެވެ.
ރަޖްނީކާންތުގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ރަމްޔާ ކްރިޝްނަން، އެސްޖޭ ސޫރިޔާ، މިތުން ޗަކްރަބޯތީ، ވިދްޔާ ބާލަން، ޔޯގީ ބާބޫ، ސޫރަޖް ވެންޖާރަމޫޑޫ އަދި މޭޣަނާ ރާޖް ފަދަ މޮޅެތި ތަރިން ފެނިގެންދެއެވެ. މީގެއިތުރުން ރިތިކް ރޯޝަން، މޯހަންލާލް، ޝިވާ ރާޖްކުމާރު، ޖެކީ ޝްރޮފް، ވިޖޭ ސެތުޕަތީ އަދި ނޯރާ ފަތޭހީ ފަދަ ވަރުގަދަ ތަރިންގެ ޚާއްސަ ފެނިލުންތަކާއެކު، ފިލްމުގެ ފޯރި ވަނީ ބެލުންތެރިންގެ މެދުގައި އިތުރަށް ގަދަވެގެން ގޮސްފައެވެ.