މާލޭގައި ހިސާބުގަނޑު މީހުންނަށް އާންމު އުނދަގޫކުރާ މައްސަލައެއް ފުލުހަށް ހުށަހަޅައި ގިނަ ދުވަސްތަކެއްވީ ނަމަވެސް ހައްލުނުވެ އޮތުމުން، ދިވެއްސަކު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.
އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައެއް ދޮޅު އަހަރުވީއިރު ވެސް ހައްލުނުވާ ކަމުގެ ކަންބޮޑުވުމާއެކު، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު އިއްޔެ 8:00ގައި ހެންވޭރު ޕޮލިސް ސްޓޭޝަންގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށްޓެވިއެވެ.
އެ މައްސަލައިގައި އާންމު އުނދަގޫ ކުރާ ކަމަށް ތުހުމަތުކޮށްފައިވަނީ، މީގެ ކުރިން ވެސް ބަންދު ރެކޯޑެއް އޮތް، ހއ. ހޯރަފުއްޓަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަޙުމަދު ފައިރިޝްއަށެވެ.
ސައީދުގެ ހަޅުތާލާ ގުޅިގެން ރޭ ފައިރިޝް ހައްޔަރުކުރި ނަމަވެސް، ސައީދު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް ހައްޔަރުކުރުމަށް ފަހު ދޫކޮށްލާކަމަށް ރޭ ވިދާޅުވެފައެވެ. އަދި ހަޅުތާލު ހުއްޓާލަން ދެކޮޅުހެއްދެވިއެވެ.
އެެހެންނަމަވެސް، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިނުމުން ސައީދު ވަނީ 35 ގަޑިއިރަށްފަހު މިއަދު އެ ހަޅުތާލު ނިންމަވާލައްވައިފައެވެ.
އެ މައްސަލައިގައި ފައިރިޝް ހައްޔަރުކޮށްފައިވަނީ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އޭނާ ބަންދުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުން ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ފުލުހުންގެ ހާދިސާ ރިޕޯޓާއި ބަންދު ލޮގް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި އޭނާ މީހަކަށް ބިރުދައްކައި މުދަލަށް ގެންލުންދިން ކަމަށް ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ. ނަމަވެސް ފައިރިޝް، އޭނާއަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައިވާ ކަމަށް އަމުރުގައިވެއެވެ.
ކޯޓު އަމުރުގައިވަނީ އޭނާއަކީ ބަންދު ރިކޯޑު އޮތް މީހެއްކަން ވެސް ފާހަގަކޮށްފައެވެ.
އޭނާގެ ބަންދުގެ މުއްދަތު މިއަދު ޖަހާފައިވާއިރު، މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ދޭއްވާ ހޯމަ ދުވަހަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސައީދު ވަނީ ހަޅުތާލު ނިންމާލި ނަމަވެސް، އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ދައުލަތުގެ އިދާރާތަކުން ވެފައިވާ ވައުދުތައް ފުރިހަމައަށް ތަންފީޒުވަމުންދޭތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އެ މީހާއަކީ ވަރަށް ފަހުން ވެސް ބަންދުގައި ބަހައްޓާފައިވާ މީހެއް ކަމަށާއި ނަމަވެސް ބަންދުން ދޫކޮށްލި އިރަށް އަނެއްކާ ވެސް މީހުންނަށް އުނދަގޫކުރަން ފެށީކަން ފާހަގަކޮށްފައެވެ.