ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، 9 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

ވާރޭ ވެހެނިކޮށް މީހަކު މަގުމަތީގައި: ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ވަނީ ނެރެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މިއަދު ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން އެ ސަމާލު ނެރުނީ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އެ ސަމާލު ނެރެފައި ވަނީ، މިއަދު 13:00އާ ހަމައަށެވެ.

މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރުނުއިރު، ހއ. އަތޮޅާއި ކުޅުދުއްފުށި ސިޓީ ފިޔަވައި ހުރިހާ ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް ބުނެ މެޓުން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަމާލު ނެރެފައި ވަނީ، މިއަދު 14:00އާ ހަމައަށެވެ.

ވިއްސާރަ ދުވަހެއްގައި ބަޔަކު މޫދު ކައިރީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު 18:00އާ ހަމައަށް މެޓުން މޫސުން ލަފާކޮށް ނެރެފައިވާ މައުލޫމާތުގައި ވަނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ބުނެފައެވެ.

މީގެއިތުރުން، ހުރިހާ ސަރަހައްދަކަށް ވައި ޖެހޭނީ، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 35 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ބޯކޮށް ވާރޭ ވެހުނަސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އެކަމަކު، ވިލާގަނޑުގައި ކަނޑުތައް ގަދަވާއިރު، ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާ ފަސް ފޫޓާ ދެމެދުގައެވެ.

މެޓުގެ ރެކޯޑުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ބ. ދަރަވަންދުއަށެވެ. އެ ރަށަށް 81 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ފ. ނިލަންދުއަށް 51.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

comment ކޮމެންޓް