ކުރިއަށް އޮތް ހަފްތާގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސޫމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
އެގޮތުން އެ އޮފީހުން އެންމެ ފަހުން ނެރެފައިވާ މައުލޫމާތަށް ބަލާއިރު، މިރޭވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވައި ހުންނާނެކަމަށް ލަފާކޮށްފައި ވަނީ އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ވަނީ މިއަދު 17:45 އިން ފެށިގެން މިރޭ 23:45 ގެ ނިޔަލަށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލެއްވެސް ނެރެފައެވެ. މި މުއްދަތުގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން އެ އޮފީހުން އެންމެ ފަހުން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯއިން ދައްކާ ގޮތުގައި ރާއްޖެ އެއްކޮށް، ވަކިން ހާއްސަކޮށް މެދު ރާއްޖެއާއި ދެކުނުގެ އަތޮޅުތަކުގައި ވިލާ ވަނީ ބޯވެފައެވެ.
ނަކަތަށް ބަލާއިރު، މިހާރު ކުރިއަށް މިދަނީ ހުޅަނގު މޫސުމުގެ ހިތަ ނަކަތެވެ. އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް މި ނަކަތް ދެމިގެންދާއިރު، މި ނަކަތުގައި އާންމުގޮތެއްގައި ވައި މަޑުވެފައި އެކި ދުވަހު އެކި ވަރަށް ވިއްސާރަކުރާނެއެވެ.