ޓެކުހާއި އެކި ފީތަކުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އެންމެ ފަހުން އާންމުކުރި ސެޕްޓެމްބަރު މަހުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން، ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރިއަށްގެންދިޔަ އެންފޯސްމަންޓް ހަރަކާތްތަކުން ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ވަނީ މި ފައިސާ ދައުލަތަށް ޖަމާކޮށްފައެވެ.
އެގޮތުން ނޯޓިސް ފޮނުވައިގެން 394.51 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ފައިސާ ބަހާލައިގެން ދެއްކުމަށް ހެދި އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން 123.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ އިތުރުން ޑިއުސް ކްލިއަރެންސް މެދުވެރިކޮށް 86.58 މިލިއަން ރުފިޔާ، ފޯނުން ގުޅައި އީމެއިލް ފޮނުވައިގެން 10.02 މިލިއަން ރުފިޔާ އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން 8.43 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މީރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެކި ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު އަދިވެސް 14 ބިލިއަން ރުފިޔާއަށް ވުރެ މަތިކަމަށް މީރާއިން ބުނެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ ދިވެހިރާއްޖޭގައި ޓެކްސް ނެގުމާއި، ޓެކުހާ ގުޅޭ ޤާނޫނުތައް ތަންފީޛުކުރުމުގެ އިތުރުން ދައުލަތަށް ލިބެންޖެހޭ އެކި ފީތަކާއި އާމްދަނީ ބަލައިގަތުމަށް ޤާއިމުކޮށްފައިވާ މައި މުއައްސަސާއެވެ.