ރަސްމާލޭގެ މަޝްރޫއާ ގުޅޭގޮތުން އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް: -- ފޮޓޯ/ މަޖިލިސް

ވޯޓާ ފްރަންޓް މެރީނާގެ ނަމުގައި ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އެ ގަރާރުގައި ގޮވާލައްވާފައި ވަނީ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށާއި، މި މައްސަލައިގައި މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ކަނޑައެޅުމަށެވެ.

ރަސްމާލޭގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ވެސް އަދި ހިލޭ ވެސް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި، މި އެއްބަސްވުމާ ގުޅިގެން ހުރި ގިނަ ކަންބޮޑުވުންތަކެއް އެ ގަރާރުގައި ވަނީ ތަފުސީލުކޮށްދެއްވާފައެވެ.

އެގޮތުން، މިދިއަ މަހުގެ 21ގައި ސޮއިކުރި އެއްބަސްވުމުގެ މައުލޫމާތުތައް ސަރުކާރުން މިހާތަނަށް ސިއްރުކޮށްފައިވާ ކަމަށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަމަށް ގަރާރުގައިވެއެވެ. އަދި ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދީފައިވަނީ އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ ރޯލިން ލީސް އިންޓްރެސްޓް އުފެއްދުމުގެ ހައްގު ވެސް އެ ކުންފުންޏަށް ދީފައިވާކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. މިފަދަ ބޮޑު މަޝްރޫއެއްގެ މައުލޫމާތު ސިއްރުކުރުމަކީ ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

https://sun.mv/228579

ދައުލަތުގެ މިލްކުގައިވާ އެއްވެސް އެއްޗެއް ދޫކުރަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެ ގަރާރުގައި ހަނދާންކޮށްދީފައިވެއެވެ.

ހަމައެއާއެކު، ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް އޮންނައިރު، ގާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން މި މައުލޫމާތުތައް ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށް ވެސް އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކުރެވޭގޮތުގައި ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދިނުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިމަހުގެ ފަސް ވަނަ ދުވަހު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

މި ކުއްލި މައްސަލަ ވެސް މަޖިލީހަށް ހުށަހެޅުއްވީ މީކާއިލް ނަސީމެވެ. މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވެފައި ވަނީ ރަސްމާލެއަކީ ރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ ބޮޑު ރައުސްމާލެއް ކަމަށާއި ނަމަވެސް މި މަޝްރޫއު ކުރިއަށް ގެންދާ ގޮތާމެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

comment ކޮމެންޓް