ރާއްޖެއަށް އަދިވެސް ވަގަށް ސިނގިރޭޓާއި މުދާ އެތެރެކުރޭ، އެކަމެއް ނުހުއްޓާ: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: ރާއްޖެއަށް އަދިވެސް ވަގަށް ސިނގިރޭޓާއި މުދާ އެތެރެކުރާ ކަމަށާއި އެކަމެއް ނުހުއްޓުވޭ ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ރާއްޖެއަށް އަދިވެސް ވަގަށް ސިނގިރޭޓާއި މުދާ އެތެރެކުރަމުން ގެންދާކަމަށާއި އެކަން އަދިވެސް ހުއްޓާނުލައި ކުރިއަށް އެބަ ގެންދާ ކަމަށް ވެލިދޫ ދާއިރާގެ، އެމްޑީއޭގެ މަޖިލިސް މެމްބަރު މުޙައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ކޮންމެ ވެރިކަމެއްގައި ވެސް ހުރިހާ ބާރުތަކަކާއި ގާނޫނުތައް އޮންނަނީ އޭރަކު ހުންނަވާ ރައީސެއްގެ މުށުތެރޭގައި ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ވެސް ހިނގަނީ ވެރިން އަންގަވާ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްބާސް ވިދާޅުވީ، ރާއްޖެއަށް ސިނގިރޭޓު ކޮންޓެއިނަރުތައް ގެންނަ މަންޒަރު ފެންނަ ވީޑިއޯތައް އޭނާ ހަމަލޮލުން ދެކެވަޑައިގެންފައިވާ ކަމަށާއި، އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކޮންޓެއިނަރުތައް އެއްވެސް ވަރަކަށް ޗެކްނުކޮށް ދޫކޮށްލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މުޅި ނިޒާމުގެ ތެރޭގައި އޮތީ ކޮރަޕްޝަން ކަމަށް ވިދާޅުވަމުން އައްބާސް ވަނީ، ރާއްޖެއަށް ވަގަށް އެކި ބްރޭންޑުތަކުގެ ސިނގިރޭޓު ހުއްޓުމެއް ނެތި އެތެރެކޮށް، އޭގެން ބޮޑެތި ނާޖާއިޒު ފައިދާތައް ނަގަމުންދާ ކަމަށް ވިދާޅުވެފައެވެ.

"އިއްޒަތްތެރި ރައީސް ރާއްޖެއަށް ބަރާބަރަށް ސިނގިރޭޓް އެބަ އެތެރެކުރޭ. ބަރާބަރަށް ސިނގިރޭޓާއި މުދާ ވަގަށް އެބަ އެތެރެކުރޭ. އެތަކެތިން ނާޖާއިޒު މަންފާ ހެސްކިޔާފަ އެބަ ނަގާ.،" މަޖިލީހުގައި އައްބާސް ވިދާޅުވިއެވެ.

comment ކޮމެންޓް