ނުހެދި އޮންނަތާ 20 އަހަރުވީ ނާގޯށި، އަހަރެއްހާ ދުވަސްތެރޭ ހުޅުވޭނެ ކަމަށް ބެލެވޭ: އަމީން

ނާގޯށި ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ އެމްޓީޑީސީގެ އެމްޑީއާއި އެ ކުންފުނީގެ ބައެއް މުވައްޒަފުން ނާގޯށީގައި: އަހަރެއްހާ ދުވަހުގެ ތެރޭ ނާގޯށި ހުޅުވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި --- ފޮޓޯ/ އެމްޓީޑީސީ

މީގެކުރިން ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.

ރިސޯޓު ހެދުމަށް ނާގޯށި އެންމެ ފުރަތަމަ އެމްޓީޑީސީއާ ހަވާލުކުރީ 2006ގައެވެ. އެކަމަކު 19 އަހަރުވީއިރު ވެސް، އެ ރަށް ރިސޯޓެއް ގޮތުގައި ތަރައްގީ ކުރެވިފައި ނުވެއެވެ.

މިދިޔަ އަހަރު އޮގަސްޓުގައި ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅެއްގައި ނާގޯއްޓަށް ވަޑައިގެން ވަނީ، މި އަހަރުގެ ތެރޭގައި އެ ރަށް ރިސޯޓެއްގައި ހުޅުމަށް ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކޮށްފައެވެ. އެގޮތުން 183 ކޮޓަރީއާއެކު އެ ރިސޯޓު ނިންމޭނެ ކަމަށް އޭރު އެމްޓީޑީސީން ބުނީ، މި އަހަރުގެ ޑިސެމްބަރުގެ ތެރޭގައެވެ.

މިރޭ އަހާ ފޯރަމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވަނީ އެ މަޝްރޫއުގެ އަދާހަމައެއް ދެއްވާފައެވެ. އެގޮތުން، ނާގޯށީގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޓުއަރިޒަމް މިނިސްޓަރު އަމީން-- ފޮޓޯ/ ރައީސް އޮފީސް

"މަސައްކަތް ކުރަމުން ދިޔައީ މި އަހަރުގެ ނޮވެންބަރަށް ހުޅުވަން ކަމަށް ވީ ނަމަވެސް އަދި 11 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެނެވޭނެ،" އަމީން ވިދާޅުވިއެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މިނިސްޓަރު ލަފާކުރެއްވިއިރު، ސީދާ ތާރީޚެއް ވިދާޅެއް ނުވެއެވެ.

ނާގޯށިި ތަރައްގީކުރަން އެކި ފަހަރު މަތިން އެމްޓީޑީސީއާ ހަވާލުކޮށްފައިވާއިރު، އެ ކުންފުންޏަށް ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންގޮސްދެވިފައި ނުވެއެވެ. އެގޮތުން ތުރީކެއާ އިންޓަނޭޝަނަލް ކިޔާ ރަޝިއާ ކުންފުންޏަކަށް 2007 ވަނަ އަހަރު ދިނުމަށް ފަހު ދުބާއީގެ ކޮންޓްރެކްޓަރަކާ 2021 ވަނަ އަހަރު އެ ރަށް ހަވާލުކުރިއެވެ.

ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ނާގޯށީގެ މަސައްކަތް ނުނިމި ލަސްވުމުން އެމްޓީޑީސީއާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރި އެވެ. އަލުން އެ ރަށް އެ ކުންފުންޏާ 50 އަހަރަށް ހަވާލުކުރީ 2017 ވަނަ އަހަރުގެ އޮގަސްޓުމަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ.

https://sun.mv/210431

އޭގެ ފަހުން 2018 ވަނަ އަހަރު، އެމްޓީޑީސީން އެ ރަށް އިންވެސްޓަރަކަށް ވިއްކާލަން ވެސް ނިންމިއެވެ.

މިދިޔަ އަހަރު އެ ތަން ތަރައްގީ ކުރަން އެމްޓީޑީސީއާ ހަވާލުކުރީ، ބީޗް ވިލާއާއި ޖަކޫޒީ ބީޗް ވިލާއާއި ވޯޓާ ވިލާ ހިމެނޭ ގޮތަށް ހަތަރު ކެޓެގަރީއެއްގެ ކޮޓަރި ހިމެނޭ ގޮތަށެވެ. އޭރު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވި ގޮތުގައި، އެ ތަން ހުޅުވުމުން ރަށުގައި 600 ވަޒީފާ އުފެދޭނެއެވެ.

comment ކޮމެންޓް