ޔޫކްރެއިނަށް އައު ރައީސަކު ބޭނުންވެއްޖެ: ޓްރަމްޕް

ޔޫކްރެއިނަށް އައު ރައީސަކު ހޮވަންވީ ވަގުތު ޖެހިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބީބީސީގައިވާ ގޮތުގައި، ޓްރަމްޕް މިހެން ވިދާޅުވީ، އެމެރިކާއިން ރަޝިއާގެ ޑީސަލް އެތެރެކުރުމަށް ހެދި އެއްބަސްވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހު ވައިޓް ހައުސްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ޙަމަލާދީގެން ޒެލެންސްކީ މަސައްކަތް ކުރައްވަނީ މުޅި ދުނިޔެއަށް މައްސަލަތައް އުފެއްދުމަށް ކަމަށެވެ. އަދި އެފަދަ ޙަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި، ޔޫކްރެއިނަށް ބޭނުންވަނީ އެއްބަސްވުންތައް ހެދޭނެ ފަދަ އައު ލީޑަރެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހޫނުވެފައިވަނީ، އެމެރިކާއިން ރަޝިއާގެ ޑީސަލް އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަންނަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މެދުކަނޑާލަން ނިންމުމުންނެވެ. މި އެއްބަސްވުމާ ގުޅިގެން ޒެލެންސްކީ ވިދާޅުވީ، މިއީ ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިންއަށް ދެވުނު "ހަދިޔާއެއް" ކަމަށާއި، މީގެ ސަބަބުން ހަނގުރާމަ ކުރިއަށް ގެންދިއުމަށް ރަޝިއާއަށް ފައިސާ ލިބިގެންދާނެ ކަމަށެވެ. އަދި ޒަޕޮރީޜިއާއަށް ދިން ނުރައްކާތެރި ޙަމަލާތަކަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން މި އެއްބަސްވުން ބަލައިގަތީ ޔޫކްރެއިންގެ ސިޓީތަކަށް ބޮންއެޅުން ކުރިއަށް ގެންދިއުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ކަމަށެވެ.

އަނެއްކޮޅުން، ޓްރަމްޕްގެ މި ވާހަކަތަކަށް ރަޝިއާއިން ވަނީ ތައުރީފުކޮށްފައެވެ. ޕުޓިންގެ މަންދޫބު ކިރިލް ޑިމިޓްރިއެވް ވިދާޅުވީ ޓްރަމްޕްގެ މި ވިސްނުމަކީ ތާރީޚީ ނިންމުމެއް ކަމަށާއި، ޔޫކްރެއިނަށް ބޭނުންވަނީ ސުލްޙައަށް އިސްކަންދޭނެ ވެރިކަމެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދައުރުވާ ހޮރުމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެންނެވެ. އެމެރިކާގެ ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް، އެ ގައުމުގެ އެތެރޭގައި ތެލުގެ އަގު ހެޔޮކުރުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރަޝިއާއެކު ހެދި ޑީސަލް އެއްބަސްވުމަށް ޔޫރަޕްގެ އިއްތިހާދުން (އީޔޫ) ވެސް ވަނީ ފާޑުކިޔާފައެވެ.

އީޔޫގެ ފޮރިން އެފެއާޒް ޗީފް ކާޖާ ކައްލަސް ވިދާޅުވީ މިއީ ރަޝިއާއަށް ދޫދޭންވީ ވަގުތު ނޫން ކަމަށާއި، އީޔޫއިން ރަޝިއާއާ ދެކޮޅަށް އަޅާ އެންމެ ބޮޑު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޕެކޭޖް ވަރަށް އަވަހަށް ފާސްކުރާނެ ކަމަށެވެ. މީގެއިތުރުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމް ވަނީ ޒެލެންސްކީއާ ފޯނުން ގުޅުއްވައި، ޔޫކްރެއިނަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު (މާޝަލް ލޯ) އިޢުލާންކޮށްފައިވާތީ، ޔޫކްރެއިންގައި އިންތިޚާބުތައް ބޭއްވުން މިވަގުތު އޮތީ މެދުކަނޑާލާފައެވެ.

comment ކޮމެންޓް