ރަޝިޔާގެ ވައިލްޑްބެރީސް ކުންފުނީގެ ގުދަންތަކަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާތަކެއް ދީފި

ރަޝިޔާގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި ކަމަށްވާ 'ވައިލްޑްބެރީސް' ގެ ގުދަންތަކަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާތަކެއް ދީ، 15 މީހަކު ޒަޚަމްކޮށްލައިފިއެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ ރަޝިޔާގެ ހުޅަނގު ދެކުނުގައި އޮންނަ ކްރަސްނޮޑާ އަދި ސްޓަވްރޮޕޯލް ސަރަހައްދުގެ ނެވިންނޮމިސްކްގައި ހުންނަ އެ ކުންފުނީގެ ލޮޖިސްޓިކްސް މަރުކަޒުތަކަށެވެ. މިއީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ވައިލްޑްބެރީސްގެ އިމާރާތްތަކަށް ޔޫކްރެއިނުން ހަމަލާދިން ދެވަނަ ފަހަރެވެ.

ހޮނިހިރު ދުވަހު ޓަމްބޯވް އަދި އެލެކްޓްރޮސްޓާލްގައި ހުރި ގުދަންތަކަށް ދިން ހަމަލާތަކުގައި އަށް މީހަކު މަރުވެ، 62 މީހަކު ވަނީ ޒަޚަމްވެފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި މަރުކަޒުތަކަށް ހަމަލާދިނީ އެ ތަންތަނަކީ ރަޝިޔާގެ އަސްކަރިއްޔާއަށް ބޭނުންވާ ޑްރޯންގެ ބައިތަކާއި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމުގައި ބައިވެރިވާ ތަންތަން ކަމަށް ވާތީއެވެ.

ވައިލްޑްބެރީސްގެ ބާނީ ޓަޓްޔާނާ ކިމް ޓެލެގްރާމް މެދުވެރިކޮށް ބުނި ގޮތުގައި، އާންމު މުވައްޒަފުންނަށް އަމާޒުކޮށް ދިން މި ހަމަލާތަކާ ގުޅިގެން ކުރެވޭ އިހުސާސްތައް ބަޔާންކުރަން ދަތި ނަމަވެސް، އާންމުންގެ ލާބައަށްޓަކައި ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ކްރަސްނޮޑާގެ ގަވަރުނަރު ވެނިއަމިން ކޮންޑްރަޓްޔޭވް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގެ ގުދަނަށް ދިން ހަމަލާގައި 10 މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސްއެވެ. އަދި ނެވިންނޮމިސްކްގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ސްޓަވްރޮޕޯލްގެ ގަވަރުނަރު ލަޑިމިއަރ ލަޑިމިރޯވް ވިދާޅުވިއެވެ.

މީގެ އިތުރުން، ކްރަސްނޮޑާ ސަރަހައްދުގެ އާމަވިއަރ ސިޓީގައި ހުރި ތެޔޮ ރައްކާކުރާ މަރުކަޒަކަށް ވެސް ޑްރޯން ހަމަލާތަކެއް އަރައި، އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޒެލެންސްކީ އިތުރަށް ވިދާޅުވި ގޮތުގައި، ޔޫކްރެއިނުން ވަނީ އަޒޯވް ކަނޑާއި ކަޅު ކަނޑުގައި ހަރަކާތްތެރިވާ ރަޝިޔާގެ ތެޔޮ ޓޭންކަރަކަށާއި މުދާ އުފުލާ ހަތަރު ބޯޓަކަށް ވެސް ހަމަލާދީފައެވެ.

ޔޫކްރެއިނިއަން ސެކިއުރިޓީ އެންޑް ކޯޕަރޭޝަން ސެންޓަރުގެ ޗެއާމަން ސަރްހީ ކުޒާން ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ވައިލްޑްބެރީސްގެ ގުދަންތަކަށް ހަމަލާދިނުމުގެ މައިގަނޑު ބޭނުމަކީ ރަޝިޔާގެ އަސްކަރިއްޔާއަށް ބޭނުންވާ މުހިންމު އިލެކްޓްރޯނިކްސްއާއި އެހެނިހެން މުދާ ފޯރުކޮށްދިނުމުގެ ވިއުގައަށް ހުރަސްއެޅުމެވެ.

comment ކޮމެންޓް