އިމްރާން ޚާންގެ ޕާޓީ އިސްކޮށް އޮންނަ ޕްރޮވިންސުގައި ޕާކިސްތާނުން ކުއްލި ހާލަތު އިއުލާންކޮށްފި

އިމްރާން ޚާންގެ ސަޕޯޓަރުން އެއްވެފައި: އިމްރާން ޚާންގެ ޕާޓީން ވެރިކަން ކުރާ ޕްރޮވިންސުގައި ޕާކިސްތާނުން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައި -- ފޮޓޯ/ އޭއެފްޕީ

ޕާކިސްތާނުގައި ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ވެރިކަން ކުރާ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި އެ ގައުމުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް އެ މަނިކުފާނު ސޮއިކުރެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިސްކޮށް ހުންނަވައިގެން ބޭއްވި ކެބިނެޓް ބައްދަލުވުމަކުން އެރުވި ލަފާގެ މަތިންނެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކެބިނެޓުން މިގޮތަށް ނިންމީ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުން، ޕްރޮވިންޝަލް ސަރުކާރުން ގަސްތުގައި ދުރުވެފައިވާކަން ފާހަގަކުރެވިގެން ކަމަށެވެ.

ގާނޫނުއަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއްގައި ޕްރޮވިންޝަލް ސަރުކާރުގެ ބާރުތައް މަރުކަޒީ ސަރުކާރަށް ނެގުމުގެ އިޚްތިޔާރު ލިބިގެންވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ޕްރޮވިންސް ހިންގާނެ ގޮތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މި ނިންމުން އިއުލާންކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޚައިބަރު ޕަޚްތޫންޚުވާގެ ޗީފް މިނިސްޓަރު ސުހައިލް އަފްރީދީއާއި އެ ޕްރޮވިންސްގެ ޕީޓީއައިގެ ރައީސް ހައްޔަރުކޮށްފައިވާ ކަމަށް، އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ބުނެފައެވެ.

މި ފިޔަވަޅުތައް އަޅާފައި މިވަނީ، އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ޕީޓީއައިއިން ވެރިރަށް އިސްލާމްއާބާދަށް ގޮސް ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި މުޒާހަރާ ފުރަތަމަ ރާވާފައި އޮތީ މިދިޔަ މަހުގެ 27 އަށެވެ. ނަމަވެސް ސަރުކާރާއި ޕީޓީއައިގެ ލީޑާޝިޕާ ދެމެދު މަޝްވަރާކުރުމަށްޓަކައި މުޒާހަރާ މިދިޔަ އާދިއްތައަށް ފަސްކުރީއެވެ.

އެެހެންނަމަވެސް، ސަރުކާރުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ވެރިރަށަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި މުޒާހަރާ ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ހަފުތާތަކެއް ކުރިން ފެށިގެން ތައްޔާރީތައް ވާން ފަށާފައެވެ. މިގޮތުން، އިސްލާމްއާބާދަށް ވަންނަން ހުރި މައި މަގުތަކުގައި ޝިޕިން ކޮންޓެއިނަރުތައް ބަހައްޓައިގެން ބޮޑެތި ބެރިކޭޑުތައް ހަދައި، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

މިކަމާ ގުޅިގެން ޕީޓީއައިގެ ތަރުޖަމާނު ޒުލްފިގާރު ބުހާރީ ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ސަބަބުން އިތުރު ލޭއޮހޮރުވުމަކާއި، ހަމަނުޖެހުމަކާއި، އާންމުންނަށް ގެއްލުންތަކެއް ކުރިމަތިވުން ފިޔަވައި އިތުރު ކަމެއް ނުވާނެއެވެ. އަދި ސަރުކާރަށް މަޝްވަރާކުރުމުގެ ފުރުސަތު އޮތް ކަމަށާއި، ނަމަވެސް ސަރުކާރުގެ މި ނިންމުމުން ދައްކުވައިދެނީ މަޝްވަރާކުރުމުގެ ނިޔަތެއް ނެތްކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އަދި ވޯލްޑް ކަޕް ކާމިޔާބުކުރި މަޝްހޫރު އިމްރާން ޚާން, އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އިންތިޚާބުވީ 2018 ވަނަ އަހަރެވެ. އޭގެ ހަތަރު އަހަރު ފަހުން، ޕާކިސްތާނުގައި، އެމެރިކާއާއި އިމްރާންގެ ސިޔާސީ ވާދަވެރިންނާ ގުޅިގެން އަސްކަރިއްޔާއިން ނެގި އިތުބާރު ނެތްކަމުގެ ވޯޓެއްގެ ތެރެއިން އޭނާ މަގާމުން ވަކިކުރިއެވެ.

ވެރިކަމުން ދުރުކުރުމަށްފަހު، އޯގަސްޓު 2023 އިން ފެށިގެން ޖަލުގައި ހުންނެވި އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަނާއި ދައުލަތުގެ ސިއްރުތައް ހާމަކުރުން ފަދަ އެތައް ދައުވާއެއް އުފުލައި، އެކި މައްސަލަތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ވަނީ އިއްވާފައެވެ. އޭގެ ތެރެއިން ބައެއް ހުކުމްތައް މަތީ ކޯޓުތަކުން ބާތިލުކޮށް ނުވަތަ ފަސްކޮށްފައިވީ ނަމަވެސް، އިތުރު މައްސަލަތަކާ ގުޅިގެން އޭނާ އަދިވެސް ހުންނެވީ ޖަލުގައެވެ.

comment ކޮމެންޓް