މަތީ ފަންތީގެ ދަތުރުތަކެއް ކުރިއަށް އެބަހުރި، ޕާކިސްތާނާއެކު އޮތް ގުޅުމުން ރާއްޖެއަށް އުފާވެރި ޚަބަރުތަކެއް ލިބޭނެ: ޕާކިސްތާން ސަފީރު

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސޫލް ލޯދީ --- ސަން ފޮޓޯ

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެ، އެންމެ މަތީ ފަންތީގެ އިތުރު ދަތުރުފުޅުތަކެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށާއި، މި ގުޅުމުގެ ތެރެއިން ދެ ގައުމަށް ވެސް އުފާވެރި ޚަބަރުތަކެއް ލިބޭނެ ކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސޫލް ލޯދީ ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ "ޑިޕްލޮމެޓިކް ފޯކަސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ވިދާޅުވީ، ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކުރުމުގައި ވެރީންގެ ލެވެލްގެ ބައްދަލުވުންތަކާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ މަތީ ފަންތީގެ ދަތުރުތަކަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން 2018 އިން ފެށިގެން 2023 އާ ދެމެދު އެފަދަ ދަތުރުތައް މެދުކެނޑިފައި އޮތުމަކީ ހިތާމައެއް ނަމަވެސް، ވޭތުވެދިޔަ އަހަރުން ފެށިގެން އެ ގުޅުންތައް އަލުން އިއާދަވެ، ވަރުގަދަވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި މިހާރު ހިނގަމުންދާ ގުޅުންތަކުގެ ތަފުސީލު ދެއްވަމުން ލޯދީ ވިދާޅުވީ، ވޭތުވެދިޔަ އަހަރު ދެ ސަރުކާރު ގުޅިގެން ރޭވި ރޭވުންތަކުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އިސްވެ ހުންނަވައި ވަފުދެއް ޕާކިސްތާނަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އަދި އޭގެ ބަދަލުގައި މިދިޔަ ޑިސެމްބަރު މަހު ޕާކިސްތާނުގެ ގައުމީ މަޖިލީހުގެ ރައީސް ވަފުދަކާއެކު ރާއްޖެއަށް ވަޑައިގެން، ދެ ގައުމުގެ ޕާލިމަންޓުގެ ދެމެދުގައި ފަހުމުނާމާއެއް (އެމްއޯޔޫ) އެކުލަވާލެވުނު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެ އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން 20 މެންބަރުން ހިމެނޭ ވަފުދެއް މިދިޔަ މަހު ޕާކިސްތާނަށް ދަތުރުކުރެއްވި ކަމަށް ހައިކޮމިޝަނަރު ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ޕާލިމަންޓުގެ މުހިންމު ކޮމިޓީތަކުގެ މަސައްކަތްތައް ބައްލަވާލައްވައި، ދެފަރާތަށް ފައިދާހުރި ގިނަ މަޝްވަރާތަކެއް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ހައިކޮމިޝަނަރު އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ހަގީގީ، ފައިދާހުރި މަސައްކަތްތަކަކަށް ބަދަލުކުރުމަށް ޓަކައި މުއައްސަސާތަކުގެ ދެމެދުގައި މިފަދަ ނިޒާމީ ގުޅުންތައް ބޭއްވުން މުހިންމު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކި ފަންތީގެ އިތުރުން އެންމެ މަތީ ފަންތީގެ ދަތުރުތައް ކުރިއަށްދާނެ ކަމުގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށާއި، އެ ދަތުރުތައް ހަމަޖެހުމުން ދެ ގައުމުގެ ސަރުކާރުން އެކަން އިއުލާނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މުސްލިމުން. ﷲ ގެ ޙަޒްރަތުން އަޅުގަނޑުމެން އަބަދުވެސް އުންމީދު ކުރަނީ ހެޔޮ، އުފާވެރި ޚަބަރުތަކަކަށް. އިރާދަކުރެއްވިއްޔާ، ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ވެސް ލިބިގެންދާނީ ވަރަށް އުފާވެރި ޚަބަރުތަކެއް،" ހައިކޮމިޝަނަރު ވިދާޅުވިއެވެ.

comment ކޮމެންޓް